ސަޕްލިމެންޓްރީ ބަޖެޓް އެއް ދުވަސްތެރޭ މަޖިލީޙުން ފާސްކުރަނީ

ފިނޭނެސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓް އެއް ދުވަސް ތެރޭ ފާސް ކޮށްދެއްވުމަށް މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓް އިތުރު ކޮށްދެއްވުމަށް އެދި ފޮނުވާފައިވާ ސިޓީ މިއަދުގެ މަޖިލީހުގައި އިއްވާފައިވާއިރު ނަޝީދު ވިދާޅުވީ، އެ މައްސަލަ ފޮނުވަން ޖެހޭނީ މާލިއްޔަތު ކޮމެޓީއާ އިގްތިސޯދީ ކޮމެޓީ އެއް ކޮށްލައިގެން ހަދާ ކޮމެޓީއަކަށް ކަމަށެވެ. އެގޮތުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓް އިތުރުކުރުމުގެ މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއަދުގެ ހަތަރު ދަމު އެއްކޮށް އެ މައްސަލަ ދިރާސާ ކުރުމަށްފަހު މާދަމާގެ ޖަލްސާއަށް ހުށަހަޅައި އެރެއާ ހަމައަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. "އެހެންވީމަ އަޅުގަނޑުގެ އަމާޒަކީ މިއަދު އާއި މާދަމާ މި މިސައްކަތް ކުރެވި މާދަމާ ރޭ އަޅުގަނޑުމެނަށް މީގައި ގޮތެއް ނިންމޭނެ ގޮތް ވުން،" ނަޝީދު ވިދާޅުވި އެވެ. ސަޕްލިމެންޓްރީ ބަޖެޓު ފޮނުވި ނަމަވެސް ބަޖެޓާ ގުޅޭ ތަފްސީލެއް ފިނޭންސް އާއި މަޖިލީހުން ވެސް އަދި ހާމައެއް ނުކުރެ އެވެ. މީގެ ކުރިން މިނިސްޓަރު އަމީރު 'ސަން' އަށް ވިދާޅުވީ މި ސަރުކާރުން ތަންފީޒު ކުރަމުން މިދާ ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެއް ކަމަށާއި އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ވަރަށް ދަތިވާ ކަމަށެވެ. އަދި ސަޕްލިމަންޓްނުކޮށް ބަޖެޓް ކުރިއަށް ގެންދިޔުމަށް އުނދަގޫވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ، 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި، އެއީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ