އެއްވެސް ހައްގަކާ ނުލާ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ފުނޑު ފުނޑު ކޮށްލާތަން ބަލަން ނުތިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
އިމްރާންގެ ޓްވީޓްގައި ވިދާޅުވީ އެއްވެސް ހައްގަކާ ނުލާ ގާސިމް އިބްރާހީމް ފުނޑު ފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ ކަމަށެވެ.
ގާސިމް އިބްރާހިމް ޗެއާމަން ކަން ކުރައްވާ ވިލާ ގުރޫޕަށް ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެެ އެއްބަސްވުން މިމަހުގެ ފަސް ވަަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ.
ވިލާގެ ފަޅުތަކާއި ރަށްތަކުގެ އެގްރިމެންޓް ބާތިލްކުރުމަށް ނެރުނު އެއްބަސްވުމަށް އަމަލުކުރުން ފަސް ކުރަން މިމަހުގެ 12 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރު މިމަހުގެ 24 ވަނަ ދުވަހު ބާތިލް ކޮށްފަ އެވެ.
އިމްރާން ކުރެއްވި އިތުރު ޓްވީޓް ތަކެއްގައި ވިދާޅުވީ ނާޒިމްގެ ދެ ކަަނބަލުން މިނިވަން ކުރުމަށް މަސައްކަތް ކުރުމީ ހައްގަށް، އިންސާފަށް ލޯބިކުރާ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ސަރުކާރުގެ ނަފްރަތު އަމާޒުވެފައިވާ ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުންނަށް ވުމަކީ ޓެރަރިޒަމްގެ ކުށެއްތޯ ބުނެ އިމްރާން ވަނީ ސުވާލު އުފައްދައިފަ އެވެ.
މީގެއިތުރުން އިމްރާން ވިދާޅުވީ ނާޒިމްގެ މައްޗަށް އުފުލާފައިވަ ދައުވާއަކީ ސިޔާސީ ކުލަޖެހިފައިވާ ދައުވާއެއް ކަމަށާއި އެ ދައުވާވެސް އަނބުރާ ގެންދެވުމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންއަށް ގޮވާލާ ކަމަށެވެ.
ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ޕީޖީ ވަނީ އެދައުވާ އަނބުރާ ގެންދަވާފަ އެވެ. ނާޒިމްގެ މައްޗަށް ދއުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާގައި އިއްޔެ ބޭއްވި ޝަަރީއަތުގެ އަޑުއެހުމުގައި، ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލަދޭން ރާވާފައި ވަނީ ވިލާއިން ފަންޑްކޮށްގެން ކަން އެނގޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އަދި ޝަރީއަތް ނިމެނެދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ގާސިމް އިބްރާހީމް ފުނޑު ފުނޑު ކޮށްލާތަން ބަލަން ނުތިބޭނަން: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ