ހަވީރު އޮންލައިން ޕޯލްގެ ނަތީޖާ: މާލޭގައި ބަސް ދަތުރުތައް ތައާރަފްކުރަން ފެންނަ ކަމަށް ވަރަށް ގިނަ ބަޔަކު ބުނެފި

ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރުމުގެ ގޮތުން މިހާރުން ފެށިގެން މާލޭގައި ބަސް ދަތުރުތައް ތައާރަފް ކުރަން ފެންނަކަމަށް ވަރަށް ގިނަ ބަޔަކު ބުނެފި އެވެ.
ހަވީރު އޮންލައިންގައި މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހިންގި ހިޔާލު ހޯދުމުގެ އޮންލައިން ޕޯލުން ދެއްކި ގޮތުގައި މާލޭގައި ބަސްދަތުރު ތައާރަފްކުރަން ފެންނަ ކަމަށް 4472 މީހުން ވޯޓުދީފައިވެ އެވެ. އެއީ ޖުމުލަ ވޯޓުގެ 75 ޕަސެންޓެވެ. މާލޭގައި ބަހުގެ ހިދުމަތް ތައާރަފްކުރަން ނުފެންނަ ކަމަށް ވޯޓްދީފައި ވަނީ 1454 މީހުންނެވެ. އެއީ ޖުމުލަ ވޯޓުގެ 24 ޕަސެންޓެވެ.
މި އޮންލައިން ޕޯލުގައި ޖުމްލަ 5926 މީހުން ވޯޓުދީފައިވެ އެވެ.
ތެލުގެ އަގު މަތިވަމުންދާތީ ޓެކްސީ ޑްރައިވަރުން ކުރި ހަޅުތާލާ ގުޅިގެން މާލޭގައި ދާއިމީކޮށް ބަހުގެ ހިދުމަތް ދިނުމަށް މަޖުބޫރުވެއްޖެ ކަމަށް، ރައްޔިތުންގެ މަޖިލީހަށް ދެއްވި ބަޔާނެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި އާއްމު ދަތުރުފަތުރުގެ ހިދުމަތެއްގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް އަމަލު ކުރަން ޖެހޭ ގަވާއިދެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ނެރުއްވައިފަ އެވެ. ނަމަވެސް މި ގަވައިދަކީ ހަމައެކަނި މާލޭގައި ހިދުމަތް ދިނުމަށް ހެއްދެވި ގަވާއިދެއް ނޫންކަމަށާއި އެ ގަވާއިދަކީ މުޅި ރާއްޖޭގައި ބަހުގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން އެކުލަވާލި ގަވައިދެއްކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ. އެ ގަވައިދުގެ ދަށުން ބަހުގެ ހިދުމަތް ދެވޭނެ މަގުތަކާއި ހުއްދަ ދިނުމާއި ސަރަހައްދުތައް ކަނޑައެޅުމާއި ބަސް ރަޖިސްޓްރީކުރުން ފަދަ ކަންތައްތައް ކަނޑައެޅިފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެ އެވެ.
ޕެޓްރޯލްގެ އަގު ހެޔޮކުރުމަށް ގޮވާލައި ޓެކްސީ އާއި ޕިކަޕު ޑްރައިވަރުން ކުރި ހަޅުތާލު މެދުކަނޑާލުމާ ގުޅިގެން އިމަޖެންސީ ދަތުރުތަކަށް އެމްޓީސީސީން ވަނީ ބަހުގެ ހިދުމަތް ދޭން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ