ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑެސީ ބާތިލް ކުރުމަށް އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތެއްގެ ވާހަކަ މީޑިއާގައި ހާމަނުކުރުމަށް ހަވީރުގެ ނޫސްވެރިޔަކަށް ސުޕްރީމް ކޯޓުން އެންގި އެނގުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު އެންގުމެއް ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގައި އަދި ކޯޓުތަކާ ބެހޭ ގާނޫނުގައި ޝަރީއަތްތައް ބާއްވަން ޖެހޭނީ ހުޅުވާލައިގެން ކަމަށް ބުނެފައިވާއިރު، ހުޅުވާލައިގެން އިއްޔެ މެންދުރު ބޭއްވި ރ. އިންނަމާދޫ ފިނިވާގޭ އިބްރާހިމް ހަލީމްގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތައް ހާމަނުކުރުމަށް ސުޕްރީމް ކޯޓުން އެނގޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ހަވީރުގެ ނޫސްވެރިޔާ އަލީ ހާރިސް އަށް އިއްޔެ އެންގި އެންގުމުގައި އެއްވެސް ގާނޫނަކަށް އަދި ގަވާއިދަކަށް ހަވާލާދީފައެއް ނެތެވެ. އެ އެންގުމުގައި ބުނެފައިވަނީ "... ޝަރީއަތުގެ މަޖިލީހުގައި ދެކެވެނު ވާހަކަތައް، ދައުވާ ލިބޭ ފަރާތް ކަމަށްވާ އިބްރާހިމް ހަލީމްގެ އެދުމާ ގުޅިގެން މީޑިއާ އަށް ހާމަނުކުރުމަށް ހަވީރު ޑައިލީގެ ފަރާތުން ކޯޓަށް ހާޒިރުވި ސ. ހުޅުދޫ މިލްކީވޭ އަލީ ހާރިސަށް އަންގަމެވެ" މިގޮތަށެވެ.
ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޝަރީއަތުގެ މަޖިލީހެއްގެ ނުވަތަ ޝަރީއަތުން ބައެއް ބަންދުކުރެވޭނީ މުޖުތަމައުގެ އަހްލާގީ އުސޫލްތައް ހިފެހެއްޓުމަށް ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން ފަދަ ހާލަތްތަކުގަ އެވެ. އަދި ހުށަހެޅިފައިވާ މައްސަލައިގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުން ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ޝަރީއަތް ބަންދުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ނުވަތަ އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފި ނަމަ އަދުލް އިންސާފަށް ހުރަސް އެޅިދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި ޝަރީއަތުގެ އަޑުއެހުން ބަންދުކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.
ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން އެންގި އެންގުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބުނެފައިވާ މިންގަނޑުތަކަށް ފެތޭ ކަމެއް ނޫން ކަމަށް އަލީގެ އިތުރުން ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ އެންގުމުގެ ސަބަބުން ކަންބޮޑުވެވަޑައިގަންނަވާ އެހެން ކަމެއް ވެސް އެބަ އޮތް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އެ އެންގުމުން އަދުލް އިންސާފުގެ ދާއިރާގެ ކަންކަން އެހެން މިސްރާބަކަށް ބަދަލުވެދާނެ ކަމަށް ކަންބޮޑުވޭ. އެ އެންގުމުން ދޭހަކޮށްދެނީ ކިތަންމެ ބޮޑު ކުށްވެރިޔަކަށް ވިޔަސް އެމީހާ ބޭނުން ނުވެއްޖެ ނަމަ ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތައް އާންމު ނުކުރެވޭނެ ކަން. އެ މީހަކީ ކާކުކަން ސިއްރުކުރެވިދާނެ ކަމަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބަކަށް ވާދަކުރާ މީހެއްގެ ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
"ކެންޑިޑޭޓުންގެ ހުރިހާ މައުލޫމާތެއް އެނގުމަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގެއް. ކެންޑިޑޭޓްގެ ކަމެއް ފޮރުވަން ބޭނުންވާ ނަމަ އިންތިހާބެއްގައި ވާދައެއް ނުކުރާނެ. އަދި ފޮރުވަން ބޭނުންވާ ނަމަ މިހާރު ވެސް އޭނާ އަށް އެބައޮތް ނަން އަނބުރާ ގެންދިއުން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ ގާނޫނީ ވަކީލަކު، ނޫހުގައި ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސުޕްރީމް ކޯޓުގެ ކޮންމެ އެންގުމެއް ވެސް ގާނޫނާއި ގަވާއިދަށް ހަވާލާދޭން ޖެހޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް އެންގުމެއް އެންގި ނަމަވެސް ނޫހުގައި ރިޕޯޓްކުރެވޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ސުޕްރީމް ކޯޓުގެ އިއްޔެގެ އެންގުމުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.
ޝަރީއަތް ރިޕޯޓް ނުކުރުމަށް ސުޕްރީމް ކޯޓުން އެންގީ ގާނޫނު އަސާސީއާ ހިލާފަށް: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ