ފަހުމީގެ މައްސަލާގައި ސްޕްރީމް ކޯޓުން ދާއިރާއިން ބޭރުވެފައިވާކަމަށް ބަލާނެ ޖާގަ އެބައޮތް

ސިވިލްސާރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަޤާމުން ވަކިކުރި މައްސަލާގައި ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިޖްރާތްތަކުގައި ސުޕްރީމް ކޯޓާއި ޤާނޫނުއަސާސީން ހަވާލުވެފައިވާ ދާއިރާއިން ބޭރުން ކަނޑައަޅާފައިވާ ޝަރުޠުތަކެއް ނުވަތަ އިޖުރާޢަތުތަކެއް ކަމަށް ބަލާނެ ޖާގަ އުފެދޭކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަހުމީ ވަކިކޮށްފައިވަނީ ޤާނޫނު އަސާސީއާއި ހިލާފަށްކަމަށް ސްޕްރީމް ކޯޓުންކުރި ހުކުމާއި ގުޅޭގޮތުން ޤާނޫނީ ވަކީލް އަދި ފަހުމީ މަޤާމުން ވަކިކުރަން ފެންނަކަމަށް ފާސްކޮށް މަޖިލީހުގެ ތަޅަމަށް ފޮނުވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވަމުންގެންދަވާ ނަޝީދުގެ އަމިއްލަފުޅު ވެބްސައިޓްގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ ދާއިރާގެ ތެރޭގައިކަން ކުރުމަކީ ދައުލަތުގެ ހުރިހާ ބާރަކަށްވެސް ލާޒިމްކަމެއްކަމުގައެވެ.
މަޖިލީހުގެ ނިންމުންތައް ހުންނަންވާނީ، ޤާނޫނުއަސާސީގެ ދާއިރާގެ ތެރޭގައި ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވާއިރު، އަދި، އެކަމަށް ބާރު ލިބިދޭގޮތަށް ޙަވާލާދެއްވާފައިވާ މާއްދާތަކަށް ބަލާއިރު،ދައުލަތުގެ ބާރަކަށް ލިބިދޭ ޤާނޫނީ ބާރު ޤާނޫނުއަސާސީގެ ދާއިރާގެ ތެރޭގައި ބޭނުންކުރުން، ހަމައެކަނި ލާޒިމުވަނީ، ރައްޔިތުންގެ މަޖިލީހަށް އެކަނި ނޫންކަމާއި، އެ އުސޫލު، ސުޕްރީމް ކޯޓުވެސް ހިމެނޭގޮތުން، ދައުލަތުގެ ހަމަކޮންމެ ބާރެއްގެ މައްޗަށްވެސް ހިނގާނެކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
"އެހެންކަމުން، މަޖިލީހަށް ލިބިދީފައިވާ ބާރެއް، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުގެ ތެރޭގައި ބޭނުންކުރުމުން، އެ ބާރު ބޭނުންކުރިގޮތް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައެޅުމަކީ، ނުވަތަ ވަކިކަމެއް މަޖިލީހުން ކުރުމަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލާޒިމުކުރާ އިޖުރާޢަތުތަކުގެ މައްޗަށް އިތުރު އާ އިޖުރާޢަތުތަކެއް ކަނޑައަޅައި، އެ އިޖުރާޢަތުތައް ފުރިހަމަކުރަން ސުޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް ލާޒިމުކުރުމަކީ، ސުޕްރީމް ކޯޓުވެސް، ސުޕްރީމް ކޯޓާ ޤާނޫނުއަސާސީން ހަވާލުވެފައިވާ ދާއިރާއިން ބޭރުން ކަނޑައަޅާފައިވާ ޝަރުޠުތަކެއް ނުވަތަ އިޖުރާޢަތުތަކެއް ކަމަށް ބަލާނެ ޖާގަ އުފެދޭކަން" ނަޝީދު ވިދާޅުވެފައިވެއެވެ.
އދި މުޅި މައްސަލަ ބެއްލެވުމުގައި ފަހުމީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޝަކުވާއަކީ، ޖިނާއީ ކުށެއްގެ ތުހުމަތެއް ކަމަށާއި، އެހެންކަމުން، އޭނާގެ މައްސަލަ ބެލުމުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހިންގި މަސައްކަތަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ހިންގަންޖެހޭ މަސައްކަތެއްކަން ސުޕްރީމް ކޯޓު ހަ ފަނޑިޔާރުންގެ ވިސްނުންފުޅުގައި ބިންވަޅުނެގިފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެ މަސައްކަތްކުރުމުގައި ޖިނާއީ ތުހުމަތެއް ކުރެވޭ ފަރާތަށް ޤާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމުގެ ޙައްޤުތައް ލިބިދޭންޖެހޭނެ ކަމަށް ސްޕްރީމް ކޯޓުންގެ ހަ ފަނޑިޔާރުން ޤަބޫލުކުރައްވާކަމަށްވެސް ނަޝީދުގެ ވެބްސައިޓްގައި ނަޝީދު ވިދާޅުވެފައިވެއެވެ.
"ޙަޤީޤަތުގައި ފަހުމީއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅުނު މައްސަލައަކީ، މަސައްކަތު މާހައުލެއްގައި އެ މާހައުލުގެ އިސްވެރިއަކަށް ހުރިމީހަކު އެ މާހައުލުގައި އުޅޭ އަންހެން ކުއްޖެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލުމާއެކު، އޭނާއާ ގުޅޭގޮތުން، މަސައްކަތު މާހައުލެއްގެ އެންމެ އިސްވެރިއަކަށް ހުރިމީހަކު ދެއްކުން އެކަށީގެންނުވާ ވާހަކައެއް ދެއްކުމުގެ ޝަކުވާކަން. އިނގިރޭސި ބަހުން ބުނާނަމަ “ސެކްޝުއަލް ހެރެސްމަންޓް އެޓް ވާރކްޕްލޭސް” ގެ ޢަމަލެއް ހިންގިކަމުގެ ޝަކުވާކަން. އަދި، މިހާރު މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލެއްގައި ބުނާގޮތުންނަމަ، އިނގިރޭސި އެ މަފުހޫމު ދިވެއްސަށް ތަރުޖަމާކުރެވޭނީ، “މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރަކުރުން” މިގޮތަށްކަން"
މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރުކުރުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަކި މަފްހޫމެއްގެ ގޮތުގައި ބަލައިގަނެފައިވާ ޢަމަލެއް ކަމަށްވީނަމަވެސް، ދިވެހިރާއްޖައި ޖިނާއީ ކުށެއްގެ ގޮތުގައި ދަންނަ ޢަމަލެއް ނޫންކަމަށްވެސް މެމްބަރު ނަޝީދު ވިދާޅުވެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި މަސައްކަތު މާޙައުލެއްގައި ހިނގާ ސެކްޝުއަލް ހެރެސްމަންޓްގެ ޢަމަލަކީ، ވަކި ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައި ނުވާކަމަށާއި މަސައްކަތު މާހައުލުގައި އަންހެން ކުއްޖަކާ ދެއްކުން އެކަށީގެންނުވާ ވާހަކައެއް އެ މާހައުލުގެ އިސްވެރިއަކަށްހުރި ފިރިހެނަކު ދެއްކުމަކީ، ޖިނާއީ ކުށެއްކަމުގައި ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ކަނޑައަޅާފައި ނުވާކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
"އެހެންކަމުން، އެ ޢަމަލަކީ، ޖިނާއީ ކުށެއްކަމުގައި ބަލައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ޖިނާއީ އިޖުރާޢަތެއް އެ ޢަމަލާމެދު ހިންގޭނެ ގޮތެއް ނުވިސްނޭ"
އަދި މިފަދަ ހާލަތެއްގައި ކުރެވޭނެކަމަކީ ސުލޫކީ މިންގަޑާ ޚިލާފު އެކަށީގެންނުވާ އަމަލެއް ކަމަށް ބަލައި، ޑިސިޕްލިނަރީ ނުވަތަ ތައުދީބީ ފިޔަވަޅެއް އެޅުންކަމަށާއި މަޖިލީހުން ކޮށްފައިވަނީ އެކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ވަޒީފާ ދިންފަރާތުގެ ހައިސިއްޔަތުންނާއި ވަޒީފާއިން ވަކިކުރުމުގެ ބާރު އޮތް ފަރާތުގެ ހައިސިއްޔަތުންނާއި ޖަވާބުދާރީ ކުރުވުމުގެ ބާރު އޮތް ފަރާތުގެ ހައިސިއްޔަތުނ ތައުދީބީ ފިޔަވަޅު އެޅުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވަނުންކަމުގައި ބެލޭނެގޮތެއް ވިސްނިވަޑައި ނުގަންނަވާކަމުގައެވެ.
އަދި ފަހުމީ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ކިތަންމެ އުނިކަމެއް ހުރިކަމަށް ޤަބޫލުކުރެވުނުނަމަވެސް އަދި އެ ޙުކުމް ބިނާވެފައިވަނީ ރަނގަޅު ޤާނޫނީ އަސާސްތަކެއްގެ މައްޗަށްކަމުގައި ބަލައިގަންނަން ކިތަންމެ ދަތިވިކަމުގައިވީ ނަމަވެސް އެ ޙުކުމަކީ، މައްސަލައިގެ އެންމެފަހުގެ ނިންމުން ކަމުގައި ޤަބޫލުކުރައްވާކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
އަދި އެހުކުމަށް ތަބާވުމަކީ ބަލައިގަނެގެން މިތިބި ދުސްތޫރީ ނިޒާމު ލާޒިމުކުރާ ކަމެއްކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ