ސ. ހުޅުދޫ، ލިލީމާގެ އަބްދުﷲ ފަރުހާދު މަރާލުމުގެ ކުށް ސާބިތުވެ ގ. ރީފް، މުހައްމަދު ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި އެވެ.
ނަބީލްގެ އަންހެން ކޮއްކޮ ނިއުމާއާ، ފަރުހާދު ބެހުނު ކަމަށް ބުނެ 2009 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފަރުހާދުގެ ބުރަކަށްޓަށް ކަޓަރެއް ހަރައި، މަރާލި މައްސަލާގައި ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2010 ވަނަ އަހަރު އެވެ. ހައިކޯޓުން މި މައްސަލަ ނިންމީ އިސްތިއުނާފު ކުރިތާ ފަސް އަހަރު ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ހައިކޯޓުގެ ހުކުމް ނަބީލުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރުމުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުގެ ފަރާތުންނެވެ.
މިމައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް މަރުގެ ދައުވާ އުފުލި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެެވެ. އެކަމަކު އެހެން ދައުވާއެއް ސާބިތުވުމާ ގުޅިގެން އެ ދެ މީހުން ހަތަރު އަހަރަށް އޭރު ޖަލަށްލެވުނެވެ.
ފަރުހާދު މަރާލީ ނަބީލް ކަމަށް ބުނެ ކްރިމިނަލް ކޯޓުން މިމައްސަލަ ނިންމިއިރު ޝަރީއަތުގައި ނަބީލް ވަނީ އޭނާ ފަރުހާދު މަރާލާފައި ނުވާނެ ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ފަރުހާދު ވަނީ މިމައްސަލައިގެ ތަހުގީގުގައި އާއި މުއްދަތު މަޖިލީހުގައި ފަރުހާދު މަރާލި ރޭ ހިނގާދިޔަ މާރާމާރީގައި ބައިވެރިވި ކަމަށް ބުނެފަ އެެވެ.
ނަބީލްގެ މަރުގެ މައްސަލާގައި ޝަރީއަތަށް ހެކިބަސް ދެމުން ނަބީލްގެ އަންހެން ކޮއްކޮ ނިއުމާ ބުނެފައިވަނީ ފަރުހާދު މަރާލި ރޭ ނަބީލް ކަޓަރެއް ގެންގުޅެނިކޮށް އޭނާއަށް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ނިއުމާ ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވަނީ ނަބީލް ކަޓަރެއް ހިފައިގެން ހުރެފައި ފަރުހާދާ ދިމާލަށް އެއްލަން އުޅުމުން ނަބީލްގެ ގައިގާ ހިފެހެއްޓި ކަމަށެވެ.
ފަރުހާދުގެ މަރުގެ މައްސަަލާގައި އޭނާ ބެއްލެވި ޑޮކްޓަރު ވެސް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވެ އެވެ. އެގޮތުން މިމައްސަލާގައި ހެކިބަސް ދެމުން ޑޮކްޓަރު ބުނެފައިވަނީ ފަރުހާދުގެ ހަށިގަނޑުން ޒަހަމްވެފައި ހުއްޓާ ފެނުނީ އެންމެ ތަންކޮޅަކުން ލިބިފައި ހުރި ޒަހަމެއް ކަމަށާއި އެއީ ކަޓަރު ތިލައެއް ކަހަލަ އެއްްޗެއް ލިބުނު އަނިޔާއެއް ކަމަށެވެ. އަދި ފަރުހާދަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާގެ ފުއްޕާމެއަށް ލޭ ފޮނުވާދޭ ހޮޅިއެއް ބުރިވެ ނޭވާލާން އުދަގޫވުމުން ފަރުހާދު މަރުވީ ކަމަށްވެސް ޑޮކްޓަރު ބުނެފައިވެ އެވެ.
ފަރުހާދު މަރާލާފައިވަނީ ސީސީޓީވީ ކެމަރާ ހުރި ސަރަހައްދެއް ކަމަށްވީ ނަމަވެސް ކެމަރާ މައްސަލަ ޖެހިފައި ހުުރުމުން މިމައްސަލާގައި ފުލުހުންނަށް ސީސީޓީވީ ފުޓޭޖު ވަނީ ލިބޭގޮތް ނުވެފަ އެވެ.
ފަރުހާދުގެ މަރުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ކުރިމިނަލް ކޯޓުގައި މިމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި މި މައްސަލާގައި މައްސަލަ ސާބިތުވާ ވަރުގެ އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައިވާތީ އެ ހެކިތަކަށް ބަލައި ނަބީލްގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ތައުލީމީ ގޮތުން މޮޅު ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވުނު ނަބީލަކީ ކުރިން ސިފައިންގެ ތަމްރީންތައް ފުރިހަމަކުރުމަށްފަހު ސިފައިންގޭގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.
ނަބީލް މެރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ