ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލް ދަރިވަރުންނަށް އަންނަ ހަފުތާގައި ކިޔަވައިދޭން ފަށަނީ

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖް އަދި ޕްރީ ސްކޫލަށް ދަރިވަރުން ގެންގޮސް އަންނަ ހަފުތާގައި ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކުރިގޮތަށް، ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލު އުމުރުގެ ކުދިންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. މާލެ ސަރަހައްދުގައި ޖުލައި 1 ގައި ގްރޭޑު 9 އިން ފެށިގެން މައްޗަށް ކިޔަވައިދޭން ފެށުމަށް ފަހު މިިދޔަ މަހު ވަނީ ގްރޭޑު 7 އަދި 8 އަށް ވެސް ކިޔަވައިދޭން ފަށައިފަ އެވެ.
ނަމަވެސް އެހެން ހިސާބުތަކުގައި ޖުލައި 1 ގައި ވަނީ ގްރޭޑު 1-12 އަށް ކިޔަވައިދޭން ފަށައިފަ އެވެ.
ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލު އުމުރުގެ ކުދިންނަށް ކިޔަވައިދިނުމުގެ ހުއްދަ ދިންކަމުގައި ވިއަސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމުގެ ހުއްދައެއް އަދި ނުލިބެ އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމް އަންނަ މަހުގެ 3 ގައި ނިމޭނެ އެވެ. މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ ޖެނުއަރީ 10، 2021 ގަ އެވެ. ޖޫން 24، 2021 ވަންދެން ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ. ދެ ވަނަ ޓާމުގެ ޗުއްޓީ އަށް ފަހު، އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ