ސުޕްރީމް ކޯޓުގައި ހިންގާ މައްސަލަތައް ބެލުމަށް ފަނޑިޔާރަކު ތަނާޒުލްވެވަޑައިގަންނަވާ ހާލަތްތަކުގައި އަމަލު ކުރައްވާނެ އުސޫލެއް އެ ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން ބުނީ މައްސަލަ ބެލުމުގައި ފަނޑިޔާރުން ތަނާޒަލްވެވަޑައިގަތުމުގައި އަމަލު ކުރައްވާނެ އުސޫލު މިހާރު އެ ކޯޓުގެ ގަވާއިދުގައި ވެސް ހިމަނާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލުގައި ބުނެފައި ވަނީ ފަނޑިޔާރަކާ ހަވާލު ކޮށްފައިވާ މައްސަލައަކުން ތަނާޒުލްވެވަޑައިގަންނަވަން ޖެހޭ ކަމަށް ފެނިއްޖެ ނަމަ ސަބަބާއެކު އެކަން ކޯޓުގެ ރަޖިސްޓްރާ އަށް އަންގަވަންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރަކާ ހަވާލު ކޮށްފައިވާ މައްސަލައެއް ބެލުމަށް ގާނޫނީ ގޮތުން ހުރަސްއަޅާ ފަދަ ކަމެއް އޮތް ނަމަ އެފަދަ މައްސަލައަކުން ފަނޑިޔާރުން ތަނާޒުލްވެވަޑައިގަންނަވަން ޖެހޭނީ ލިޔުމުން ރެކޯޑް ކުރެއްވުމަށް ފަހު ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ދާއިމީ ސުޕްރީމް ކޯޓް އުފެދުމާ އެކު އެ ކޯޓުން ވަނީ މައްސަލަ ހުށަހެޅުމަށް ގެންގުޅޭ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިހާރު ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭ ބާވަތުގެ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދޭނީ ހުރިހާ ފަނޑިޔާރުން ހިމެނޭ މަޖިލީހަކުންނެވެ. އަދި އެހެނިހެން މައްސަލަތައް އެ ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދޭނީ މަދުވެގެން ފަސް ފަނޑިޔާރުން ހިމެނޭ މަޖިލީހަކުންނެވެ.
މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލް ވެވޭނެ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ