ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު: ބުދަ ދުވަހުގެ ނިޔަލަށް 293 މީހަކު ކުރިމަތިލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބުދަ ދުވަހުގެ ނިޔަލަށް 293 މީހަކު ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
އެ ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މެއި 9ގައި ބާއްވާ އިންތިހާބަށް މާޗް 7 އިން ފެށިގެން މާޗް 18ގެ ނިޔަލަށް 293 މީހަކު ކުރިމަތިލާފައިވާއިރު އެ އެންމެން ވެސް ޝަރުތު ހަމަވާކަމަށް މިހާރު ވަނީ ނިންމާފަ އެވެ. އެއީ ޕާޓީ ޓިކެޓުގައި ކުރިމަތިލާފައިވާ 143 މީހުންނާއި އަމިއްލަ ގޮތުން ކުރިމަތިލާފައިވާ 150 މީހުންނެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާ މެދު ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވި އިރު 134 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
"އޭގެ ތެރޭގައި ނަން އިސްލާހުކުރަން އެދިފައި އެބަހުރި. އެޑްރެސް ބަދަލުކުރުމަށާއި މަރުވެފައިވާ މީހުންގެ ނަން އުނިކުރަން ވެސް އެދިފައި އެބަހުރި. އަދި ނަން ނެތިގެން ވެސް ޝަކުވާ ހުށަހަޅާފައި އެބަހުރި،" ތޮލާލް ވިދާޅުވި އެވެ.
އާއްމު އިންތިހާބުގައި ވޯޓުލާން ބޭނުންވާ މީހުންގެ ތެރެއިން އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ނަމަ އެ މީހަކު ވޯޓުލާ ތަނެއް ރަޖިސްޓްރީކުރުމުގެ ފުރުސަތު އޭޕްރީލް 16 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 214،405 މީހުން އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ