މަދިރި ކޮންޓްރޯލް ކުރަން މެމްބަރު އިބްރާހީމް ދީދީ ހިތަދޫގައި ޕްރޮގްރާމެއް ފައްޓަވައިފި

ހިތަދޫގައި މަދިރީގެ މައްސަލަ ބޮޑުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ދީދީ، އިޖުތިމާއީ ޒިންމާއެއްގެ ގޮތުން، މަދިރި ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް ފައްޓަވައިފި އެވެ.
އިބްރާހިމް ދީދީ މިރޭ "މިހާރު" އަށް ވިދާޅުވީ މިފަދަ މަސައްކަތެއް އަމިއްލަ އަށް އިސް ނަގައިގެން ފެށީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި އެ ތަންތަން ސާފުކޮށް ނައްތާލައި އަދި އާއްމުން ހޭލުންތެރިކުރުވަން މައުލޫމާތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަމިއްލަ އަށް ގޭގެ އަށް ގޮސް ގޯތިތެރެ ބަލައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި އެ ގޭގޭގެ މީހުންނަށް އެބަ ކިޔައިދެން މަދިރި ކޮންޓްރޯލް ކުރަން އަމިއްލަ ގޮތުން ކުރެވިދާނެ ކަންކަން ވެސް،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
"އާންމުންގެ ފަރާތުން ވަރަށް ތާއީދު ލިބޭ މިކަމަށް."
ހިތަދޫ ގެއެއްގެ ގޯތިތެރެއަށް ފޮގް ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް
އިބްރާހިމް ދީދީ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހިތަދޫގައި މަދިރި އުފެދޭ ގޮތަށް ވަރަށް ގިނަ ތަންތަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އޮޅުތަކާއި ކުނިން ފުރިފައިވާ ފަޅު ގޯތިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޅުތަކާއި އެ ނޫން ވެސް ފެންގަނޑުތަކުގައި މަދިރި އާލާވިޔަ ނުނިދުމަށް ބޭނުން ކުރާ ބަޔޮލޮޖިކަލް މޮސްކިޓޯ ކޮންޓްރޯލް ވެސް ދަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން، ތަޖުރިބާކާރު ޑޮކްޓަރަކާ އެކު އަންނަ ހުކުރު ދުވަހު ރަށުގެ ރައްޔިތުންނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކުރިއަށް ގެންދަން ވެސް ވަނީ ރާވާފަ އެވެ. އެ ސެޝަން ކުރިއަށް ދާނީ ހިތަދޫ ނޫރާނީ ސްކޫލްގައި ހުކުރު ދުވަހު ހަވީރު އެވެ.
"މި ސެޝަންގައި ކޮންމެ ގޭބިސީއަކުން މީހަކު ބައިވެރިވާން ދައުވަތު ދޭނަން. މީގެ އިތުރުން ސްކޫލް ދަރިވަރުންނާއި ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ވެސް އިންވައިޓް ކުރާނަން،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
ހިތަދޫގެ މަގެއްގައި ފެން ބޮޑުވެފައި: ވިއްސާރަ ދުވަސްވަރު ފެން ހަރުލުމުގެ ސަބަބުން ވެސް މަދިރި އާލާވޭ.-- ފޮޓޯ: އެމްއާރްޑީސީ
އޭނާ ވިދާޅުވީ ހިތަދޫގައި މަދިރި ކޮންޓްރޯލް ކުރަން ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އެެހެންވެ ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާވެރިންގެ އިތުރުން، އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"މިކަހަލަ މަސައްކަތެއް ކުރިއަށް ގެންދާއިރު މާލީ ގޮތުން ވެސް އެހީތެރިކަން ބޭނުން ވާނެ، ހާއްސަކޮށް ދެމެހެއްޓެނިވި ގޮތަކަށް މިކަހަލަ ކަމެއް ކުރަންޏާ. މިހާރު ހަމައެކަނި އަޅުގަނޑަށް ސޭވް ކުރެވޭ އެއްޗަކުން ހަރަދުކޮށްގެން މިކަން ކުރިއަށް މި ގެންދަނީ،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
"ގިނަ ބައެއްގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް މި ބަލަނީ. މިހާރު ވެސް ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަން ލިބިފައިވޭ."
ސިފައިންގޭގައި 32 އަހަރު ހޭދަކުރެއްވުމަށް ފަހު، ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި، ހިތަދޫގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމް އޭނާ ވަނީ ވަނީ 1990ގެ އަހަރުތަކުގައި ވެސް އަމިއްލަ ގޮތުން ހިންގަވައިފަ އެވެ. އަދި ސަދަން އޭރިއާގެ ކޮމާންޑަރެއްގެ ގޮތުގައި އޭނާ އައްޑޫގައި ހުންނެވިއިރު، އެ ސިޓީގައި ޑެންގޫ ހުން އާދަޔާ ހިލާފަށް ފެތުރުމުން، ޑެންގޫ ޓާސްކް ފޯހުގައި ވެސް އިބްރާހިމް ދީދީ ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
"މަދިރި މަދުކުރުމުގެ ޕްރޮގްރާމް ހިންގައި، މިކަމުގައި އަމިއްލަ ގޮތުން ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމަކީ އަޅުގަނޑު އަބަދުވެސް ކުރާ ހިތްވާ ކަމެއް. މިހާރު ވެސް ހިތަދޫގެ ގޭގެއަށް ދާއިރު، ފެން އުފެދޭ ތަނެއް ހުރިއްޔާ އެތަނެއް ނައްތާލަން ހިތްވަރުދީ، ހޭލުންތެރިކުރުވަން،" އެންމެ ފަހުން އެމްއެންޑީއެފްގެ ބްރިގޭޑިއަ ޖެނެރަލެއްގެ މަގާމު ފުރުއްވި އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ