ޞާލިހް ސަރުކާރު: މިނިސްޓަރ ފެންވަރުގެ 29 ބޭފުޅުން، ބޭފުޅަކަށް މުސާރައިގެ ގޮތުގައި 66000 ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި މިނިސްޓަރު ފެންވަރުގެ 29 ބޭފުޅަކަށް މުސާރައިގެ ގޮތުގައި ބޭފުޅަކަށް މަހަކު 66،000 ރުފިޔާ ދެމުން އަންނަކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
އާއްމު މަސްލަހަތު ހިމެނޭ މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ފަރުދެއްކަމުގައިވާ އަހުމަދު އައިމަން ލަތީފް ރައީސް އޮފީހުގެ ސިޔާސީ މަޤާމްތަކުގެ މުސާރަ ހޯދުމަށް އެދުނުތާ 66 ދުވަސް ފަހުން ރައީސް އޮފީހުން ހާމަކުރެއްވި މި މައުލޫމާތުގައި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ސިޔާސީ މަޤާމްތަކުގެ މުސާރަ ވަނީ ހާމަކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު މިނިސްޓަރ ކަން ކުރައްވާ ބޭފުޅުންނަށް މަހެއްގެ މައްޗައް 66،000 ރުފިޔާގެ މުސާރައެއް ލިބޭ އިރު މިނިސްޓަރުންގެ ގޮތުގައި 19 ބޭފުޅެއް ޞާލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ވެސް ރައީސް އޮފީހުގައި ހުރި މައުލޫމާތު ތަކަށް ބަލާއިރު ކެބިނެޓް މިނިސްޓަރުންގެ އިތުރުން ވެސް އިތުރު 10 ބޭފުޅަކު މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވައެވެ. އެހެންކަމުން މިނިސްޓަރުންގެ މުސާރަނަންގަވާ 29 ބޭފުޅަކު މި ސަރުކާރުގައި ހިމެނިވަޑައިގަންވާއިރު، އަހަރެއްގެ މައްޗައް މި ބޭފުޅުންގެ މުސާރައިގެ ގޮތުގައި 22.9 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރައްވައެވެ.
މިނިސްޓަރުގެ ފެންވަރުގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ނަސީމް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް މުޙައްމަދު ޝިފާޒް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރު، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް މުޙައްމަދު ޝިހާބު ހިމެނިވަޑައިގަންނަވައެވެ.
ސަރުކާރު މުވަޒަފުންގެ މުސާރަ ހަމަޖެއްސުމަށް އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ސިޔާސީ މަޤާމްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމާއި، މުސާރަ ކުޑަކުރުންފަދަ ބަދަލެއް ސަރުކާރުން ފެނިފައިނުވާއިރު ގިނަ އަދަދެއްގެ ސަރުކާރު ބިލްތަކަށް މިހާރުވެސް ފައިސާ ދޫނުކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
ރައީސް އޮފީހުން ހާމަކުރި މައުލޫމާތަށް ބަލާއިރު ސިޔާސީ އެންމެ މާޤާމުގައި ހުންނަ ފަރާތަކަށް ވެސް 43 ހާސް ރުފިޔާލިބޭކަން ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ