ޑރ.މުއިއްޒު ވެސް ގުރުއާން ޗެލެންޖުގައި ބައިވެރިވެވަޑައިގެންފި

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ގުރްއާން ޗެލެންޖުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ، މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ޗެލެންޖްގައި ބައިވެރިވެޑައިގަތުމަށް ދައުވަތު ދިނީ މަލަކަށް ނަމަކަށް ކިޔާ މީހެކެވެ.
ގުރުއާން ހަތިމް ކުރުމުގެ ޗެލެންޖްގައި މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ފަހު، އޭނާ ދައުވަތު ދެއްވީ، ތިން ބޭފުޅަކު އެ ޗެލެންޖު ފުރިހަމަ ކުރެއްވުމަށެވެ. އެއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށެވެ.
މުއިއްޒު ކިޔަވާ ވިދާޅުވާ ވީޑިއޯ ޝަހީމް ރިޓުވީޓު ކުރައްވާ ވިދާޅުވީ "ވަރަށް ފުރިހަމަ" ކަމަށެވެ. އަދި މުއިއްޒަށް ވަނީ ޝަހީމް ތައުރީފް ކުރައްވައިފައެވެ.
މި ޗެލެންޖް ފެށުމުގެ ގޮތުން ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތެވެ. ޝަހީމްގެ މި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ