އޮޑިޓަ ޖެނެރަލް ސަލާމަތް ކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ރައީސް ވަނީ އަޅުގަނޑާ ވާހަކަ ދައްކަވާފައި: މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު

އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކުން އޮޑިޓަ ޖެނެރަލް ސަލާމަތް ކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވާފައިވާ ކަމަށް މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން އިންތިޒާމްކޮށްގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަދާފައި ހުންނަ "ޑީއާރުޕީ އަނބުރާ ސަރުކާރަށް" ޖަގަހައިގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ރަސްމީ ގެކޮޅު މުލީއާގެއަށް ބުދަ ދުވަހުގެ މެންދުރު 30: 12 ގައި އޭނާ ގެންދަވައި އެދިވަޑައިގެންނެވީ އޮޑިޓަ ޖެނެރަލް ސަލާމަތް ކުރެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.
އޭގެ ތަފުސީލު ހަވީރަށް ދެއްވަމުން އަބްދުއްރަހީމް ބުރާސްފަތި ދުވަހު ވިދާޅުވީ އޭނާ މުލީއާގެއަށް ވަޑައިގެންނެވީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންނާ އެކު ކަމަށެވެ.
"އެމްޑީޕީގެ މެމްބަރެއް އަޅުގަނޑަށް ދެންނެވީ ރައީސް ބޭނުންފުޅުވެއޭ އަޅުގަނޑާ ބައްދަލު ކުރައްވަން. އެހެންވެ އެމްޑީޕީގެ މެމްބަރެއްގެ ފަރާތުން ލިބުނު ދައުވަތަކަށް އަޅުގަނޑު މުލީއާގެއަށް ދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ރައީސް ވިދާޅުވީ މި އޮޑިޓަ ޖެނެރަލް ސަލާމަތް ކުރެވޭނެ ގޮތެއް ހަމަ ނެތް ހޭ. ދެން އަޅުގަނޑު ދެންނެވިން މަޖިލީހުގެ ޕްރޮސީޖަރާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަވާށޭ. އެ ނޫން އެއްވެސް ފުރުސަތެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ އޭ އޮޑިޓަ ޖެނެރަލްގެ މައްސަލައިގައި."
ޑީއާރުޕީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ބުދަ ދުވަހުގެ ރޭ ވިދާޅުވީ އޮޑިޓަ ޖެނެރަލް ސަލާމަތްކުރައްވަން މަސައްކަތް ނުކުރެއްވުމަށް ރައީސް ނަޝީދަށް ދެންނެވި ކަމަށެވެ.
"އަޅުގަނޑު ރައީސަށް ދެންނެވިން ދެން ތިކަމާ ނޫޅުއްވާށޭ. އެންމެ ރަނގަޅުވާނީ ވަގުން ހިމާޔަތް ނުކުރެއްވިއްޔާ އޭ. މަނިކުފާނަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީއޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެން ދެން މަނިކުފާނު ވައްޓާލާކަށް ވެސް ފަހެއް ނުޖެހޭނަމޭ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މުލީއާގެއަށް ކީއްކުރަންތޯ ކޮންމެ ތަނެއްގެ ފާރެއްގެ ތެރެއަށް ވެސް ދިވެހިރާއްޖޭގެ ރައީސްއާ ބައްދަލުކުރަން ދައުވަތު ދީފިއްޔާ އަޅުގަނޑުމެން ދާނަން. ގޮސްފައި ބުނަންޖެހޭ އެއްޗެއް ބުނަންޖެހޭ މޭރުމުން ބުނާނަން. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން."
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ބުރާސްފަތި ދުވަހު ވިދާޅުވީ ރައީސް ނަޝީދު ކަންބޮޑުވެ ވަޑައިގަންނަވަނީ ވަކި ބޭފުޅެއްގެ މައްސަލައިގައި ނޫން ކަމަށާއި މިނިވަން މުއައްސަސާއެއްގެ އިތުބާރު ގެއްލިދާނެތީ ކަމަށެވެ. އެހެންވެ އެކަން ދެމެހެއްޓުމަށްޓަކައި ބައެއް ހާލަތްތަކުގައި އިދިކޮޅު މެމްބަރުންނާ ފޯނުން ވެސް އަދި ބައެއް ފަހަރު އަރިހަށް ގެންދަވައިގެން ވެސް މަޝްވަރާ ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އަބްދުއްރަހީމް ގެންދެވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"އަޅުގަނޑު އެ ދުވަހު މުލީއާގެއަކަށް ނުދަން،" އޭނާ ވިދާޅުވި އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވަނީ މިނިވަން މުއައްސަސާތަކުގެ އަގު ހިފަހައްޓަވައި އެ ތަންތަނުގެ އިތުބާރު ނުގެއްލޭނެ ފަދަ ގޮތަކަށް ހުރިހާ ބޭފުޅުން ވެސް އަމަލު ކުރެއްވުމަށް ކަމަށެވެ.
"ވަރަށް ވިސްނަވާފައި ނޫނިއްޔާ މިނިވަން މުއައްސަސާއަކާ މެދު ކަންތައް ކުރުމަށް ރައީސް ބޭނުންފުޅެއް ނުވޭ. އޮޑިޓަ ޖެނެރަލަށް ބަލައިފިއްޔާ އެ އޮފީހުން މިހާތަނަށް ނެރެފައިވާ ރިޕޯޓްތަކުގެ އިތުބާރު ނުގެއްލޭ ގޮތަކަށް ކަންތައް ކުރެއްވުމަށް ރައީސް އެދިވަޑައިގަންނަވަނީ. ޕާޓީގެ ވާދަވެރިކަމަށް ވުރެ ބޮޑަށް މި ދަނޑިވަޅުގައި ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ރައީސް ހުރިހާ ބޭފުޅުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާ. ވާދަވެރިކަމުގެ ތެރޭގައި މިނިވަން މުއައްސަސާތަކާ ދިމާކުރަން ފަށައިފިއްޔާ ވަރަށް ނުބައި ރޫހެއް މި ގައުމަށް ފެތުރިގެން ހިނގައިދާނެތީ ރައީސް ކަންބޮޑުވެ ވަޑައިގަންނަވަނީ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. "އެހެން ނޫނީ މިއަދު އޮޑިޓަ ޖެނެރަލާ މެދު އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި މާދަމާ ސަރުކާރުން ސިވިލް ސާވިސް ކޮމިޝަންގެ އިތުބާރު ނެތް ކަމަށް ފާސްކުރަންވީ. ދެން އަނެއްކާ ވާދަވެރި ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުބާރު ނެތް ކަމަށް ފާސްކުރަންވީ. މިއީ މިކަން ވާންޖެހޭ ގޮތެއް ނޫން."
މިނިވަން މުއައްސަސާތަކުގެ އިތުބާރު ނުގެއްލޭ ގޮތަށް ކަންތައް ކުރެއްވުމަށް ރައީސް ނަޝީދު އިސްކަންދެއްވާ ކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވި ނަމަވެސް އެކި ފަހަރު މަތިން ރައީސް ވަނީ ބައެއް މުއައްސަސާތަކަށް ބަހުގެ ހަމަލަތައް ދެއްވައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ޝަރުއީ ނިޒާމާއި ސިވިލް ސާވިސް ކޮމިޝަނެވެ.
އޮޑިޓަ ޖެނެރަލް މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ސަރުކާރާއި ސަރުކާރު ހިންގާ އެމްޑީޕީން ބުނަމުންދަނީ ވަކި ބޭފުޅަކު ހިމާޔަތް ކުރައްވަން އެ ބޭފުޅުން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އޮޑިޓަ ޖެނެރަލްގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކޮށް އަދި ޝަރީއަތަށް ފޮނުވުމަށް ޕީޖީ އޮފީހަށް އެ މައްސަލަތައް ފޮނުވާފައިވާއިރު އެމްޑީޕީން ބުނަނީ މަޖިލީހުގެ ތަޅުމަށް އޮޑިޓަ ޖެނެރަލްގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތުން އެކަން ގަބޫލެއް ނުކުރައްވަ އެވެ.
އޮޑިޓަ ޖެނެރަލް މަގާމުން ވަކި ކުރަންޖެހެނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު މި މައްސަލައިގައި އެންމެ ބޮޑު ދެ ޕާޓީގެ ދެމެދުގައި އުފެދިފައިވާ "ބޮޑު" ހިޔާލު ތަފާތުވުންތަކާ ގުޅިގެން ބުދަ ދުވަހުގެ ޖަލްސާގެ ކޯރަމް ހަމަނުވިއިރު ބުރާސްފަތި ދުވަހުގެ ޖަލްސާ ހުއްޓާލަން ޖެހުނީ ނިޒާމީ ނުކުތާގެ އޮއިވަރުން ސަލާމަތް ނުވެވިގެންނެވެ.
އޮޑިޓަ ޖެނެރަލްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ބެންކް އޮފް މޯލްޑިވްސްއިން އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ނަމުގައި ނަގާފައިވާ ދެ ކްރެޑިޓް ކާޑުން އޭނާގެ އަމިއްލަ ބޭނުމަށް ގިނަ އަދަދެއްގެ ހަރަދުތަކެއް ކޮށްފައިވާތީ އާއި އޮކްޓޫބަރު ،2 2008 ގައި ބ. އޭދަފުށިން ތުޅާދުއަށް ކުރެއްވި ދަތުރުގެ ބިލަށް އޮޑިޓް އޮފީހުން ފައިސާ ދައްކާފައި ވަނިކޮށް، އެ ބިލަށް މާ ކުރިން އޮޑިޓަ ޖެނެރަލް ފައިސާ ދެއްކެވި ކަމަށް ހެއްދެވުމަށްޓަކައި ފައިސާގެ ރަސީދު ކެންސަލްކޮށް އޭގައި ކުރީގެ ތާރީހު ލިޔުމަށް އޮޑިޓަ ޖެނެރަލް އަމުރު ކުރައްވާފައިވާ ކަމަށް ބުނެ އެވެ.
އޮޑިޓަ ޖެނެރަލްގެ އިތުރުން ތުޅާދޫ ދަތުރުގެ ފައިސާގެ ރަސީދު ކެންސަލް ކުރުމުގެ ކަންތައްތަކުގެ އޮޑިޓަ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް އޮފް ފައިނޭންސް އައިމިނަތު ރަޝީދާ އެހީތެރިވެފައިވާތީ އޭނާ ވެސް އެކަމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކުރުމަށް ވެސް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ