އަހަރުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ހުދު އެލާޓް ނެރިފައިވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ މެންދުރު 12:30 އިން ހަވީރު 5:30 އަށެވެ. 
ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނިގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. 
ހުކުރު ދުވަހު ހެނދުނު މާލެއަށް ބޯކޮށް ވާރޭހެމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތަށް ސިފައިން މަގުތަކަށް ނެރެ، ޕަމްޕް ބަހައްޓާފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ 2 ފޫޓާއި 6 ފޯޓާ ދެމެދުގަ އެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ