ރިޔާސީ އިންތިހާބުގެ ބިލްތަކަށް 30 މިލިއަން ރުފިޔާ ނުދެއްކި އެބަ އޮތް: އީސީ
ރިޔާސީ އިންތިހާބު ބާއްވަން ކްރެޑިޓަށް ހޯދި ތަކެއްޗާއި ބައެއް ޚިދުމަތްތަކަށް ދައްކަން ޖެހޭ 30 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގޮތުން ބުދަދުވަހު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފައިސާ ނުލިބޭތީ އެއްވެސް ތާކުން ކްރެޑިޓަށް ކަންކަން ކޮށްދޭން އެއްބަސްނުވާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާހާއި އޮފިޝަލުން އުފުލަން ފްލައިޓް ޗާޓަރުކުރުން ވެސް ދަތި ކަމަށް އޭނާ ވިދާޅުވި އެވެ. މަނިކު ވިދާޅުވީ ދަތުރުތައް ކޮށްދެން އައިލެންޑް އޭވިއޭޝަނުން އެއްބަސްވީ އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާގެ ކޮންމެވެސް މިންވަރެއް ފިނޭންސް މިނިސްޓްރީން ހަމަޖެއްސުމުން ކަމަށެވެ. "ހެނދުނު ވިދާޅުވި އައިލެންޑް އޭވިއޭޝަނުން ވެސް ނެތޭ ކްރެޑިޓަށް ޝީޓެއް ލިބޭކަށް. އެހެން ނަމަވެސް މެންދުރު ފަހު މި ބޭފުޅުން ވާހަކަ ދައްކައިގެން މިހާރު ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަތުވެއްޖެ އަނެއްކާވެސް ކްރެޑިޓަށް ދޭން. އަޅުގަނޑު މި ދަންނަވަނީ ބަޖެޓުގެ ދަތިކަން ހުރި ވާހަކަ،" މަނިކު ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ މީގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އޮތީ މިދިޔަ މަހު ކަމަށް ވާތީ އެކަމަށް ބޭނުންވާ ހަރަދު ވެސް ހިމަނާފައި ވަނީ މިދިޔަ އަހަރުގެ ބަޖެޓުގައި ކަމަށެވެ. އެކަމަކު ރިޔާސީ އިންތިހާބު ދިގުލައިގެން ދިއުމުން ލޯކަލް ކައުންސިލް އިންތިހާބު މި އަހަރަށް ފަސްވީ ކަމަށެވެ. އެހެން ނަމަވެސް ބަޖެޓަކީ ކުރިއާލާ ތައްޔާރުކުރާ އެއްޗަކަށްވާތީ މި އަހަރުގެ ބަޖެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ފައިސާ ޖަހާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާސިމް ވިދާޅުވީ އިލެކްޝަންސްގެ 95 މިލިއަން ރުފިޔާގެ ބަޖެޓް 87 މިލިއަނަށް ކުޑަކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މަޖިލީހުން ފާސްވީ 59 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި މި ވަގުތަށް ހަރަދުކުރާނެ ފައިސާ ހުރި ނަމަވެސް މަޖިލީހުގެ އިންތިހާބަށް ފަހު ފައިސާ ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ލޯކަލް ކައުންސިލް އިންތިހާބު ނިމުނީމާ މިއޮތީ ރައްޔިތުން މަޖިލީހުގެ އިންތިހާބު. ހަގީގަތުގައި މަޖިލީހުގެ އިންތިހާބު ބާއްވަން ނެތް އަޅުގަނޑުމެންނަކަށް ފައިސާ ލިބިފައެއް. އެހެންވީމާ މަޖިލީހުގެ އިންތިހާބު ދެން ލިބިފައި ހުރި ފައިސާކޮޅުން ބާއްވާފައި، ދެން އަޅުގަނޑަށް ހީވަނީ އެ ހިސާބުން އިލެކްޝަންސް ކޮމިޝަން ޖެހޭނީ ބަންދުކުރަންހެން އެ ފައިސާ ނުލިބިއްޖެއްޔާމު،" އާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ