ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރެވެންވާނެ: ޑރ.އަހުމަދު އަބްދުﷲ ދީދީ

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ގާނޫނީގޮތުން ހާމަކުރެވޭނެކަމަށް ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ޤާނޫނު އަސާސީގެ 115(މ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރު ބޭނުންކުރެވޭނީ ޤާނޫނު އަަސާސީގެ 115(ރ)އާ އެއްގޮތަށް އަދި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުޞޫލަކުންކަމަށެވެ.
އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ޢަދަދާއި، ތިބި ޙަޤީޤީ ސަބަބު ހާމަކުރަންވާނެެކަމަށާއި އދ. ގެ ޗާޓަރ 102 އާ ޚިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ޑިފެންސް މިނިސްޓްރީން އިންކާރުކުރަނީ ދެގައުމުގެ ގުޅުމަށް އަސަރުކޮށްފާނެތީކަމަށް މިއަދު ވަނީ ބުނެފައެވެ.
އެ މިނިސްޓްރީގެ ފަރާތުން މިފަދައިން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް "ދިޔަރެސް" ނޫހުން ހުށައެޅުމުން އެ މައުލޫމާތު ނުދިނުމުން، އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ