ގާމާދޫ ޖަލު ސަރަހައްދުން މިދިޔަ އަހަރު ފެނުނު މިނިކަށީގެ ތަހުގީގު ނިމިފައިވާ ކަމަށާއި އެ ކަށިތައް ޖަލުގައި ހުއްޓާ ގެއްލުނު ކަމަށް ބުނާ ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސްގެ އުމުރާ ދިމާވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ތާރީހު ލިޔުންތެރިޔާ ހ. ޝަފީގުގޭ އަހުމަދު ޝަފީގު ލިޔުއްވި "އަހުމަދު ޝަފީގުގެ ހަޔާތުން ދުވަހެއް" ފޮތް ނެރުމަށް މިއަދު ނަސަންދުރަ ޕެލަސް ހޮޓަލުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާމާދޫ ޖަލު ސަރަހައްދުން މިދިޔަ އަހަރު ފެނުނު މިނިކަށިތަކުގެ ޑީއެންއޭ ހެދުމަށް ތައިލެންޑަށް ފޮނުވައިގެން ކުރި ތަހުގީގު ނިމިފައިވާ ކަމަށެވެ. އަދި އެ ކަށިތައް ކުރިން ޖަލުގައި ހުއްޓާ ގެއްލުނު ކަމަށް ބުނާ ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސްގެ އުމުރާ ދިމާވާ ކަމަށެވެ. އަދި އެ މީހާ މަރުވި ދުވަސް އެ ކަށިތަކުގެ އުމުރާ ދިމާވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި، އޭރު ޖަލު ބަލަހައްޓަން ހުރި ގދ. ހޯޑެއްދޫ، މުރަކަ، މުހައްމަދު ނައީމާ ކުރި ސުވާލުތަކުން އަނީސް މަރުވީ ޖަލުގައި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މީހާ އަތުން ނެގުނު ބަޔާނުން އަނީސް ޖަލުން ފިލައިގެން ނުދާ ކަމަށާއި މަރުވީ ޖަލުގައި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވޭ ވަރަށް ތަހުގީގު ނިމިފައިވާ ކަމަށެވެ.
"އެހެންވީމަ ޝަފީގުގެ ޑައިރީގައިވާ 111 މިފަދަ މީހުންނަށް މަސައްކަތްކޮށްދޭން ބޭނުން. އެ 111 މީހުންނަކީ ކޮބައިތޯ އާއި 111ގެ މީހުންގެ މަރުގެ މައްސަލަ ބަލައިދޭން އަޅުގަނޑު ވެސް ބޭނުން،" ރައީސް ވިދާޅުވި އެވެ.
"ހަވީރަށް" މިއަދު ލިބުނު ޑޮކިއުމަންޓެއްގައިވާ ގޮތުން، އެ މައްސަލަ ފުލުހުން ތަހުގީގުކުރި އިރު ފެނިފައިވާ ކަށިތަކަކީ ގިނަ ދުވަސްވެފައިވާ ކަށިތަކެއް ކަމަށް ވެފައި، އެއްވެސް ކަހަލަ ބޯން މެރޯއެއް އެ ކަށިތަކުން ލިބިފައިނުވާތީ އެކަށިތަކުން ޑީއެންއޭ ހެދުމަށް ބޭނުންކުރެވޭނީ މައިޓޮ ކޮންޑްރިއަލް ޑީއޭންއޭ އެނަލައިސް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އެ ޑީއެންއޭ ހެދުމުން ހަމައެކަނި ދައްކާނީ މަންމަ ފަރާތުގެ ޖީންސް ކަމުން، ބައްޕަގެ ފަރާތުން ހޯދޭ ސާމްޕަލްއަކުން ކަށިތަކުން ލިބޭ ޑީއެންއޭ އާ އަޅާކިއުމަށް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށް އެ ޑޮކިއުމަންޓްގައިވެ އެވެ. އަނީސްގެ މަންމަ މިހާރު ވަނީ މަރުވެފަ އެވެ.
ހިންމަފުށީ ޖަލު ސަރަހައްދުން ފެނުނު މިނިކަށިތަކުގެ ތަހުގީގާ ބެހޭ ގޮތުން އެ ޑޮކިއުމަންޓްގައި ވަނީ އަބްދުﷲ އަނީސްގެ އާއިލާގެ ފަރާތުން އެންމެ އެކަށީގެންވާ ފަރާތަކުން އެމްޓީ ޑީއެންއޭ ހެދުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ މަންމަ ފަރާތުގެ ތިމާގެ މީހެއް ހޯދުމުގެ މަސައްކަތް މިދިޔަ އޭޕްރިލް މަހު ފުލުހުންގެ ޓީމެއް ވ. އަތޮޅުގައި ހަރަކާތްތެރިވި ނަމަވެސް މަންމަ ފަރާތު ތިމާގެ މީހެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ވެސް އެ ޑޮކިއުމަންޓްގައި ބުނެފައިވެ އެވެ.
އެ ޑޮކިއުމަންޓްގައިވާ ގޮތުން އެ މައްސަލަ ތަހުގީގުކުރުމަށް ނައިމްގެ އިތުރުން ގއ. ކޮނޑޭ، ހުވަދުގޭ އައްބާސް އަލީ އާއި ގއ. ދާންދޫ، ބްލޫސައިޑް، އަބްދުﷲ ނަސީމް އަދި ގއ. ވިލިނގިލީ، އެރޯމާ، އަބްދުލް މަޖީދާ ވެސް ސުވާލުކޮށްފައިވެ އެވެ.
ޕްރިޒަން ޑިވިޝަންގެ ގާޑަކަށް އުޅުނު މުހަންމަދު ނައީމް ތަހުގީގުގައި ބުނެފައި ވަނީ އަބްދުﷲ އަނީސް ނުވަތަ އަތްބަޅޭ ގާމާދޫ ޖަލަށް އެންމެ ފަހުން ގެންދިޔައިރު އޭނާ ދޯންޏަށް އަރުވާފައި އިންދާ ދުށް ކަމަށާއި އޭނާ ޖަލަށް ގެންގޮސް ދެ ވަނައަށް ވީ ދުވަހު ގާމާދޫ ޖަލަށް ގެންގޮސް އަބްދުﷲ އަނީސާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ދުވަހު އޭނާ އަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ނައީމް ތަހުގީގުގައި ބުނެފައި ވެ އެވެ. އެހެން ނަމަވެސް، ގާމާދޫ ޖަލަށް އޭނާ ވެއްދި ފަހުން ޖަލުތެރެއިން އޭނާ އަށް އަނީސް ފެނިފައި ނުވާ ކަމަށާއި އޭނާ ޖަލުން ފިލި ކަމުގެ ހަބަރެއް ލިބުނު ކަމަށާއި އެހެން ރަށެއްގައި ފިލައިގެން އުޅުނު ކަމުގެ މައުލޫމާތު ވެސް ލިބުނު ކަމަށް ނައީމް ބުނެފައި ވެ އެވެ. އެހެން ނަމަވެސް ނައީމް ބުނެފައި ވަނީ އެހެން ރަށެއްގައި އުޅުނު މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. ނައީމް ބުނެފައި ވަނީ އަނީސް ގެއްލުނީ ސީދާ ގާމާދޫން ކަމަށާއި އެ ޖަލުން ގެއްލުނު މީހަކު މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. އަދި އަނީސް ގެއްލިފައި ވަނީ 1984 ނުވަތަ 1985 ވަނަ އަހަރު ކަމަށް ވެސް ނައީމް ވަނީ ތަހުގީގުގައި ބުނެފަ އެވެ.
ގާމާދޫ ޖަލު ސަރަހައްދުން ފެނުނު މިނިކަށީގެ ތަހުގީގު: އެ ކަށިތައް ވ. ކެޔޮދޫ އަބްދުﷲ އަނީސްގެ އުމުރާ ދިމާވޭ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ