ކޯޓުން އަމުރު ކުރިޔަސް އިންތިހާބުގެ ތާރީހު އަވަހެއް ނުކުރާނަން: ފުވާދު

ސަރުކާރުން އެދުނު ނަމަވެސް އަދި އެހެން ފަރާތަކުން ލަފައެއް ދިނަސް ކޯޓުން އަމުރެއް ނުވަތަ ހުކުމެއް ކުރިނަމަވެސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަށްވުރެ ކުރިން އިންތިހާބު ނުބޭއްވޭނެކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ފުވާދު ވިދާޅުވީ ކޮންމެ ފަރާތަކުން އެދުނަސް އަދި ލަފައެއް އެރުވިޔަސް ކޯޓަކުން އަމުރެއް އަދި ހުކުމެއް ކުރިޔަސް ކޮމިޝަނުން އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނީ ނޮވެމްބަރު 9 ވަނަ ދުވަހުގައި ކަމަށާއި 2 ވަނަބުރެއް ބާއްވަންޖެހިއްޖެނަމަ އެބުރު ބާއްވާނީ ނޮވެމްބަރު 16 ވަނަ ދުވަހުގައި ކަމަށްވެސް ފުވާދު ވިދާޅުވި އެވެ.
ރައީސުލްޖުމުހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފުވާދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ވަސީލަތަކާއި ހުރިހާ އޮފީހަކާއި ހުރިހާ މުވައްޒަފުން ދެއްވި ނަމަވެސް އަދި އެއަށްވުރެ އިތުރަށް ދެއްވި ނަމަވެސް އިންތިހާބު އަވަސްކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
"19 ވަނަ ދުވަހު އިންތިހާބު ނުބޭއްވުނު އިރު އެވާހަކަ ވިދާޅުވި ނަމަ އަޅުގަނޑުމެންނަށް ތާރީހް އަވަސް ކުރެވުނީސް. ނަމަވެސް މިއަދު މީ 29 ވަނަ ދުވަސް. ތާރީހް އަވަސްކުރެވޭނެ ގޮތެއް ނެތް" ރައީސުލްޖުމުހޫރިއްޔާގެ ނައިބާއި އެކު މިއަދު ކުރެއްވި މަޝްވަރާތަކަށް އިޝާރަތް ކުރައްވައި ފުވާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިހާބު އަވަސް ކުރުމަށް ބޭނުންވި ނަމަވެސް އެކަން ކުރެވެންނެތީ ތާރީހު އަވަސްކުރާނަމަ ރީ-ރެޖިސްޓްރޭޝަނަށް އަލުން ފުރުސަތު ހުޅުވާލަން ޖެހޭނެތީ އާއި ރަޖިސްޓްރީއަށްވެސް ބަދަލު ގެންނަން ޖެހޭނެތީ ކަމަށެވެ.
ފުވާދު ވިދާޅުވީ މިހާރުވެސް ރައްޔިތުން ވޯޓުލުމަށްޓަކައި އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ތާރީހަށް އިތުރަށް ބަދަލެއް ގެނައުމަކީ ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމެއް ކަމަށެވެ.
ފުވާދު ވިދާޅުވީ ސުޕްރީމް ކޯޓުން ދެއްވި 11 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ތައްޔާރު ވެވުނުކަމުގައި ވިދާޅުވުމަށްފަހު ކެނޑިޑޭޓުން އެދުނު ގޮތަށް ނޮވެމްބަރު 2ގައި އިންތިހާބު ބޭއްވުމަށް ކޮމިޝަނުން އެއްބަސްނުވީ ކީއްވެތޯ ދެންނެވުމުން ފުވާދު ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމަށް މަދުވެގެން ތިން ހަފްތާ ބޭނުންވާ ކަމަށެވެ. އަދި 19 ގައި އިންތިހާބު ބާއްވަން މަސައްކަތްކުރި އިރު އިންތިހާބުގައި ރީ-ރެޖިސްޓްރީއާއި ގުޅޭ ޝަކުވާތައް ހުށައެޅި މީހުންގެ ޝަކުވާތަކަށްވެސް ޖަވާބުދާރީ ނުވެވުނު ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގު ގެއްލި ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ.
ފުވާދު ވިދާޅުވީ 7 ސެޕްޓެމްބަރުގައި އިންތިހާބު ބޭއްވީ ވަރަށް ފުރިހަމަ ރެޖިސްޓްރީއަކާއި އެކުގައި ކަމަށާއި އެހެންނަމަވެސް ސްޕްރީމް ކޯޓުން އިންތިހާބު ބާތިލުކުރީ މަރުވެފައިވާ ބަޔަކު ވޯޓުލާފައިވާ ކަމަށް ބުނެ ކަމަށެވެ. އަދި ސްޕްރީމް ކޯޓުން މަރުވެފައިވާކަމަށް ބުނި ބައެއް މީހުން ދިރި އެބަތިބި ކަމަށް ބުނެ ފުވާދު ބައެއް މީހުންގެ ނަމާއި އެޑްރެސްތައްވެސް މިރޭ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ