އަޅުގަނޑުގެ ބާރުތަށް ނިގުޅައިގަތީ ބާރުގެ ބޭނުންކޮށްގެން – މައުމޫން

ޕީޕީއެމްގައި އޮތް ރައީސް މައުމޫންގެ ބާރު އަތުލައިގަތީ "ބާރުގެ ބޭނުންކޮށްގެންކަމަށް" އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
"ރާއްޖޭގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް. މިހާރުގެ ސަރުކާރަށް ތާއީދު ނުކުރަން ނިންމީ އެހެންވެ. ޖޭޕީއާ އެކު ވެސް ދެކެވުނީ އެ ވާހަކަ" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މިހާރު ބާރެއް ނެތް ކަމަށާއި، ހުރިހާ ތަނެއްވެސް ހިނގަމުންދަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް ކަމަށެވެ. ޕީޕީއެމްގައި އޮތް ބާރު އެމަނިކުފާނުގެ އަތުން ނިގުޅައިގަތީ، ބާރުގެ ބޭނުންކޮށްގެން ކަމަށްވެސް، ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބު ކާމިޔާބުވީ ހަމައެކަނި، ޕީޕީއެމްއިން ކުރި މަސައްކަތުން ނޫންކަމަށާއި، އެއީ އެންމެން ގުޅިގެން ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށްވެސް، ރައީސް މައުމޫން ވިދާޅުވިއެވެ.
"ސަރުކާރު ހޮވި މަގުސަދުތަކެއް މިހާރު ހާސިލްވަމުން ނުދޭ. މިއަދު ޖޭޕީއާއެކު މަޝްވަރާކުރެވުނީ ބާރުތަށް ވަކިކުރެވިފައިވާ ސަރުކާރެއް ގާއިމުކުރުމާއި، ހަގީގީ ޑިމޮކްރެސީ ގާއިމުކުރެވޭނެ ގޮތްތަކާއި މެދު" ރައީސް މައުމޫން ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސް މައުމޫން ބައްދަލުކުރެއްވިއިރު، މި ދުވަސްވަރަކީ ޕީޕީއެމްގެ ތެރެއިން ރައީސް މައުމޫނަށް ކޮންޓްރޯލް ގެއްލިފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ