އާ ގާނޫނުލް އުގޫބާތަށް ސުޕްރީމް ކޯޓުން އިސްލާހުތަކެއް ހުށަހަޅަނީ
މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ގެނައުމަށް ސުޕްރީމް ކޯޓުން ހުށަހަޅައިފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި 11 އަހަރުގެ މަސައްކަތުން އެކުލަވާލި ގާނޫނުލް އުގޫބާތުގެ ބައެއް މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ އިސްލާހުތައް މަޖިލީހަށް ފޮނުވާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވިޔަސް އެކަން ކަށަވަރެއް ނުވެއެވެ. އާ ގާނޫނުލް އުގޫބާތުގެ ބަދަލުގައި މުޅިން އާ ގާނޫނުލް އުގޫބާތެއް އެކުލަވާލުމުގެ މަސައްކަތް ސުޕްރީމް ކޯޓުން ކުރަމުންދާ ކަމަށް އަޑުފެތުރިފައި ވިޔަސް އޭގެ ހަގީގަތެއް ނޭނގެ އެވެ. އެކަމާ ބެހޭގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެ ޑިޕާޓްމެންޓަކީ ސުޕްރީމް ކޯޓުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާއެކެވެ. އާ ގާނޫނުލް އުގޫބާތަށް މިދިޔަ މަހުގެ 16ގައި އަމަލުކުރަން ފެށުމުގެ ކުރިން ވެސް އެފަދަ މަސައްކަތެއް ސުޕްރީމް ކޯޓުން ކުރަމުންދާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އޭރު ވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ވިދާޅުވެފައިވަނީ އާ ގާނޫނުލް އުގޫބާތަކީ ޒަމާނާ ގުޅޭ ގާނޫނެއް ކަމަށެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެއަށް ތައްޔާރުވުމަށާއި ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ