އިދިކޮޅު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން އުމަރު ނަސީރު ވަކިކުރި މައްސަލާގައި އެ ޕާޓީގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދުގެ ލޯ ފާމްގައި ކޯޓަށް ހާޒިރުވުމުގެ ޗިޓު ހިއްޕުމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ ޗިޓު ހިއްޕުމަށް ނިންމީ މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ޝަރީއަތަށް ވެސް ޑީއާރުޕީގެ ވަކީލު ސުއޫދު ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމުން ކަމަށެވެ. އަދި ކޯޓަށް ހާޒިރުވެ ވަޑައިނުގަނެވޭނެ އެއްވެސް ސަބަބެއް ކޯޓަށް އަންގަވާފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައަކީ ކޯޓުގައި ބެލޭނެ މައްސަލައެއް ކަމަށް ނިންމައި ދައުވާއަށް ޖަވާބުދާރީވުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު އެންގެވި ފަހުން ޑީއާރުޕީން ކޯޓަށް ހާޒިރު ނުވި ދެ ވަނަ އަޑުއެހުމެވެ.
މި މައްސަލައިގައި ކުރިން ބޭއްވުމަށް އޮތް އަޑުއެހުމަށް ވަކީލު ސުއޫދު ވަޑައިނުގަތުމުން ކޯޓުން ވަނީ އެދުވަހުގެ އަޑުއެހުން ވެސް ކެންސަލްކޮށްފަ އެވެ. ގާޒީ ވިދާޅުވީ އެހެން މައްސަލައެއްގައި ސުއޫދު އެ ގަޑީގައި ހައި ކޯޓުގައި އުޅުއްވާތީ ހާޒިރުވެ ވަޑައިނުގަނެވެނެ ކަމަށް އަންގަވާފައިވާ ކަމަށެވެ.
ސުއޫދު ވަނީ މި މަ މައްސަލަ ކޯޓުގައި ނުބެލޭނެ ކަމަށް ވިދާޅުވެ އިޖުރާއީ މައްސަލަތަކެއް ފާހަގަކުރައްވައިފަ އެވެ. އެގޮތުން އުމަރު ޑީއާރުޕީން ވަކިކުރި މައްސަލަ ޕާޓީ ތެރެއިން ހައްލުކުރަން މަސައްކަތް ނުކޮށް ކޯޓަށް ހުށަނޭޅޭނެ ކަމަށާއި ޕާޓީގެ ތެރެއިން ހައްލުކުރަން އުޅުމަށް ފަހު، ހައްލުނުވެއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމަށް އޭނާގެ މައްޗަށް އަމުރުކޮށްދިނުމަށް ޑީއާރުޕީން އެދުނެވެ.
ނަމަވެސް ގާޒީ އަލީ ރަޝީދު މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖުލީހުގައި ވިދާޅުވީ ޕާޓީގެ އެތެރެއިން ހައްލު ހޯދުމުގެ އިޖުރާއަތު ފުރިހަމަކޮށްފައި ނޫނީ އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް އުމަރަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.
އުމަރުގެ މައްސަލާގައި ޑީއާރުޕީގެ ފަރާތުން ވަކާލާތުކުރައްވާ ސުއޫދުގެ ލޯ ފާމްގައި ޗިޓު ހިއްޕަން ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ