ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން އެޗްއާރުސީއެމްގެ ބާރުތައް ހަނިވޭ: ޒެއިދް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މައްޗަށް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގެ ސަބަބުން، އެ ކޮމިޝަންގެ ބާރުތައް ހަނިވެގެން ގޮސްފައިވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އާ އެމްބެސެޑަރު ޒެއިދް ރައާދް އަލް ހުސައިން ވިދާޅުވެއްޖެ އެވެ. އެޗްއާރުސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން، އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ޖުޑިޝަރީއަށް ނިސްބަތްކޮށް، ހަގީގަތާ ޚިލާފް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެ ކޯޓުން އިސް ނަގައިގެން ސުމޯޓޯ މައްސަލައެއް ހިންގުމަށް ފަހު އިއްވި ހުކުމެކެވެ. އެ ހުކުމުގައި އެޗްއާރުސީއެމްގެ މަސައްކަތް ކުރަންޖެހޭ ގޮތުގެ ގައިޑްލައިންތަކެއް ކަނޑައަޅާފައިވެ އެވެ. އެކަމާ ގުޅިގެން ޒެއިދް ނެރުއްވި ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން، އދ. ގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނިޒާމާ ގުޅިގެން މަސައްކަތް ކުރުމަށް އެޗްއާރުސީއެމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެ ގޮތުން ބޭރުގެ ފަރާތްތަކާ އެޗްއާރުސީއެމުން މުއާމަލާތު ކުރާ ނަމަ، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތައް މެދުވެރިކޮށް، އެކަން ކުރަން ގައިޑްލައިންގައި ހިމަނާފައިވާކަން ޒެއިދްގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ. "ސުޕްރީމް ކޯޓުގެ މި ހުކުމަކީ ރާއްޖޭގެ އިންސާނީ ހައްގުތައް ހިމާޔަތްކުރަން ކުރާ މަސައްކަތަށް ޖުޑިޝަރީން ހުރަސް އަޅާކަމުގެ ސާފު މިސާލެއް،" ޒެއިދް ވިދާޅުވި އެވެ. އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކަކީ މިނިވަންކަމާ އެކު މަސައްކަތް ކުރެވެންޖެހޭ ތަންތަން ކަމަށާއި އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ. އަދި އެ ހުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު އެ ކޯޓުން އަދާކޮށްފައި ވަނީ ގާނޫނު ހެދުމުގެ ބާރުން ކުރަންޖެހޭ ކަންތައްތަކެއް ކަމަށާއި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ޒެއިދްގެ އެ ބަޔާނުގައި ގޮވާލާފައިވަނީ އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު އެޗްއާރުސީއެމަށާއި މަދަނީ ޖަމްއިއްޔާތަކަށް އޮތްކަން ސަރުކާރުން ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ