ޑިމޮކްރަސީގައި އެންމެ ބާރުގަދަ ހަތިޔާރަކީ ރަައްޔިތުންގެ ވޯޓް: މައުމޫން

ޑިމޮކްރަސީގައި އެންމެ ބާރުގަދަ އަދި އެންމެ އަގު ބޮޑު ހަތިޔާރަކީ ރަައްޔިތުންގެ ވޯޓް ކަމަށާއި އެއީ ރައްޔިތުންގެ އަތްމަތީގައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. ރ. ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގައި އެކަށައަޅާފައިވާ ވެރިކަމުގެ ނިޒާމުގެ ދަށުން އެއްވެސް ބޭފުޅަކު އަބަދު ވެރިކަމުގައި ނުހުންނަވާނެ ކަމަށާއި މި ނިޒާމުގައި ވެރިޔަކަށް ހުންނަން ޖެހޭނީ ރައްޔިތުން ބޭނުންވާ މީހެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވޯޓަކީ ރައްޔިތުންގެ އަތުގައިވާ އެންމެ ބާރުގަދަ ހަތިޔާރު ކަމަށްވާ އިރު އެއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. "އެ ހަތިޔާރު ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރާނީ. އެހެންވީމަ އަޅުގަނޑުމެން ރިޔާސީ އިންތިހާބެއް ބާއްވަން ޖެހެނީ. އިންތިހާބު ބާއްވައިގެން ބަލަން ބޭނުންވަނީ ރައްޔިތުން އެންމެ ރުހެނީ ކާކާތޯ. ރައްޔިތުން އެންމެ ބޭނުންވަނީ ކާކުތޯ އެމީހުންގެ ވެރިއަކަށް ހުންނަން،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ވޯޓް ދޭން ވާނީ އެމީހެއްގެ ގާބިލިއްޔަތު ކަމަށް ބަލާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ ކާކަށްތޯ އާއި އެމީހެއްގެ މައުލޫމާތާއި ތަޖުރިބާ އާއި މީގެ ކުރިން ކޮށްފައިވާ ހިދުމަތްތަކަށް ބަލަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އެބޭފުޅުންނަކީ އަމާނާތްތެރިންތޯ ބަލާފައި، އެބޭފުޅުންނަކީ އެކަމަށް ގާބިލް، އެކަމުގެ މައުލޫމާތު ހުރި ތަޖުރިބާހުރި އަދި އެބޭފުޅުންގެ ފަރާތުން ގައުމަށް އެއްވެސް ކަހަލަ ނުރަނގަޅު ކަމެއް މެދުވެރިނުވާ ކެންޑިޑޭޓުންނަށް ވާންޖެހޭނެ. އަމާނާތްތެރި ބޭފުޅުންނަށް ވާންޖެހޭނެ. އަމާނަތްތެރިކަމަކީ ވެރިންގެ ކިބައިގައި ހުންނަންޖެހޭ އެންމެ ރީތި ސިފަ،" މައުމޫން ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ ކަމަށް ގަބޫލުކުރެވެނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ކަމަށް މައުމޫން ވިދާޅުވި އެވެ. ނަމަވެސް، ޕީޕީއެމުން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ގަދަރުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ