ހަވީރު ނޫހުގައި ފާރޫގާއި ރަޝީދު މޫސާގެ ހިއްސާއެއް ނެތް: ސިވިލް ކޯޓު

ދުވަހު ނޫސް ހަވީރާއި އެތަނުގެ ލޯމާފާނު ޕްރިންޓްގައި ހ. މީރުބަހާރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ދެ ބޭފުޅުން ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މައްޗަށް ދައުވާ ކުރި މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް ވެސް އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނަށް ދޭން ނުޖެހޭ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ބަލާ އިރު، ދައުވާ ކުރާ ފަރާތްތަކުން އިޝާރާތް ކުރާ އެއްބަސްވުން ވެފައިވާ ތާރީޚު ކަމުގައިވާ 31 މާޗް 1983 ވަނަ އަހަރުގެ ކުރިން ވެސް އަދި ފަހުން ވެސް ދުވަހު ނޫސް ހަވީރު ނެރެފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ ތާރީޚުގެ ފަހުން ވެސް އަދި ކުރިން ވެސް "ހަވީރު" ރަޖިސްޓްރީވެގެން ހިންގާފައި ވަނީ ޑރ. ޒާހިރު ހުސައިންގެ ނަމުގައިކަން އެ ނޫހުގެ އެކި އަހަރުތަކުގެ ރަޖިސްޓްރީތަކަށް ބެލުމުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ދުވަހު ނޫސް ހަވީރާއި ޗާޕްޚާނާ ހިންގުމަށް ޓަކައި ދިވެހި ސަރުކާރުންނާއި އަދި މާލީ އިދާރާތަކުން އެކި ދުވަސްތަކުގައި އެކި މިންވަރުގެ ލޯން ނަގާފައިވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަ އިރު އެ ހުރިހާ ލޯންތައް ނަގާފައި ވަނީ ޑރ. ޒާހިރު ހުސައިން ޒިންމާވާ ގޮތަށް އޭނާގެ އަމިއްލަ ނަމުގައި ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ދުވަހު ނޫސް ހަވީރު ހިންގުމާ ގުޅޭ ގޮތުން ވެސް އަދި އެނޫސް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެ އިން ބޭރުގެ ފަރާތްތަކާ އެކު މުއާމަލާތްކުރެވިގެން ގޮސްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނައިރު މިއިން އެއްވެސް ކަމެއްގައި އަބްދުﷲ ފާރުގު ހަސަން އާއި އިބްރާހީމް ރަޝީދު މޫސާގެ އެއްވެސް ދައުރެއް އަދި ހިއްސާއެއް ވިޔަސް އެއްވެސް މިންވަރަކަށް ނެތްކަން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
"މި އެންމެހާ ކަންކަން އެގޮތުގައި ހުރުމުން، ދައުވާ ކުރާ ފަރާތްތަކާ އެކު 1983ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދުނު އަދި ހިންގަމުން އައިސްފައިވާ ނޫހެއް އަދި ޗާޕްޚާނާއެއް ނޫންކަން ސާފުގޮތެއްގައި ޝަރީއަތަށް ސާބިތުވާ އޮތުމުން، ދައުވާ ކުރާ ފަރާތްތަކުން އެދިފައިވާ ފަދައިން އެ ނޫހާއި ޗާޕްޚާނާގައި ދައުވާ ކުރާ ފަރާތްތަކުގެ ހިއްސާއެއްވާކަމުގައި ބެލެވޭނެ ޝަރުއީ އަދި ގާނޫނީ ވިޔަސް ހަމައެއް ނެތުމުން، ދުވަހު ނޫސް ހަވީރު އަދި ޗާޕްޚާނާ ހިންގައިގެން މިހާތަނަށް ލިބިފައިވާ ނަފާއިން ދައުވާ ކުރާ ފަރާތްތަކަށް އެއްވެސް މިންވަރެއް ދިނުމަށް ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަމުރުކުރާނޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ." ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ