ކަމަދޫ ކަރަންޓު ބިލްތަކުން ވައްކަން ކުރާ މައްސަލައެއް ފެންމަތިވެއްޖެ

ބ. ކަމަދޫ ފެނަކައިގެ މުވައްޒަފަކު، ކަރަންޓު ބިލްތައް އަމިއްލައަށް ބޮޑުކޮށްގެން އެ ފައިސާ ބޭނުންކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކަމަދޫގެ ގިނަ ބަޔަކު މިއަދު މެންދުރު ފަހު ވަނީ، އެ ޝަކުވާ ހިފައިގެން ކައުންސިލް އިދާރާއަށް އެއްވެފަ އެވެ.
އެ މީހުން ބުނާގޮތުން، ގޭގެއަށް ފޮނުވާ ކަރަންޓު ބިލާ، ފެނަކަ އޮފީހުގެ ސިސްޓަމުގައި އިންނަ ބިލަކާ ދިމައެއް ނުވެ އެވެ. އެގޮތުން ބައެއް ގެތަކަށް 4،000 ރުފިޔާގެ ބިލެއް ފޮނުވާއިރު، ސިސްޓަމުގައި އިންނަ ބިލުން ދައްކަނީ 2،000 ރުފިޔާ ކަމަށް ބައެއް މީހުން ބުންޏެވެ.
ރަށުގެ މީހުން ތުހުމަތު ކުރާ ގޮތުން، ފެނަކައިގެ ފައިސާއާ ބެހޭ ބައިގައި އިންނަ އަންހެން މީހާ އެކަން ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަދި އެގޮތަށް ލައްކައަކަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާނެ ކަމަށް އެ މީހުން ލަފާ ކުރެ އެވެ.
އެނގިފައިވާ ގޮތުގައި ފެނަކަ މައި އޮފީހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު، އެ އަންހެން މީހާ ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅޭގޮތުން އެ އޮފީހުން އެއްވެސް ޖަވާބެއް ނުދެ އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސާޖިދު ވިދާޅުވި ގޮތުގައި މިއަދު ކައުންސިލް އޮފީހަށް އެއްވި މީހުން އެދުނީ ވަގަށް ނަގާފައިވާ ފައިސާ ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކުގެ އެހީ އަށެވެ. އަދި އެ މައްސަލައިގައި ފެނަކައިން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ އެ މީހުން ޝަކުވާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ