ބޭރުގެ ފަރާތްތަކުން ފާޑުކިޔަސް ކަންބޮޑުވާކަށް ނުޖެހޭ: މައުމޫން

ރާއްޖޭގެ ކަންކަމަށް ބޭރުގެ އެކި ފަރާތްތަކުން ފާޑުކިޔަސް ކަންބޮޑުވާން ނުޖެހޭ ކަމަށާއި ރާއްޖޭގެ ބައެއް ފަރާތްތަކުން ބޭރު މީހުންނާ ގުޅިގެން ކަންތައްތަކެއް ކުރާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ސިންގަޕޫރުގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ލީކް އަން ޔޫގެ ޖަނާޒާގައި ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދެންނެވި ސުވާލެއްގެ ޖަވާބުގައި މައުމޫން ވިދާޅުވީ، ރާއްޖޭގެ ކަންކަމާ ފާޑުކިޔާ މީހުންނާ ގުޅިފައި ތިބި ދިވެހިން ވެސް ބޭނުންވަނީ އެމީހުންގެ މަގުސަދު ހާސިލްވާ ގޮތަށް ކަންތައް ކޮށްދޭން ކަމަށެވެ. "އަޅުގަނޑުމެންނަކީ އެހެން ތިބި ބައެއް ނޫން. ޕީޕީއެމަކީ އަދި މިހާރުގެ ސަރުކާރުން އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ ހެވާއި ލާބައަށް ކަންތައްތައް ކޮށްދޭން. އެއްގޮތަކަށް ވެސް ބޭރުގެ ގައުމަކުން ވަކި ގޮތަކަށް ބުނީމާ، އެގޮތަކަށް ކަންތައް ކުރާކަށެއް ނޫން،" ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރަށް ޖަލަށްލުމާ ގުޅިގެން ބޭރުގެ އެކި ފަރާތްތަކުން އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެންމެ މަތީ މަސްލަހަތަކީ ދިވެހި ގައުމުގެ މަސްލަހަތު. ގައުމަށް އިސްކަންދީގެން، ގައުމަށް ބޭނުންވާ ގޮތަށް ކަންތައް ކުރުން އެއީ އަޅުގަނޑުމެން ކަންތައް ކުރަމުންދާ ގޮތަކީ." ކުރީގެ ރައީސް މައުމޫން މިރޭ ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ބައެއް މީހުންނާ ސަލާމް ކުރައްވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަންކަމަށް ބޭރުގެ ފަރާތްތަކުން ފާޑުކިޔަނީ ހަގީގަތަށް ބެލުމެއް ނެތި އެވެ. އަދި އެމީހުން ވާހަކަ ދައްކަނީ ވަރަށް ކުރިއްސުރެ ފެށިގެން ވަކި ގޮތަކަށް ކަންކަން ގަބޫލުކޮށްގެން ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ރާއްޖޭގައި ވެސް ކަންކަން ކުރަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ސަރުކާރުން އެންމެ ބޮޑު އަނިޔާއެއް ލިބޭ ބޭފުޅުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިގަންނަވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނެފައިވާތީ، މައުމޫން ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެކެވެ. "އަޅުގަނޑަކަށް އެއްވެސް އަނިޔާއެއް ނުލިބޭ. އިރާދަކުރެއްވިއްޔާ ނުވެސް ލިބޭނެ. ވަރަށް ރަނގަޅަށް ޕާޓީ އާއި ސަރުކާރާ ގުޅިގެން ކަންކަން ކުރަމުން މިދަނީ. އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެބަޔަކު ބޭނުންވާ މަގުސަދު ހާސިލް ކުރުމަށްޓަކައި އެމަނިކުފާނުގެ "ނަން ބޭނުންކޮށްގެން ބަޔަކު ވާހަކަ ދައްކަނީ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ