ގާސިމް މަރުވި އެކްސިޑެންޓް ހިނގި ސައިކަލް ދުއްވަން އިން މީހާ ފޯނެއް ފޭރުނު ކަމަށް ހެކިބަސް ދީފި

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ޖަސްޓިސް ބިލްޑިންގު ކައިރީގައި ހިންގި އެކްސްޑެންޓުގައި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމް އިބްރާހިމް މަރުވި ހާދިސާ ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ގއ.ގެމަނަފުށި/ ނޫރުއްޞަބާހު އަހުމަދު ނަދީ ސަލީމް (ނާދީ) ސައިކަލް ދުއްވާފައިވަނީ ބަންގުލަދޭޝް ރައްޔިތެއްގެ ފޯނެއް ފޭރިގެން ވަރަށް ބާރު ސްޕީޑެއްގައި ފިލަން ކަމަށް ހެކިބަސް ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސްދިން ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކު ބުނީ އަޒުމުއްދީން ނަމަކަށް ކިޔާ ބަންގުލަދޭޝް ރައްޔިތެއްގެ ފޯނު ފޭރިގެން ނާދީ ސައިކަލްގައި ދުއްވާފައި ދަނިކޮށް ދެކެފައިވާ ކަމަށާއި އެވަގުތު އޭނާގެ އަތުގައި އޮތް ފުލުހުންގެ ޓޯކީން ޕެޓްރޯލް ކުރަމުން ދިޔަ ޖިޕަށް ގޮވާފައި ވާނެކަމަށެވެ. އަދި ފުލުހުން ނާދީ އަތުލުމަށްޓަކައި ފަހަތުން ދުއްވާފައިވާ ކަމަށާއި ނަމަވެސް ނާދީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ޖަސްޓިސް ބިލްޑިންގ ކައިރި ޕޭމަންޓް ކައިރީ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި ގާސިމްގެ ގައިގާޖެހި އެކްސިޑެންޓް ވިކަމަށެވެ.
ހެކިބަސް ދިން ދެވަނަ ފުލުސް މީހާބުނީ އޭނާ އިނީ ނާދީ އަތުލުމަށްޓަކައި އޭނާގެ ފަހަތުން ދުއްވާފައި ދިޔަ ޖިޕުގެ ތެރޭގައި ކަމަށާއި ނާދީ ސައިކަލް ދުއްވާފައިވަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި ޖަސްޓިސް ބިލްޑިންގ ކައިރިން އޭނާ އެކްސިޑެންޓްވުމުން އެތަނަށް އޭނާ ވެއްޓިފައިވަނިކޮށް ނާދީގެ ކަނާތްފަރާތު ކުރިމަތި ޖީބުގައި ފޯނެއް އޮތްކަމަށާއި އެފޯނުނެގި އިރު އެފޯނަށް ފޯނުކޯލެއް ވެސް އައިސްފައިވާ ކަމަށެވެ. އަދި އެފުލުސް މީހާ އެފޯނު ކޯލަށް ޖަވާބު ދިނުމުން ބަންގުލަދޭޝް ރައްޔިތަކު އެއީ އޭނާގެ ފޯނެއް ކަމަށް ބުނެފައިވެއެވެ. އަދި އެފޯނުގައި ހުރި ނަމްބަރުތައް ބެލުމުން އެއީ ބަންގުލަދޭޝް ރައްޔިތެއްގެ ފޯނެއްކަން އެނގޭ ކަމަށެވެ.
ދެފުލުހުންގެ އިތުރުން ފޯނުގެ ވެރިފަރާތް ކަމަށްވާ އަޒުމުއްދީން ބުނީ އޭނާގެ އަތުން ފޯނު ފޭރުނު މިހާއަކީ ދިގު ފިރިހެނެއްކަމަށާއި އޭނާގެ އިސްތަށިގަނޑު ވެސް ދިގުކަމަށާއި ނަމަވެސް ފޭރުނު މީހާ އެހާ ރަނގަޅަށް ސިފަކުރަން ނޭނގޭ ކަމަށެވެ. އަދި އެވަގުތު ފޯނު ފޭރުނު މީހާގެ އަތުގައި ހިފެހެއްޓި ކަމަށާއި ނަމަވެސް އޭނާ އަތްފޮޅާލާފައި ސައިކަލްގައި ދުއްވާފައި ދިޔައީ ކަމަށެވެ. އެވަގުތު ފުލުހުންގެ މީހަކު އެސަރަހައްދުގައި ހުރި ކަމަށް ވެސް ފޯނުގެ ވެރިފަރާތުން ކޯޓުގައި ހެކި ދީފައިވެއެވެ.
ދެވަނައަށް ހެކިދިން ބަންގުލަދޭޝް ރައްޔިތެއް ބުނީ އަޒުމުއްދީންގެ ފޯނު ފޭރުމުން އޭނާގެ ފޯނުން އަޒުމުއްދީންގެ ފޯނަށް ގުޅާފައިވާނެ ކަމަށާއި އަދި ފަހުން ފުލުހުން ގުޅާފައި ފޯނު ބަލާއައުމަށް އެދިފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާދީ ތަކުރާރުކޮށް ބުނީ އޭނާ ފޯނެއް ފޭރިގެންފައިނުވާނެ ކަމަށާއި އެފޯނަކީ އޭނާގެ ފޯނެއް ކަމަށެވެ. އަދި އެކްސިޑެންޓަށްފަހު އޭނާގެ ވޮލެޓް ގެއްލިފައިވާ ކަމަށާއި އަދިވެސް އޭނާގެ ވޮލެޓް ލިބިފައި ނުވާ ކަމަށެވެ.
ނާދީގެ މައްޗަށް އިތުރު ހެކިން ހުށަހެޅުމަށް ދައުލަތުންވަނީ އެދިފައެވެ. ނަމަވެސް
ފަނޑިޔާރު ވިދާޅުވީ މިހާރު އިތުރު ހެއްކަކު ހުށަހެޅުމުގެ ބޭނުމެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށާއި ލިބިފައިވާ ހެކިބަސްތަކުން ފޯނެއް ފޭރިފައިވާ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ