ޕީޕީއެމް އުފެއްދީ އެއްވެސް މީހަކާ ދެކޮޅަކަށް ނޫން ކަމަށް އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އުފެއްދުމުގެ މަގުސަދަކީ ދިވެހި ގައުމަށް ހިދުމަތް ކުރުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން ކަމަށް އޭދަފުށީ މަލްޓި ޕާޕަސް ބިލްޑިންގްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި ކަމަށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މައުމޫން ވިދާޅުވީ މިއަދުގެ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްގީ ލިބުމަށް މަސައްކަތްކުރާތަން ފެންނަނީ ހަމައެކަނި ޕީޕީއެމް އާއި އެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން އެކަނި ކަމަށެވެ.
މުޅި ރާއްޖެ އަށް ފެތުރޭ ގޮތަށް ތަރައްގީގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ހާއްސަކޮށް އޭދަފުށީގައި އެފަދަ ތަރައްގީގެ އެތައް ކަމެއް ހިމެނުމަކީ އެމަނިކުފާނު އުފާކުރައްވާ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބ. އަތޮޅަށް އައިސްފައިވާ ތަރައްގީ އަށް މިސާލު ޖައްސަވާފަ އެވެ. އެގޮތުން އޭދަފުށި ފަޅު ފުންކުރުމާއި، އަތޮޅު ހޮސްޕިޓަލް އިމާރާތްކުރުމާއި، ސްޓެލްކޯ އިން ކަރަންޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޒުވާނުންގެ މަރުކަޒު އެޅުމާއި، ބޭންކް ގާއިމުކުރުމާއި، އަތޮޅު އޮފީސް އަދި އަތޮޅު ގޭގެ އިތުރުން މިސްކިތްތައް ރަނގަޅު ފެންވަރަކަށް ގެންދިއުން ފަދަ އެތައް ކަމެއް އެމަނިކުފާނުގެ ވެރިކަމުގައި ކުރިޔަށް ގެންދަވާފައިވާ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް އަށް މެމްބަރުން އިތުރު ކުރުމަށް، އޭދަފުށްޓަށް ދެ ދުވަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މައުމޫން މާލެ ވަޑައިގަތީ މިއަދު މެންދުރު އެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިހާތަނަށް އިލެކްޝަންސް އަށް ޕީޕީއެމުން 20،000 ފޯމު ހުށަހަޅާފައިވާ ކަމަށާއި އަންނަ އޭޕްރީލް މަހު ބާއްވާ ޕާޓީގެ ގައުމީ ޖަލްސާގެ ކުރިން މެމްބަރުންގެ އަދަދު 40،000 އަށް އަރާނެ ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ. ވީޑިއޯ: އޭދަފުށީގައި ބޭއްވި ޕީޕީއެމްގެ ޖަލްސާ
ޕީޕީއެމް އުފެއްދީ އެއްވެސް ބޭފުޅަކާ ދެކޮޅަކަށް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ