ނައިޖީރިއާގެ ސްކޫލް އެސެމްބްލީ އަށް ޖާނުންފިދާވުމުގެ ހަމަލާއެއްދީ 47 ކުދިން މަރާލައިފި
ކާނޯ (ނޮވެމްބަރު 10) - ނައިޖީރިއާގެ އިރުއުތުރުގެ ސްކޫލެއްގެ އެސެމްބްލީ އަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ގާތްގަނޑަކަށް ފަންސާހަކަށް ކުދިން މަރުވެފައިވާ ކަމަށް އޮފިޝަލުން ޚަބަރު ދީފި އެވެ. މި ހަމަލާ ދީފައި ވަނީ ފިރިހެން ކުދިންގެ ސްކޫލެއްގެ ހެނދުނުގެ އެސެމްބްލީ އަށް ކުދިން ހާޒިރުވަމުން ދަނިކޮށެވެ. ހަމަލާ ދިން އިރު ކުދިން ދިޔައީ ގަވަރްމެންޓް ކޮމްޕްރެހެންސިވް ސީނިއާ ސައެންސް ސެކަންޑަރީ ސްކޫލުގެ ޕްރިންސަލް ކޮންމެ ދުވަހެއްގެ ވެސް އެސެމްބްލީގައި ދޭ ތަގްރީރު އަޑުހަން ތައްޔާރުވަމުންނެވެ. މަންޒަރު ދުށް މީހުން ސިފަކުރި ގޮތުގައި ބާރު އަޑުފައްގަނޑަކާ އެކު ގޮއްވާލި އެއްޗަކާ އެކު މުޅި ހިސާބުގައި ލޭގެ ކޯރެއް ހެދިގެން ދިޔަ އެވެ. މިއީ ނައިޖީރިއާގެ ސްކޫލަކަށް އަމާޒުކޮށް ދިން އެންމެ ނުރައްކާ ހަމަލާ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މިއީ ހުޅަނގުގެ ތައުލީމާ ދެކޮޅު ހަދަމުންދާ ބޯކޯ ހަރާމުން ދިން ހަމަލާއެކެވެ. ޖާނުންފިދާވުމުގެ ހަމަލާ ދިން ސްކޫލުގައި އުމުރުން 15-20 އަހަރާ ދެމެދުގެ ހާހެއްހާ ކުދިން ކިޔަވަމުން ދެ އެވެ. ކިޔަވާ ކުއްޖެއް ކަމަށްވާ އަދަމު އަބްދުﷲ ބުނީ ޖާނުންފިދާވުމުގެ ހަމަލާ ދިން ތަނާ ކައިރީގައި ތިބި ކުދިންތައް ވައިގެ ތެރެއަށް ވިއްސައިގެން ދިޔަ ކަމަށެވެ. އަދި އޭނާ ވެސް އޮތީ ކޮންމެވެސް ކުއްޖެއްގެ ގައި ދަށުގައި ކަމަށާއި ފަހުން އެނގުނު ގޮތުގައި އެ ކުއްޖާ އޮތީ މަރުވެފައި ކަމަށް އޭނާ ބުންޏެވެ. ބޯކޯ ހަރާމުން ނައިޖީރިއާގެ ސްކޫލްތަކަށް އަމާޒުކޮށް މީގެ ކުރިން ވެސް ވަނީ ހަމަލާތައް ދީފަ އެވެ. ސަރުކާރުގެ ބޯޑިން ސްކޫލަކަށް މިދިޔަ ފެބްރުއަރީ މަހު ދިން ހަމަލާއެއްގައި ވަނީ 40 ކުދިން މަރުވެފަ އެވެ. އަދި ސަރުކާރުގެ ބޯޑިން ސްކޫލަކަށް ޖުލައި މަހު ބޯކޯ ހަރާމުން ދިން ހަމަލާއެއްގައި ވަނީ 42 ކުދިން މަރުވެފަ އެވެ. މީގެ އިތުރުން އޭޕްރީލް މަހު ވަނީ ޗިބޮކުން 276 ކުދިން ވަގަށް ނަގައިފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ