ރިޔާސީ އިންތިހާބު 2008 ކުޅުދުއްފުށީ ވޯޓު ސެންޓަރެއްގައި ވޯޓު ލަނީ ނަންބަރު ތަރުތީބުން

ހދ. ކުޅުދުއްފުށީގެ އެއް ނަންބަރު ވޯޓު ފޮށި ބަހައްޓާފައިވާ ކޮލެޖް ކެމްޕަސްގެ ގޯތި ތެރެއަށް ވަންނަ މީހުންގެ ނަން ވޯޓު ލިސްޓުން ހޯދާލުމަށް ފަހު ނަންބަރެއް ދިއްކޮށްލަ އެވެ. ނަންބަރުގައި ހިފާފައި މީހުން ބަލައިލަ އެވެ. ވޯޓު ފޮށި ކައިރީގައި ހުރި އެލްސީޑީން ރަތް އަކުރުން ބޮޑުކޮށް ނަންބަރު އަރަމުންދެ އެވެ.
މިއީ އެއްވެސް ވޯޓު ސެންޓަރަކުން ފެނުނު މަންޒަރެއް ނޫނެވެ. އެކަމަކު ކެމްޕަސްގެ ތެރޭގައި މި އިންތިޒާމް ހަމަޖައްސާފައި ހުރުމުން ވަރަށް ގިނަ ބަޔަކަށް ފަސޭހަވި އެވެ.
"އަޅުގަނޑުމެން އަމިއްލަ އަށް ކުރި ކަމެއް މީ،" ކެމްޕަހުގެ ވޯޓު ފޮއްޓާ ހަވާލުވެގެން އުޅުއްވާ އޮފިޝަލުންގެ ތެރެއިން އިބްރާހިމް ޝާހިދު ވިދާޅުވި އެވެ. "ޕަވާޕޮއިންޓް ބޭނުންކޮށްގެން ނަންބަރު އަރުވަނީ. ކޮންމެހެން މިތަނުގައި ތިބޭކަށް ވެސް ނުޖެހޭނެ. ނަންބަރު ޖެހެންވާ އިރަށް އައިމާ ނިމުނީ."
ކެމްޕަހުގެ ގޯތިތެރެއަށް ވަދެ ބައެއް މީހުން ނަންބަރު ހިފައިގެން ނުކުންނަނީ ބޭރަށެވެ.
"ވަރަށް ފަސޭހަ ގޮތެއް މިއީ،" އެއް ނަންބަރު ވޯޓު ފޮށީގެ އެންމެ އިސް އޮފިޝަލް ސައީދު އަހުމަދު ވިދާޅުވި އެވެ. "ވަރިހަމަ ނަންބަރު ނަގައިގެން ގޮސް ނިދާލާފައި އަޔަސް. ނަންބަރު ޖެހެންވާ އިރަށް އަތުވެއްޖެއްޔާ އެ ނިމުނީ."
އެހެން ހުރިހާ ތަނެއްގައި ވެސް ހަމަޖެހިފައި އޮންނަނީ ފުރަތަމަ ގޮސް ކިއޫގައި ޖެހި، ގޮނޑީގައި އިށީންނަ ގޮތަށެވެ. އެކަމަކު ކެމްޕަހުގައި ކޮންމެހެން ތަރުތީބުން ގޮނޑީގައި އިށީންނާކަށް ނުޖެހެ އެވެ. ނަންބަރު އެރުމުން ވޯޓު ކަރުދާސްކޮޅާ ހަވާލުވާން ދިޔައިމާ އެނިމުނީ އެވެ.
"ބައެއް ޒުވާން ކުދިން ބޭނުންވޭ ސިނގިރޭޓް ބޯލާ ހަދަން ނުކުމެލަން ވެސް، އެކުދިން އެހާ ގިނަ އިރު ތިބޭކަށް ބޭނުމެއްނުވޭ،" ޝާހިދު ވިދާޅުވި އެވެ. "މިހާރު ނުކުމެވޭނެ ބޭރަށް ވެސް."
ނަންބަރު ދޫކުރުމުގެ އިތުރުން، ކުރިން ވޯޓު ލިސްޓުގައި ނަން އޮތްތޯ ޗެކްކޮށް ނަން އޮތް ތަރުތީބު ބުނެދިނުމުން ވޯޓު ލުން ވެސް މިހާރު ވަނީ އަވަސްވެފަ އެވެ. އިލެކްޝަންސުން މިފަހަރު ހަމަޖެއްސި މި އިންތިޒާމާ ގުޅިގެން މޭޒު ދޮށުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ކުޑަ އެވެ.
"މިހާރު މިނެޓެއްގެ ތެރޭގައި މީހަކު ނިންމާލެވޭ. ވަރަށް ބާރަށް އެބަ ދޭ މިފަހަރު،" ސައީދު ވިދާޅުވި އެވެ.
އެކަމަކު ވޯޓު ލާން ދާ އެންމެން ނުކުންނަނީ ހިތްހަމަޖެހިގެންނެއް ނޫނެވެ. އަދިވެސް ވޯޓު ރަޖިސްޓްރީގައި މައްސަލަތައް އެބަ ހުއްޓެވެ. އެހެންކަމުން ބައެއް ތިބީ ހިތްހަމަނުޖެހި އަދި ރުޅިވެސް ގަދަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ