ކަރަންޓު ފޮށި މައްޗަށް އިމާރާތަކުން އެއްޗެއް ވެއްޓި، ގެތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގައި އިމާރާތެއްގެ ފާރު ތަޅަނިކޮށް ޑިސްޓްރިބިއުޝަން ފޮއްޓެއްގެ މައްޗަށް ކޮންކްރީޓްގަނޑެއް ވެއްޓި އެ ސަރަހައްދުގެ ބައެއް ގެތަކުން މިރޭ ކަރަންޓު ކެނޑިއްޖެ އެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 9:00 ގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އެ ހާދިސާ ހިނގީ މާފަންނު އަސުރުމާ ގޯޅި ތެރޭ ހުރި ގެއަކުން ކަމަށެވެ. ސެޓްލްކޯގެ މިޑީއާ އޮފިސަރު އިބްރާހިމް ޒިޔާއު "ސަން" އަށް ވިދާޅުވީ، މިހާރު ސްޓެލްކޯގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ޑިސްތްރިބިއުޝަން ބޯޑަށް ދިމާވި މައްސަލަ ހައްލު ކުރަމުންދާ ކަމަށެވެ. ހާދިސާ ހިނގިތާ މިހާރު ދެ ގަޑިއެއްހާއިރުވެފައިވާއިރު، ޒިޔާއު ވިދާޅުވީ ދިހަވަރަކަށް މިނިޓް ތެރޭ މައްސަލަ ހައްލުކުރެވި އެ ސަރަހައްދުގެ ގެތަކަށް އަލުން ކަރަންޓް ދެވޭނެ ކަމަށެވެ. މިރޭ މާފަންނު ގެއެއްގެ އިމާރާތް ތަޅަނިކޮށް ކޮންކްރީޓްގަނޑެއް ވެއްޓުނު އިރު، މިފަދަ ހާދިސާތައް މެދުވެރިވުން މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހު 10 ވަނަ ދުވަހު ވެސް ވަނީ އިމާރާތެއް ތަޅަނިކޮށް، ކޮންކްރީޓްގަނޑުތަކެއް ވެއްޓި ޖެހިގެން ހުރިގޭ ފާރަށް ގެއްލުންވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ