ޓޫރިޒަމް ދާއިރާގެ ކޮންމެ ފިޔަވަޅެއް އަޅަނީ ތިމާވެއްޓަށް ބަލާފައި: ނައިބު ރައީސް
ޓޫރިޒަމް ދާއިރާގެ އެންމެ އާދައިގެ މަސައްކަތްތަކުން ފެށިގެން ބޮޑެތި މަޝްރޫއުތަކާ ހަމައަށް ވެސް ހިންގަނީ ރާއްޖޭގެ ތިމާވެއްޓަށް ބަލައިގެން ކަމަށް ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ. އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން ބާއްވާ "ތްރީ އާރް ފޯރަމް" މިއަދު ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ރާއްޖެ އަށް ޓޫރިޒަމް ތައާރަފް ވީއްސުރެ، އެ ދާއިރާގެ ދެމިއޮތުމާއި ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅިފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި ހަމަ އެއާއެކު ތިމާވެށީގެ ނާޒުކުކަން ވެސް ސަރުކާރުން ދަންނަ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ޓޫރިޒަމާ ގުޅޭ ހުރިހާ ގާނޫނެއް ވެސް ހަދާފައިވަނީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް ކަމަށް އަދީބު ވިދާޅުވި އެވެ. "ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ޓޫރިޒަމްގެ ގާނޫނުގައި ވެސް ބުނެފައިވާނެ ޓޫރިޒަމާ ގުޅޭ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން، އެއިން ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް އެސެސްމެންޓް ހެދުމަށް.. އަދި ރިސޯޓުތައް ހަދައި މަރާމާތު ކުރުމާއި އެ ތަންތަނުގެ ކުނި ނައްތާލުން ފަދަ ހުރިހާ މަރުހަލާއެއްގައި ވެސް ތިމާވެއްޓަށް އިސްކަން ދިނުމަށް ވެސް ގާނޫނުގެ ދަށުން ލާޒިމް ކުރޭ،" ނައިބު ރައީސް ވިދާޅުވި އެވެ. "ތްރީ އާރް ފޯރަމް"ގައި ބައިވެރިވެ ވަަޑައިގެން ބައެއް ބޭފުޅުން: މި ފޯރަމް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 30 ގައުމަކުން 300 އެއްހާ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި އަދިބު ވަނީ، އަމިއްލަ އަށް އިސްނަގައިގެން ތިމާވެށީގެ ރައްކާތެރިކަމަށް ރިސޯޓުތަކުން މަސައްކަތް ކުރާކަން ފާހަގަ ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިސޯޓުތަކުގެ މި މަސައްކަތްތައް ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ފާހަގަކުރާ ކަމަށާއި މިއީ ޓޫރިޒަމް ދާއިރާގެ ދެމިއޮތުމަށް މުހިއްމު މަސައްކަތްތަކެއް ކަމަށެވެ. އަދި އެ ރިސޯޓުތަކަށް ނައިބު ރައީސް ޝުކުރު އަދާ ކުރެއްވި އެވެ. އަންނަ އަހަރުން ފެށިގެން އެ ފަދަ ރިސޯޓުތަކަށް، ތްރީ އާރު އެވޯޑް ދިނުމަށް ހަމަޖައްސާފައިވާކަން ވެސް އަދީބު އިއުލާން ކުރެއްވި އެވެ. "ތްރީ އާރް ފޯރަމް"ގައި ނައިބު ރައީސް އަދީބާއި ތިމާވެށީގެ މިނިސްޓަރު ތޯރިގް ބައިވެރިވެ ވަޑައިގެންނަވަނީ: މި ފޯރަމް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ދެ ދުވަހުގެ މުއްދަތަށް މިއަދު މާލޭގައި ފެށި މި ފޯރަމަކީ ޖަޕާނު ސަރުކާރުގެ އިސްނެގުމުގެ މަތިން މީގެ ހަ އަހަރު ކުރިން ބާއްވަން ފެށި ފޯރަމެކެވެ. ނަމަވެސް، މި ފޯރަމް މިހާރު ވަނީ ޔުނައިޓެޑް ނޭޝަންސް ސެންޓާ ފޯ ރީޖަނަލް ޑިވެލޮޕްމަންޓުން އެޑެޕްޓް ކޮށް، އެ ތަނުގެ ބެއްލުވުމުގެ ދަށުން ކުރިއަށްގެންދާ ކަމަކަށް ބަދަލުކޮށްފަ އެވެ. މި ރަަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ރިސޯޓުތަކުން ބޭރު ކުރާ ކުނި ނައްތާލާ ގޮތަކީ ވެސް ދޫކޮށް ނުލެވޭނެ ކަމެއް ކަމަށެވެ. އަދި ނުރަނގަޅު ގޮތެއްގައި މިކަން ކޮށްފިނަމަ މިކަމުގެ ނޭދެވޭ އަސަރު ގިނަ ދުވަސްތަކެއް ވާންދެން ކުރާނެ ކަމަށް ވިދާޅުވި އެވެ. ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެންމެ އެކަށޭނެ ގޮތެއްގައި އެކަން ކުރިއަށް ގެންދިޔުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މި ފޯރަމުގައި ތިމާވެއްޓާ ގުޅޭ ގޮތުންނާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާ ގުޅޭ ގޮތުން ތަފާތު ގައުމުތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅައި ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ހަމަޖެހިފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ