ޖަލުގެ ވެރިޔާ މުނާޒު ވަކިކޮށް އެ މަގާމަށް އަހުމަދު ހަމަޖައްސައިފި

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒު ވަކިކޮށްފި އެވެ. އަދި އެ މަގާމަށް، މުނާޒުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސާފައި ވަނީ، ރ. ކަނދޮޅުދޫ، ރިހިތަޅާގެ، އަހުމަދު މުހައްމަދުފުޅު، 31އ. އެވެ. މިހާތަނަށް އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގަ އެވެ. އޭނާ ވަނީ މީގެކުރިން ޖެންޑާ މިނިސްޓްރީގެ ކައުންސެލަރެއްގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފަ އެވެ. އޭގެ ފަހުން މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަނުގެ މެމްބަރުކަން ވެސް އޭނާ ވަނީ އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ދިޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ރައީސް ސޯލިހު މުނާޒު ހަމަޖެއްސެވީ، ޑިސެމްބަރު 25، 2018ގަ އެވެ. މީގެ ކުރިން، ވެސް އޭނާ އެ މަގާމު ފުރުއްވާފައިވެ އެވެ. މުނާޒު މަގާމުން ވަކިކުރި އިރު، މިފަހުން ވަނީ މާފުށީ ޖަލާއި މާލޭ ޖަލުގައި ތިބި ގައިދީންތަކެއް އިހުތިޖާޖުކޮށް ޖަލުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި ބައެއް ގައިދީންނަށާއި ޖަލު އޮފިސަރުންނަށް އެކިވަރުގެ އަނިޔާވެފަ އެވެ. ގައިދީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ، އެ މީހުން ފެށި އިހުތިޖާޖު މައިިތިރިކުުރުމަށް މުނާޒު އަންގަވައިގެން ނުބައްދަލު ބާރުގެ ބޭނުންކޮށް ގައިދީންނަށް އަނިޔާކުރި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެހެން ނަމަވެސް، އެ ތުހުމަތުތައް ދޮގު ކުރައްވަމުން އޭނާ ވިދާޅުވެފައި ވަނީ ޖަލު ހަލަބޮލިކުރީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހުނީ ގައިދީން ޖަލު އޮފިސަރުންނަށް ހަމަލާދިނުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ