ޖޭޕީ މެމްބަރުންގެ "ކަރަށް ފައިން އަރާކަށް" ނަޝީދު ޖެހިލުމެއް ނުވާނެ: ހޯރަފުށީ މެމްބަރު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުންގެ "ކަރަށް ފައިން އަރާކަށް" ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖެހިލުމެއް ނުވާނެ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މުހައްމަދު އިސްމާއިލް ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބޭރުފުށުން ޖުމްހޫރީ ޕާޓީ ވެގެން އުޅޭ ބަޔަކާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ ގައުމުގައި އޮތް ސުލްހަ މަސަލަސްކަން ނަގާލަން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް ނަޝީދު އިސްވެ ހުންނަވައި މި ރާއްޖޭގެ ގަދަރާއި ހައިބަތު ނައްތާލައި އަޅުވެތިކަމަށް މަގުފަހި ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ސުޕްރީމް ކޯޓުގެ ތަޅު އަޅުވައި ކޯޓުތަކުގެ ގާޒީން ވަގަށް ނަގައި ހައްޔަރުކޮށް ސިޔާސީ ވާދަވެރިން ދެއިރު ދެދަޅައަށް ފުލުހުންގެ އޮފީހަށް ހާޒިރުކޮށް ބަންދުގައި ބޭއްތިއްބި އިރު މިއަދު ގާނޫނު އަސާސީ ހިމާޔަތް ކުރަން އަޑަށް ބާރުލާ ހަޅޭއްލަވާ މީހުންނަށް އެގޮތަށް ނުކުންނާކަށް ނުކެރުނެވެ." މުހައްމަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭނާގެ ބަޔާނުގައި "ނަގޫ ފިތިގެން ތިބި" ބަޔަކާ އެކު ނޫޅުމަށް ޖޭޕީ އަށް ވަނީ ގޮވާލައްވައިފަ އެވެ. މުހައްމަދު ނެރުނު ބަޔާނުގައި އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާސިމް އިބްރާހިމްގެ ވަސް މި ގައުމުން ފުހެލުމަށް ކުރެއްވި މަސައްކަތާއި ގާސިމްގެ ވިޔަފާރި ހުއްޓުވުމަށް ކުރެއްވި މަސައްކަތް ޖޭޕީގެ މެމްބަރުންނަށް ހަނދުމަފުޅު ކޮށްދެއްވައިފަ އެވެ.
"ޖޭޕީގެ މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ މިއަދު ތިޔަ ރައްޔިތުން "ގުނބޯ" ހެދިގެން ނޫޅުއްވާ ރައްކާތެރިކަމާއެކި ގައުމުގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތަށް އެނބުރި ރުޖޫއުވުމަށެވެ." މުހައްމަދުގެ ބަޔާނުގައިވެ އެވެ.
އަދި ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ހުރި ގޮތްދޫ ނުކުުރުމުގެ ސިޔާސަތު ސަބަބުން އަމިއްލަފުޅަށް ވެރިކަން ދޫކުރައްވައި އަދި ވެސް މި ގައުމުގެ ދުވަސް ދުއްވާލުމަށް ކުރަމުންދާ މަސައްކަތުގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވުމަށް ގޮވާލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ