ޝަހީދު އާދަމް ހަލީމަކީ ކ.ކާށިދޫ ކެތި އަޙްމަދު ހަލީމް އާއި ޚަދީޖާ ޔޫސުފް އަށް ލިބިފައިވާ 5 ކުދިންގެ ތެރެއިން 2 ވަނަ ދަރިފުޅެވެ. އޭނާއަކީ އެ ޢާއިލާއަށް ލިބިފައިވާ 4 ފިރިހެން ދަރިންގެ ތެރެއިން 2 ވަނަ ދަރިފުޅުވެސްމެއެވެ.
31 ޑިސެމްބަރ 1984 ވަނަ އަހަރު ކ. ކާށިދޫއަށް އުފަންވި ޝަހީދު އާދަމް ހަލީމަކީ މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވި ދަރިއެއް ކަމަށާއި އޭނާއަކީ ރަށުގެ ރައްޔިތުންގެ އިޙްތިރާމް ލިބިފައިވާ ޒުވާނެއްކަމަށް ރަށުގެ ގިނަބަޔަކު ޤަބޫލު ކުރެއެވެ.
2005 ވަނައަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހު ދިވެހި ފުލުހުންގެ ވަޒީފާއާ ގުޅުނު ޝަހީދު އާދަމް ހަލީމް ތަޢުލީމު ޙާޞިލްކޮށްފައިވަނީ އޭނާގެ އުފަން ރަށުގައި ހުންނަ ކ. އަތޮޅު މަދްރަސާއިންނާއި މަދްރަސަތުލް އަޙްމަދިއްޔާއިންނެވެ.
ފުލުހުންގެ ވަޒީފާއާ ގުޅުމަށްފަހު 9 ވަނަ ޕޮލިސް ރެކްރޫޓް ޓްރޭނިންގ ކޯސް ފުރިހަމަކޮށް ފުލުހުންގެ މުއައްސަސާގެ ތަފާތު ދާއިރާތަކުގައި އޭނާ ވަނީ ޚިދުމަތް ކޮށްފައެވެ. މިގޮތުން ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓާއި ރ.ދުވާފަރު ޕޮލިސް ސްޓޭޝަނާއި ރ.އަލިފުށި ޕޮލިސް ސްޓޭޝަނާއި، ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނާއި، ބ.އޭދަފުށި ޕޮލިސް ސްޓޭޝަން ގެ އިތުރުން ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި އޭނާ ޚިދުމަތް ކޮށްފައިވެއެވެ. އެއަށްފަހު ކ.ކާށިދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުވެ އެސްޓޭޝަންގެ އިންޗާޖްކަމާއި، ޝިފްޓް އިންޗާޖް ކަންވެސް ކޮށްފައިވެއެވެ.
ޝަހީދު އާދަމް ޙަލީމާއެކު މަސައްކަތް ކުރި ފުލުހުން ދެކޭގޮތުގައި އޭނާއަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ގުޅިގެން މަސައްކަތްކުރަން އެނގޭ ހީވާގި، އެކުގައި މަސައްކަތްކުރާ ކުދިންނަށް ނަމޫނާ ފުލުހެކެވެ. ޝަހީދު އާދަމް ޙަލީމުގެ ރަޙްމަތްތެރިން ސިފަ ކުރަނީ އެއްބަނޑު އެއްބަފާ އަޚެއްގެ ގޮތުގައެވެ.
ޤައުމީ ޚިދުމަތުގައި ރެޔާއި ދުވާލު މަސައްކަތް ކުރިނަމަވެސް ޝަހީދު އާދަމް ޙަލީމު ވަނީ އުފާވެރި ދިރިއުޅުމެއް ބިނާކުރަން އިސްކަން ދީފައެވެ. 2011 މެއި 14 ވަނަ ދުވަހު ކ.ކާށިދޫ ފަޅޯމާގެ މަރްޔަމް ޝިފާ އާއި އެކު އުފާވެރި ޒަވާޖީ ހަޔާތެއްފަށައި އެދެމަފިރިންގެ ޖަވާޒީ ޙަޔާތުގައި ފޮޅުނު ފުރަތަމަ މާ 2012 އެޕްރީލް 17 ވަނަ ދުވަހު ފޮޅިގެންދިޔަ، އެދެމަފިރިންގެ ދިރިއުޅުމުގެ ހުވަފެންކަމުގައިވި އަހްމަދު އަޔާމިން އާދަމް އާއި އެކު ދިރިއުން ވޭތުކުރަމުން ގެންދިޔައީ ހިތްހަމަޖެހުމާއެކު އުފާވެރިކަން މަތީގައެވެ. ނަމަވެސް ތުއްތު މަޢުސޫމް ދަރިފުޅާއެކު 3 މަސް ދުވަހު ހޭދަކުރުމަށްފަހު ޝަހީދު އާދަމް ހަލީމް އަށްޖެހުނީ އޭނާ އާރާސްތު ކުރަމުންދިޔަ ދިރިއުޅުމާއި އަލްވަދާޢު ކިޔައި ﷲ ޙަޟްރަތަށް ޝަހީދެއްގެ ގޮތުގައި ދަތުރުކުރާށެވެ. މިފަނާވަނި ދުނިޔެ އާއި އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާށެވެ.
އެއީ 2012 ޖުލައި މަހުގެ 22 ވަނަ ދުވަހުގެރޭ އެވެ. ޝަހީދު އާދަމް ހަލީމް އެރޭ ތައްޔާރުވަމުން ދިޔައީ އޭނާގެ ޤައުމީ ވާޖިބު އަދާކުރުމަށް ދަންވަރު ބާރައިގެ ޑިއުޓީއަށްދާށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފޮނި އުންމީދުގައި ރޭގަނޑުގެ ހަމަހިމޭންކަމުގެ އަރާމު ނިދި ރައްޔިތުންނަށް ހޯދައިދީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްޔިތުންގެ މުދަލާއި ރަށުތެރެ ބެލެހެއްޓުމުގެ މަތިވެރި ވާޖިބަށް ކުރިމަތިލުމަށެވެ. ކޮންމެއަކަސް ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ކާށިދޫގެ އަމާން މަގުތަކުގައި ހިނގާފައިދިޔައީ އެއްވެސް ބިރުވެރިކަމެއް ނެތި، ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު މާހިދު އާއި މަގުގެ ވަކިހިސާބަކުން ބައްދަލުކޮށް ދެމީހުން އެކުގައި ޑިއުޓީއަށް ދާން މަޝްވަރާކުރެވިފައިވާތީ އެކަމަށް އެދިހުރެއެވެ.
ނަމަވެސް ކާށިދޫ ޕޮލިސް ސްޓޭޝަނަށް ނުދެވެނީސް އޭނާއަށް ޖެހުނީ އޭނާގެ މަސައްކަތަށް ކުރިމަތިލާށެވެ. ގޭބަންދުގައި ހުންނަންޖެހޭ ރައްޔިތަކު ބަންދުން ވީއްލި ރަށުތެރޭގައި އުޅޭތަން ފެނުމުން އޭނާއަށް ނަސޭޙަތްދީ ޤާނޫނަށް ބޯލެނބުމަށް އެދުނެވެ. ކޮށްފައިވާ ހުވަޔާއެކު އެމީހާ އާއި ޝަހީދު އާދަމް ޙަލީމު ކުރިމަތިލީ ފިސާރި ސާބިތުކަމާއެކު އޭނާގެ ޤައުމީ ވާޖިބުގެ މަތިން ވަގުތުކޮޅަކަށްވެސް ހަނދާން ނައްތާލުމެއް ނެތިއެވެ.
ފުލުހުން ކަންކުރާ ޢާއްމު އުޞޫލުން ކާށިދޫ ޕޮލިސް ސްޓޭޝަނަށް ގުޅައި ކަމުގެ ޙާލަތު ބަޔާންކޮށްދިނުމަށްފަހު އޭނާގެ ކުރިމަތީގައި ހުރި ރައްޔިތު މީހާ ޤާނޫނީ ހަމަތަކާއެއްގޮތަށް ގެއަށް ވަނުމަށް ދެމުންދިޔަ ނަސޭޙަތުގެ އަގަކަށް ވެގެންދިޔައީ ތޫނު ހަތިޔާރަކުން އޭނާގެ މެއަށް އަމާޒުވި ޙަމަލާއެވެ. ގައިގެ އެކިތަންތަނަށް ވަޅިން ޙަމަލާދެމުން ދިޔައީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމު ފޫއަޅުވާލާފައެވެ. ރަޙުމް ކުޑަ ގޮތަކަށް އޭނާގެ ގައިގެ އެތަން މިތަނަށް ދިން ޙަމަލާއާއެކު ޒުވާން ހަށިގަނޑަށް ކެތްނުކުރެވި ވަގުތުން ބިންމައްޗަށް ވެއްޓުނެވެ. އެއީ ޝަހީދު އާދަމް ހަލީމްގެ އެންމެ ފަހު ނޭވާތައް ކާށިދޫގެ ޖައްވަށް ދޫކުރަމުންދިޔަ ވަގުތެވެ.
އެޙަމަލާ ވެގެންދިޔައީ ޝަހީދު އާދަމް ހަލީމުގެ ހުވަފަތް އަނބިކަބަލުންނާއި ޝަހީދު އާދަމް ޙަލީމުގެ މައިންބަފައިންނާއި ޢާއިލާއަށް އޭނާގެ ރަޙްމަތްތެރިންނަށް އަދި ދިވެހި ފުލުހުންގެ މުއައްސަސާ އަށާއި ދިވެހި އެންމެހައި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އަދި މިޤައުމަށް ގެނެސްދިން ފުން ހިތާމައަކަށެވެ.
ރަޙުމުކުޑަ އެޙަމަލާއިން ޝަހީދު އާދަމް ޙަލީމު މިދުނިޔެއާއި ވަކިވެގެން ދިއުމުން މުޅި ދިވެހި އުއްމަތަށް ހަމަހިމޭންކަން ވެރިވެގެންދިއައެވެ. މުޅި ކާށިދޫގައި ކަރުނައިގެ ސައިލުތައް ދެމެންފެށިއެވެ. ދިވެހި ޤައުމީ ދިދަ އާއި ދިވެހި ފުލުހުންގެ ދިދަ އެޝަހީދުގެ ހިތާމައިގައި ބައިދަނޑިއަށް ތިރިކުރެވިގެން ދިއައެވެ. ޢާއިލާގެ ރުހުމާއެކު ޝަހީދު އާދަމް ޙަލީމުގެ ނަފްސު މާލެގެނެސް ދިވެހި ފުލުހުންނާއި އެތައް ރައްޔިތަކަށް އޭނާއަށް އެންމެ ފަހުގެ ސަލާމް ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެވުނެވެ. ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ޢިއްޒައްތެރިން އޭނާއަށް އެންމެފަހު ވަދާޢު ދެންނެވިއެވެ. ޝަހީދު އާދަމް ޙަލީމު ފަސްދާނު ލެވުނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.
ޝަހީދު، އާދަމް ހަލީމް ފުލުހުންގެ ވަޒީފާގައި ހޭދަކުރި މުއްދަތުގައި އަޚްލާޤީ އެއްވެސް މައްސަލައެއް ޖެހިފައި ނުވާއިރު، އޭނާއަށް ވަނީ 2008 މެއި 18 ވަނަ ދުވަހު ޕޮލިސް ކޮންސްޓަބަލްގެ މަޤާމުން ޕޮލިސް ލާންސް ކޯޕްރަލްގެ މަޤާމަށް ކުރިއެރުން ލިބިފައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 07 އަހަރާއި 05 މަހާއި 26 ދުވަހު ޚިދުމަތް ކޮށްދެއްވާފައެވެ.
ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަ ހެޔޮ ޛިކުރާއަކަށް ނިމުމެއްނެތް ކަން ޝަހީދު އާދަމް ޙަލީމު ދައްކަވައި ދެއްވައިފިއެވެ. އެޝަހީދުގެ ޛިކުރާ ދިވެހި ފުލުހުންގެ މުއައްސަސާ ދެމިއޮތްހާ ދުވަހަކު އާވެ އާވަމުންދާނެއެވެ. އެ ޝަހީދުގެ މަތިވެރި ނަން ދިވެހި ތާރީޚުގައި ރަތް އަކުރުން ފަވާލެވިގެންދާނެއެވެ.
އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ދާޢިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން އަބަދުގެ އަބަދަށް ދެއްވުން. އާމީން.
ނޯޓް: މި ލިޔުމަކީ ފުލުހުންްގެ ވެބްސައިޓް ގައި 2015 ވަނަ އަހަރު ލިޔެފައިވާ ލިޔުމެކެވެ.
ޕޮލިސް މެމޯރިއަލް ޑޭ: ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ (1984 – 2012)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ