ބަންޑާރަ ނައިބު ކޯޓުގެ ހުރުމަތް ނަގާލި ކަމަށް ގައްދޫ ކޯޓުން ކަނޑައަޅައިފި
ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ކޯޓުގެ ހުރުމަތް ނަގާލި ކަމަށް ގދ. ގައްދޫ ކޯޓުން ކަނޑައަޅައިފި އެވެ. ގައްދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހަށް ދައުވާ ލިބޭ މައްސަލައެއް ހިންގުމަށްޓަކައި ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ހާޒިރުވުމަށް އެތައް ފަހަރަކު އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް ހާޒިރުނުވުމުން ސީދާ ބަންޑާރަ ނައިބު ކޯޓަށް ހާޒިރުވުމަށް އެންގެވީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަންޑާރަ ނައިބު ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ، ކޯޓުގެ އަމުރާ ހިލާފަށް އެ ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ނަގާލި ކަމަށް ފަނޑިޔާރު ކަނޑައެޅުއްވީ ކަމަށް ގައްދޫ ކޯޓުން ބުންޏެވެ. "ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކޯޓުން ކަނޑައެޅީ. އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަބްދުﷲ މުއިއްޒަށް ފިޔަވަޅު އަޅައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ކޯޓުން މިހާރު އެދިފައިވާނީ،" ކޯޓު އޮފިޝަލް ވިދާޅުވި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒަކީ، ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އޭގެ އިތުރުން ގައްދޫ ކޯޓުން ބުނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބަންޑާރަ ނައިބު ކޯޓަށް ހާޒިރުވުމަށް އަނެއްކާ ވެސް އަންގާފައިވާނެ ކަމަށެވެ. އަދި ހާޒިރުނުވެއްޖެ ނަމަ އެހެން މީހުންނެކޭ ވެސް އެއްފަދައިން އަބްދުﷲ މުއިއްޒަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ގައްދޫ ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ