ކަރަންޓް ސަބްސިޑީ އަށް އެދެން ގިނަ ބަޔަކު ކިޔޫގައި!

ކަރަންޓް ސަބްސިޑީ އަށް އެދުމުގެ މުއްދަތު މާދަމާ ހަމަވާތީ ފޯމު ހުށަހަޅަން ގިނަ ބަޔަކު މިއަދު މާލޭގައި ކިޔޫ ހަދައިފި އެވެ. ސަބްސިޑީ ފޯމު ބަލައިގަތުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ މާލޭގެ އެކި ސަރަަހައްދުތަކުގައި މޭޒުތައް ބަހައްޓައިފަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވެލާނާގެ އާއި ސޯޝަލް ސެންޓަރު ހިމެނެ އެެވެ. މި ތިން ސަަރަހައްދުގައި ވެސް ފޯމު ހުށަހަޅަން ގިނަ ބަޔަކު ކިޔޫގައި އެބަ ތިއްބެވެ. ކަރަންޓް ސަބްސިޑީ ފޯމު ހުށަހަޅަން ބަޔަކު ކިޔޫގައި. --ހަވީރު ފޮޓޯ: ނިޝާން އަލީ އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް އިއްޔެ ވިދާޅުވީ، ކަރަންޓް ސަބްސިޑީ އަށް އެދުުމުގެ މުއްދަތު އިތުރުކުރަން ވިސްނާފައި ނުވާ ކަމަށެވެ. ސަބްސިޑީ އަށް އެދެން ބޭނުންވާ މީހުން ކަނޑައަޅާފައި އޮތް ތާރީހުގައި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ސަބްސިޑީ ދޫކުރާނީ، މުޖުތަބާ ވިދާޅުވި ގޮތުގައި، އެންސްޕާ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން، އޭގެ އެންމެ ހައްގުވެރިންނަށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އަދިވެސް ގިނަ ބައެއްގެ ޝަކުވާ އަކީ ފޯމު ފުރިހަމަކުރަން ޖެހޭ އުނދަގޫ ބައިތައް ގިނަވެ، ދަތިތަކެއް ކުރިމަތިވުމެވެ. އޭގެ ތެރޭގައި، ކުއްޔަށް ދިރިއުޅޭ މީހުން ގޭގެ ވެރިފަރާތުން ހޯދަން ޖެހޭ ލިޔުންތަކެއް ހިމެނޭއިރު އެ މައްސަލަ ބޮޑުވުމެވެ. ކަރަންޓް ސަބްސިޑީ ފޯމު ހުށަހަޅަން ބަޔަކު ކިޔޫގައި: ސަބްސިޑީ އަށް އަލުން ރަޖިސްޓްރީކުރަން ހުޅުވާލީ މުއްސަނދިންނަށް ސަބްސިޑީ ދިނުން ހުއްޓާލަން ކަމަށް އެންސްޕާ އިން ބުނޭ. --ހަވީރު ފޮޓޯ: ނިޝާން އަލީ އެކަމަކު އެންސްޕާ އިން ބުނެފައި ވަނީ، އެއީ ވޯލްޑް ބޭންކުގެ ޓެކްނިކަލް އެހީތެރިކަމާ އެކު ތައްޔާރުކޮށް، ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި އާއްމުން ލައްވައި ފުރުވާފައިވާ ފޯމެއް ކަމަށެވެ. ކަރަންޓް ސަބްސިޑީ އަށް އެދުމުގެ ފުރުސަތު ފެބުރުއަރީ މަހުގެ ތެރޭގައި އަލުން ހުޅުވާލީ، އެންސްޕާ އިން ބުނެފައިވާ ގޮތުގައި، ހައްގުވެރިންނަށް ސަބްސިޑީ ދިނުމަށެވެ. ކަރަންޓް ސަބްސިޑީ ވެސް ރާއްޖޭގައި ދޫކުރަނީ ހައްގުވާ މީހުންގެ 12 ޕަސެންޓަށް ކަމަށް ވޯލްްޑް ބޭންކްގެ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ