ނަޝީދާއި ޔާމީނަށް ހުރަސް އެޅޭނެ ހުރިހާ މަގަކުން ހިނގާނަން: އުމަރު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް މިޤައުމުގެ ވެރިކަމަށް ވަޑައިނުގެންނެވޭ ހުރިހާ މަގަކުން މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމުން ވަކިކުރައްވާފައިވާ އެޕާޓީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އޭނާ ޕީޕީއެމުން ވަކިކުރެއްވުމަށްފަހު އަލުން އޭނާ އެޕާޓީއަށް ގުޅެން އުޅޭ ކަމަށް ވިދާޅުވެ ޔާމިންއާއި އޭނާގެ ސަޕޯޓަރުން ވާހަކަދައްކަމުން ގެންދާ ކަމަށާއި، ނަމަވެސް ޔާމިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވިހާ ދުވަހަކު ޕީޕީއެމްއާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ޔާމިންގެ ފަރާތްޕުޅުން އެކިއެކި ބޭފުޅުން އޭނާއާ ބައްދަލުކުރައްވާ އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި، ނަމަވެސް ޔާމިން ހުންނަވައިގެން ޕީޕީއެމްއަށް ރަގަޅު ކާމިޔާބެއް ލިބިވަޑައިގަންނަވާނެ ކަމަށް އެއްގޮތަކަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ޔާމިންއަށް ވެރިކަން ލިބިވަޑައިގަންނަވައިފިނަމަ މިޤައުމުގައި ހިޔާނާތުގެ އަމަލުތައް އިތުރުވެގެންދާނެ. ޑްރަގްސްއާއި ގުޅުންހުރި މައްސަލަތަކަށް ހައްލެއް ނުލިބި އެކަންކަން ގޯސްވެގެންދާނެ. އެހެންކަމުން އަޅުގަނޑަށް ޔާމިންއާއެކު ދެވޭކަށް ނޯންނާނެ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާގެ ސަޕޯޓަރުން ޕީޕީއެމް ދޫކޮށް އެހެން ޕާޓީތަކަށް ދިއުމަކީ ސަޕޯޓަރުންގެ އަމިއްލަ ނިންމުމެއް ކަމަށާއި، އުމަރުގެ ސަޕޯޓަރުން އެމީހުން ބޭނުންވާ މީހަކަށް ވޯޓް ލުމަކީ އޭނާވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. ނަމަވެސް ޔާމިންއާ ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިނުގަންނަވާނެ ހުރިހާ ކަމެއް ކޮށްދެއްވުމަށް އޭނާގެ ސަޕޯޓަރުންނަށް އުމަރު ވަނީ ގޮވާލައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކާއެކު ފެންނާނެތޯ ދެންނެވުމުން އުމަރު ވިދާޅުވީ އޭނާ ފެނުނަސް ފެންނާނީ ރައީސް ވަހީދު ނުވަތަ ޤާސިމް އިބްރާހިމްއާއެކު ކަމަށެވެ.
"ނަމަވެސް އަދިވެސް އަޅުގަނޑު މިމަސައްކަތް ކުރަނީ ވަހީދުއާ ޤާސިމްއާ ގުޅިގެން ފުޅާ ކޯލީޝަނަކުން އިންތިހާބުގައި ވާދަކުރެވޭނެ ފޯމިއުލާއެއް އޮތްތޯ. އެމަސައްކަތް އަޅުގަނޑު އެބަކުރަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދާއި ޔާމިންއަށް ވެރިކަން ލިބިވަޑައިގަތުމުގެ ފުރުސަތު އޮވެގެން އުވާނެ ކަމަށާއި، އެގޮތަކަށް އެކަންވެއްޖެނަމަ ޤައުމުގެ މިނިވަންކަމާއި ދީނުގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދިގެންދާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާގެ ކުރިމަތީގައި އަބަދުވެސް އަމިއްލަ ނަފްސަށް ވުރެ ޕާޓީގެ މަސްލަހަތު ބޮޑުވާނެ ކަމަށާއި، ޕާޓީގެ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު ބޮޑުވާނެ ކަމަށެވެ.
"ވީމާ އަޅުގަނޑު އަބަދުވެސް ޤައުމަށް ރަގަޅު ގޮތަށް ވިސްނާނަން. އެހެންކަމުން ޔާމިންއާ ނަޝީދަށް ވެރިކަމަށް ނާދެވޭނެ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަޅުގަނޑަކަށް ޔާމިންއާ ނަޝީދަށް ވެރިކަން ލިބޭތަން ބަލާކަށް ނުހުރެވޭނެ" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ