ނަސްރުގެ ދުވަސް: މައުމޫން ވިދާޅުވަނީ ނަސްރު ލިބުނީ ރައްޔިތުން ދެއްކި އެއްބައިވަންތަ ކަމުގެ ސަބަބުން ކަމަށް

މިއަދަކީ ރާއްޖޭގައި ފާހަގަ ކުރާ ނަސްރުގެ ދުވަހެވެ. ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ މީގެ 32 އަހަރު ކުރިން ދިވެހިންގެ ބަޔަކާގުޅިގެން ސްރީލަންކާގެ ޓެރަރިސްޓުންގެ ބަޔަކު މާލެއަރައި ރާއްޖޭގެ މިނިވަންކަން ނަގާލަން ހިންގި ނާކާމިޔާބު އުދުވާނީ ހަމަލާއާއި ގުޅިގެންނެވެ.
ރާއްޖޭގެ ރައީސް ކަމުގައި އޭރު ހުންނެވި ރައީސް މައުމޫން، އެދުވަހުގެ ހަނދާންތައް އާކުރައްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އުދުވާނީ ހަމަލައިން ސަލާމަތްވެ، ދިވެހިންނަށް ނަސްރު ލިބުނީ އެ ދުވަހު ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ސިފައިންގެ އަށް މީހަކާއި އާއްމުންގެ 11 މީހަކު ޝަހީދުކޮށްލި އުދުވާނީ ހަމަލައަށް 32 އަހަރު ފުރުމާ ދިމާކޮށް، މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ﷲއަށް ހަމްދުކުރައްވަމުން މައުމޫން ވިދާޅުވީ ޝަހީދުވި އެންމެންގެ ހިތްވަރާއި ގައުމީވަންތަކަން ދިވެހިން މިއަދު ހަނދާން ކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ނޮވެމްބަރު، 3، 1988، ގައި މާލެ އަރައި ހިންގި އުދުވާނީ ހަމަލަ ނާކާމިޔާބުކޮށްލުމުގައި އިންޑިއާގެ ސިފައިންނާއި އެ ގައުމުގެ ސަރުކާރުން ދިން އެހީތެރިކަމަށް ވެސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ތަމަޅަ ޓައިގަރުންގެ ހަތިޔާރު އެޅި ޖަމާއަތުން އެ ދުވަހު ފަތިހު މާލެ އެރީ، ރައީސް މައުމޫން ހައްޔަރުކޮށް، ވެރިކަން ބަދަލު ކުރާށެވެ. މަގުމަތިން ފެނުނު ބައެއް އާއްމުންގެ ގަޔަށް ބަޑިޖަހަމުން، ޓެރަރިސްޓުންގެ އެއް އަމާޒަކަށްވެފައި ހުރީ މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެ މަނިކުފާނު ހައްޔަރުކުރުމެވެ. އެކަމަކު އޭގެ ކުރިިން ސިފައިންގެ ހިމާޔަތުގައި މައުމޫން ވަނީ އެހެން ތަނަކަށް ވަޑައިގަންނަވާފަ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވީ ނަސްރުގެ ދުވަހުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއް ނެތި، ލޯބިވުމުގެ މުހިންމުކަން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ