ސިއްހީ ދާއިރާއަށް ރައީސް ޔާމީން ގެންނެވީ ހެޔޮ ބަދަލުތަކެއްކަން ސާބިތުވެއްޖެ: ޣައްސާން

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެންނެވީ ހެޔޮ ބަދަލުތަކެއްކަން ސާބިތުވެއްޖެކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.ޣައްސާން މިހެން ވިދާޅުވީ ކޮވިޑު-19 އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެވުނު ދެ މީހުންވެސް އެބަލިން މިހާރު ރަނގަޅުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާ ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުންނެވެ. ޣައްސާން ވަނީ ކޮވިޑު-19 އަށް ފަރުވާދިނުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން ސިއްހީ ދާއިރާގެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ މާހިރުންނަކީ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައި މަސައްކަތްކުރާ މީހުންނާއި އެއް ފެންވަރެއްގެ މީހުންކަމަށް ޣައްސާން ވިދާޅުވިއެވެ. މީގެ އިތުރަށް ޣައްސާން ވަނީ އެ ދެމީހުން ބަލިން ރަނގަޅުވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި ނަމަވެސް ނުރައްކަލުން އަދި ސަލާމަތް ނުވާކަމަށާއި އެހެންކަމުން ފާރަވެރިވެ ތިބެންޖެހޭކަމަށެވެ. ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދެވޭނެ ތަނަކަށް ރާއްޖޭގައި ހުރީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލްކަން ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރެވުނު ހޮސްޕިޓަލެކެވެ. އޭރު އެ ހޮސްޕިޓަލްގެ މަސައްކަތް ސަރުކާރުން ކުރުމުން، މިއަދު ސަރުކާރުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އެކަމަށް ފާޑުވިދާޅުވިއެވެ. މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެއީ "ހޮހޮޅައެއް" ގޮތަށް ސިފަކުރައްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ