ފުރަތަމަ ސްމާޓް ސްކޫލްގެ ގޮތުގައި ކުޑަފަރީ ސްކޫލް ރައީސް އިފްތިތާހް ކޮށްދެއްވައިފި

ރާއްޖޭގެ ފުރަތަމަ ސްމާޓް ސްކޫލްގެ ގޮތުގައި ނ. ކުޑަފަރީ ސްކޫލް ރައީސް މުހައްމަދު ނަޝީދު ރޭ އިފްތިތާހްކޮށްދެއްވައިފި އެވެ.
ކުޑަފަރީ ރައްޔިތުން އެމަނިކުފާނުގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅުގެ ތެރޭގައި އިފްތިތާހުކޮށްދެއްވި މި ސްކޫލަކީ ރަށްރަށުގެ ސްކޫލްތަކުގައި ދޭ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް، އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުން ތަޢާރަފުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން ގާއިމްކުރި ތަނެކެވެ.
ސްމާޓް ސްކޫލް ޕްރޮގްރާމްގެ ދަށުން މިއަހަރު ހަތަރު ސްކޫލެއްގައި ތަޖުރިބާ ކުރުމުގެ ނިޒާމް ޤާއިމްކުރަން ވަނީ ހަމަޖައްސައިފަ އެވެ. މި ސްކޫލްތަކުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔެވުމުގެ ފުރުސަތު ހުޅުވޭނެ އެވެ.
ރައީސް ނަޝީދު ކުޑަފަރީ އަށް ކުރައްވާ ދަތުރުފުޅުގައި، ކުޑަފަރީ ރަށު ކައުންސިލާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްގީއަށް ސަރުކާރުން ހިންގަން ހަމަޖައްސާފައިވާ ޕްރޮގްރާމްތަކާ ބެހޭ ގޮތުންނާއި، ކައުންސިލް މެދުވެރިކޮށްގެން، ސަރުކާރުގެ ޚިދުމަތްތަކާއި، ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
ކައުންސިލްތައް މެދުވެރިކޮށްގެން ސަރުކާރުން ލާމަރުކަޒީ އުސޫލުން ހިންގަން ފަށާފައިވާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ގެންދިއުމާއި ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމުގެ ފިޔަވަޅުތަކަށް މުހިންމު އިސްކަމެއް ދެއްވުމަށް ވެސް ރައީސް ވަނީ ކައުންސިލަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން ދަނޑުވެރިކަން ކުރުމަށްޓަކައި، އެ އަތޮޅު ފަޅުރަށެއް ހަމަޖައްސައިދިނުމަށް ކައުންސިލުން އެދިފައިވާތީ އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ