ކޯޓުން ޕާސްޕޯޓު ހިފަހައްޓާފައިވާ ދެ ބިދޭސީއަކު ފުރުވާލީ 2018 ވަނަ އަހަރު ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަހު (ހަނަފީ) މިހެން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި 2 މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ މީހުން ފުރުވާލި މައްސަލައެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ފެންމަތިކޮށްފައި ވަނިކޮށެވެ. ޕީޖީ އޮފީހުން ވަަނީ އެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާނެ ކަމަށްވެސް ބުނެފަ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދެމީހުން ދޫކޮށްލުމުގެ ކަންކަން ހިނގާފައި ވަނީ 2018 ވަނަ އަހަރުގެތެރޭގައި ކަމަށެވެ. ނަމަވެސް އެ މީހުން ފުރުވާލީ ކޮން ތާރީހެއްގައި ކަމެއް ހަނަފީ ވިދާޅެއް ނުވެ އެވެ.
ޕީޖީ އޮފީހުގެ ވާހަކައަށް ރައްދުދެއްވައި ހަނަފީ އިތުރަށް ވިދާޅުވެފައި ވަނީ، އެފަދަ މައްސަލަތައް ހައްލުކުރުމަަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ފުރިހަމަ އެއްބާރުލުން، މޯލްޑިވްސް އިމިގްރޭޝަނުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ދެ ބިދޭސީން ފުރުވާލި މައްސަލައިގައި ޕީޖީ އޮފީހުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި އެދިފައި ވަނީ އެކަމުގައި އިހުމާލުވި މުއައްސަސާގެ މައްޗަށް ތަހުގީގު ހިންގައި ދިނުމަށެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޤައުމުގައި ހަަމައަކަށް އެޅެންޖެހޭ މުހިންމު ބައެއް ކަންކަން އެބަހުރި ކަމަށެވެ. އަދި މި މައްސަލަަ ޕީޖީން އެންއައިސީ އަށް ހުށަހަޅާފައިވާއިރު، ބޮޑެތި ކުށްތަކަކަށް ތުހުމަތުކުރެވޭ ބިދޭސީންގެ މައްސަލަތަކެއް ނުބަލާ ޑީޕޯޓްކޮށްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ރާއްޖޭގައި ގަވައިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، ރާއްޖޭގައި ހިންގާ ބޮޑެތި ކުއްތަކުގައި އެމީހުން ދަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ މިންވަރު އިތުރުވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން މަސައްކަތަށް ގެނައުމުގެ އުސޫލުތައް ހަރުދަނާކުރަން ފަށާފަ އެވެ.
އެގޮތުން ޕްރޮޖެކްޓްތަކަށް ދެން ބިދޭސީން ގެނެވޭނީ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ ޕްރޮޖެކްޓް ފޯމް" ފުރުމަށްފަހުކަމަށް ވަނީ ނިންމާފަ އެވެ.
ޕާސްޕޯޓު ހިފަހައްޓަން އެންގި ދެ މީހުން ފުރުވާލީ 2018 ގައި: އިމިގްރޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ