ތުރާކުނު ކައުންސިލްގެ ރައީސް އަދި ގިނަ އަދަދެއްގެ ރައްޔިތުން އެމްޑީއޭ އަށް

ހއ. ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއް ލަތީފް އާއި ތުރާކުނު އަދި އުލިގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ގުޅިއްޖެ އެވެ. މި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މެންބަރުން އިތުރު ކުރުމަށް އެމްޑީއޭ އިން ހއ. އަތޮޅަށް އިއްޔެ ފެށްޓި ދަތުރުގައި ތުރާކުނުގައި ރޭ ބޭއްވި ޖަލްސާގަ އެވެ.
އެމްޑީއޭ އަށް ސޮއި ކުރުމަށް ފަހު ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއް ލަތީފް ވިދާޅުވީ އެމްޑީއޭ އާއި ގުުޅުނު މައިގަނޑު ސަބަބަކީ މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީ ތަކަށް ބަލާ އިރު އެންމެ ގަބޫލު ކުރެވޭ ސިޔާސަތު ތަކަކާއި އުސޫލުތަކެއް ގެންގުޅޭ ޕާޓީ އަކީ އެމްޑީއޭ ކަމަށް ވާތީ ކަމަށެވެ. އާންމު ގޮތެއްގައި ސިޔާސީ ޕާޓީ ތަކުގެ ޕޯޑިއަމް ތަކުން އެހެން ޕާޓީ ތަކަށް ފުރައްސާރަ ކުރުމާއި ސިޔާސީ ބޭފުޅުންނަށް ދިމާ ކުރުން ފަދަ ކަންކަން ފެންނަ ކަމަށާއި އެހެން ނަމަވެސް އެކަން އެމްޑީއޭ އިން ނުފެންނަ ކަމަށާއި އެއީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ވަކީން ޚާއްސަ ގޮތެއްގައި އަތޮޅު ތަކުގެ ރަށްރަށް އެންމެ މުހިންމު ވެފައި ވަނީ ތަރައްގީ ކަމަށާއި އެމްޑީއޭގެ ލީޑަރޝިޕަކީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ ރޮނގުން ފުރިހަމަ ކާމިޔާބު ތަކެއް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ތުރާކުނުގެ ތަރައްގީ އަށް އެ ތަޖުރިބާގެ ބޭނުން ހިފި، އޭގެން ރައްޔިތުންނަށް މަންފާ ތަކެއް ލިިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއް ލަތީފް އަކީ އަމިއްލަ ގޮތުން ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ