އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލަންޖެހޭ ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ބިލް، އަށް އިސްލާހަކާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލަށް ގެނައި އިސްލާހުތަކުގެ ތެރެއިން ދެ އިސްލާހަކީ މި ބިލް ދިރާސާކުރި ކޮމިޓީން ހުށަހެޅި ދެ އިސްލާހެކެވެ. އަނެއް ހަ އިސްލާހަކީ މެންބަރުން ހުށަހެޅުއްވި އިސްލާހުތަކެވެ.
މި ބިލަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ނަމަ، މަދުވެގެން 1،500 މީހުން އެ ބޭފުޅަކަށް ތާއީދުކުރާކަން ސާބިތުކޮށްދިނުމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް އޮތް އިސްލާހެވެ. ސަރުކާރުން ބިލް ހުށަހެޅިއިރު މި ބައި ހިމަނައިފައި ނެތް ނަމަވެސް ދާޚިލީ ކަންކަމުގެ ކޮމިޓީން ބިލް ދިރާސާކޮށް ހުށަހެޅިއިރު ހުށަހަޅައިފައި ވަނީ 1،000 މީހުންގެ ސޮއި ހުށަހެޅުމަށެވެ. ނަމަވެސް މި މާއްދާ އިސްލާހުވެގެން ދިޔައީ އައްޑޫ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައި ދ. މެންބަރު އަހްމަދު ނާޝިދު ތާއީދުކުރެއްވި ފަދައިން 1،500 މީހުންގެ ސޮއި ހުށަހަޅަންޖެހޭ ގޮތަށެވެ.
މި ބިލަށް ގެނެވުނު ފާހަގަކޮށްލެވޭ އަނެއް އިސްލާހަކީ ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ މަތިން ނުލިބިގެން ބާއްވާ ދެ ވަނަ ބުރުގެ ވޯޓުލުމުގައި ވެސް އެއް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ނުލިބިއްޖެ ނަމަ އިންތިޚާބުގެ ތިން ވަނަ ބުރެއް ވެސް ބާއްވަން ފާސްކުރި އިސްލާހެވެ.
މި އިސްލާހަށް ވޯޓަށް އެހުމަށް ތައްޔާރުވުމުން ވެސް އަދި މި އިސްލާހް ފާސްކުރުމާ ގުޅިގެން ވެސް ބައެއް މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، މިއީ ގާނޫނު އަސާސީއާ ޚިލާފަށް އޮތް މާއްދާއެއް ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން ގާނޫނު އަސާސީގެ 111 ވަނަ މާއްދާއާ ހަވާލާދެއްވައި ތ. މެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރިއާސީ އިންތިޚާބުގެ ތިން ވަނަ ބުރެއް ބޭއްވިދާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ދާޚިލީ ކޮމިޓީގެ މުގައްރިރު، ތ. މެންބަރު ހަސަން އަފީފް ވެސް އަދި ސަރުކާރުގެ ފަރާތުން ބިލަށް ޖަވާބުދާރީވެވަޑައިގެންނެވި ލީގަލް ރިފޯމް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، އެ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު އިސްލާހެއް ނޫން ކަމަށެވެ. ދެ ވަނަ ބުރުގައި ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ތިން ވަނަ ބުރަކަށް ދިއުމަށް ގާނޫނު އަސާސީ ހުރަސްނާޅާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން 10 އިސްލާހެއް ވަނީ ފާސްނުވެފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އިސްލާހަކީ ރިއާސީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާ ބޭފުޅުން ޑިޕޮޒިޓްގެ މިންވަރު 40،000ރ. އިން 10،000ރ. އަށް ކުޑަކުރުމަށް އައްޑޫ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހެވެ. މި އިސްލާހަށް ލިބުނީ ވޯޓުގައި ބައިވެރިވި 36 މެންބަރުންގެ ތެރެއިން އެންމެ ނުވަ މެންބަރުންގެ ތާއީދެވެ.
ފާސްނުވި އަނެއް އިސްލާހަކީ ރިއާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރާ މާއްދާ އަށް އިތުރު ބައެއްގެ ގޮތުގައި، ދެ ދައުރު ރައީސްކަން ކޮށްފައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށް ބަޔާންކޮށް އައްޑޫ މެންބަރު އަސްލަމް ހުށަހެޅުއްވި އިސްލާހެވެ. މި އިސްލާހަށް ލިބުނީ ވޯޓުގައި ބައިވެރިވި 39 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ތާއީދެވެ.
ފާސްނުވި އިސްލާހުތަކުގެ ތެރެއިން ފާހަގަކޮށްލެވުނު އަނެއް އިސްލާހަކީ ރިއާސީ ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިޚާބު ބާއްވާ ދުވަހުގެ ހަވީރު ހަޔެއް ޖެހުމާ ހަމައަށް ދައުލަތުގެ މީޑިއާ އިން ކޮންމެ ދުވަހަކު 30 މިނެޓްގެ އެއާޓައިމް ދިނުމަށް މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް ހުށަހަޅުއްވައި އައްޑޫ މެންބަރު އަސްލަމް ތާއީދުކުރެއްވި އިސްލާހެވެ. މި އިސްލާހަށް ލިބުނީ އެންމެ 15 ވޯޓެވެ.
މި ބިލް މަޖިލީހުން ފާސްކޮށް ނިމުމުން ކުރިއަށް އޮތް ރިއާސީ އިންތިޚާބުގެ ކުރިން މަޖިލީހުން ކުރަންޖެހޭ ކަންތަކުގެ ތެރެއިން އެންމެ ދެ ކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް ނިމުނީ އެވެ. އަންނަ އޮކްޓޫބަރު 10 ގެ ކުރިން ރިއާސީ އިންތިޚާބު ބޭއްވުމަށްޓަކައި ކުރަންޖެހޭ ކަންތަކުގެ ތެރެއިން މިހާރު ނުކުރެވި ވާ ދެ ކަމަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ބިލް މަޖިލީހުން ފާސްކުރުމެވެ.
އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ބިލާ މެދު މެންބަރުންގެ މެދުގައި މިހާރު ވަނީ މަޝްވަރާކުރެވި އެންމެ ފަހު މަރުހަލާ އަށް ތައްޔާރުވެފަ އެވެ.
ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ: އަށް އިސްލާހާ އެކު ރިޔާސީ އިންތިހާބުގެ ބިލް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ