ޕީޕީއެމް ގެ ރައީސް ކަމުން ރައީސް މައުމޫން ވަކިކުރުމަށް އެދިއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް ކަމުން ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވަކިކުރުމަށް އެދި އެޕާޓީ ގެ ކައުންސިލް ދެ މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ވައްދައިފިއެވެ.
ސިވިލް ކޯޓުން ބުނި ގޮތުގައި އެމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދ ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.
އެ ދެމެމްބަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައިވަނީ ޕީޕީއެމް ގެ ރައީސް ކަމުން ރައީސް މައުމޫން ވަކިކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ އެއްގޮތަށް ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެފަރާތަކާ ޕާޓީ ހިންގުން ހަވާލުކޮށްދިނުން އެޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ އަމުރެއް ނެރެދިނުމަށެވެ.
މީގެ އިތުރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސަކީ އެޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ނަމަވެސް އެ ދެ ގަވާއިދާ ޚިލާފަށް ޕާޓީގެ ގުނަވަންތައް ސަސްޕެންޑުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މައުމޫން ހުއްޓުވާފައިވާ ކަމަށެވެ.
މިމައްސަލާގައި އިތުރަށް ބުނެފައިވަނީ، ޕީޕީއެމްގެ ކައުންސިލް އެއްވެސް ބައްދަލުވުމެއް ރައިސް މައުމޫން އެންގެވި އެންގެވުމަށް ވަގުތީ ގޮތުން އަމަލު ކުރުން ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ އެއަމުރަށް އެމަނިކުފާނު ގޮންޖެއްސެވި ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ވެސް ގޮންޖައްސަވަމުން މައުމޫން ޕާޓީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ