ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ އިންޓަވިއު: ފާރިޝް ރަނިންމޭޓަކަށް ހަދަން މައުމޫން ބޭނުންފުޅުވި

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރަނިންމޭޓަކަށް ފާރިޝް މައުމޫން ނަގަން ރައީސް މައުމޫން ބޭނުންފުޅުވިކަމުގައި އިންތިޚާބުން ބަލިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެންވިދާޅުވީ ނިމިދިޔަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހުން ފާހަގަކުރެވުނު ބައެއް ޝަޚުސިއްޔަތުތައް ވޮއިސްގެ ކިޔުންތެރިންނާހަމައަށް ގެނެސްދިނުމުގެގޮތުން "ވޮއިސް" އިން ގެނެސްދޭ ޚާއްސަ ކަވަރޭޖްގައި ބައިވެރިވެވަޑައިގެން ޔާމީން ދެއްވާފައިވާ އިންޓަވިއުގައެވެ. 
މިއިންޓަވިއުގައި ޔާމީންގެ ސަރުކާރުގެ ބާރުގަދަ ދެމިނިސްޓަރުންކަމުގައިވާ އަހުމަދު އަދީބާއި ރިޓެޔަޑް ކާނަލް ނާޒިމާއި ދެމެދު އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް މަސައްކަތްކުރެއްވިގޮތާއި އަމިއްލަފުޅު ތަނަވަސްކަމާއި، ގާސިމް އިބްރާހިމްއާއި ދިމާވި މައްސަލަތަކާއިމެދު ޔާމީން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ތަނަވަސްކަން ލބިވަޑައިގަތުމާއި، އެހެންބައެއް މައްސަލަތަކަށްވެސް އަލިއަޅުވާލެވިފައިވާނެއެވެ.
ތިރީގައި މިވަނީ ޔާމީން 30 ޑިސެމްބަރގައި ވޮއިސްއަށް ދެއްވި އިންޓަވިއުގެ ތަފްސީލެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި ޕްރައިވެޓް މީޑިއާއަކަށް ޔާމީން ފުރަތަމަ ދެއްވި އެކްސްކްލޫސިވް އިންޓަވިއުކަން ފާހަގަކޮށްލަމެވެ.
ވޮއިސް: މަނިކުފާނު ވެރިކަން ކުރެއްވި 5 އަހަރު ބޭނުންފުޅުވި ވަރަށް ރާއްޖޭގެ ތަރައްގީގެ މަސައްކަތް ގެންދެވުނުތޯ؟
ޔާމީން: ތަރައްޤީގެ މަސައްކަތްތައް ގެންދެވުނުކަމާދޭތެރޭ އެއްވެސް ކަހަލަ ހިތްހަމަ ނުޖެހުމެއްނެތް، ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. އެހެން ނަމަވެސް ދައުލަތުގެ އުސޫލްތައް ހުރިގޮތުން ގެންދަންޖެހޭ ބާރު މިނުގައި ގެންދިޔުމުގައި ހުރަސްތަކެއް ހުންނާނެ. އޭގެތެރޭގައި ވެރިކަމުގެ ނިޒާމު ހަމަޖެހިފަ އޮންނަގޮތުން ރަށްރަށުގެ މަސައްކަތްތައް ކައުންސިލްތަކާ ގުޅިގެން ވަރަށް ގިނަ ކަންތައްތައް ކުރުމުގަ ހަމަ ކައުންސިލްތަކުން އަވަސް ލަސް ވުމުގެ ދަތިތައް އުޅޭނެ. ހަމަ އެއާއެކީ ޤާނޫނުތައް ހުރިގޮތުން ޓެންޑާރކޮށްގެން ޕްރޮސެސްގެތެރެއިން ކުރާ ކަންކަމުގެ ތެރޭގައި ދޭތެރެދޭތެރެއިން ޓެންޑަރުގަ ދިމާވަ މައްސަލަތަކާއި، މައްސަލަޖެހިގެން އޭސީސީން ބައެއް މައްސަލަތައް ހުއްޓުވައި މިކަހަލަ ބައެއްކަހަލަ މައްސަލަތައް ދިމާވާނެ. އެހެންވީމަ އެކަހަލަ ކަންކަމުގަ ދާނެ ބައެއް މަޝްރޫއުތައް ލަސްވެފަ. އެހެންވީމަ މަޝްރޫއުތައް މި ހިންގުމުގަ ނިޒާމުގެތެރޭގައި ދިމާވާނެ ދަތިތައް ދިމާވި. އެހެންނޫންނަމަ މަޝްރޫއުތައް ވަރަށް ބާރުމިނެއްގައި ކުރިއަށް ގެންދެވޭނެ.
ވޮއިސް: އައިހެވަން މަޝްރޫއު ބަޔަކަށް ނުދެވުނީ ކީއްވެގެންތޯ؟
ޔާމީން: އެ ޕްރޮޖެކްޓް ވަކި ހިސާބަކަށް މަސައްކަތްކޮށްފަ ހަމަ ބޭނުންވީ ދަތިތަކެއް ހުރީމަޔާއެކީ އެއީ ވަރަށް ބިޔަ ބޮޑު ޕްރޮޖެކްޓްއެއް. އަދި އެއީ އެންމެ ކޮމްޕޯނަންޓެއް ހިމެނޭ ޕޮރޮޖެކްޓެއްނޫން. އިންޓަގްރޭޓެޑް ޑެވެލޮޕްމަންޓް ޕްރޮޖެކްޓެއްއެއީ. އެހެންވީމަ އަޅުގަނޑުގެ ވިސްނުމަކަށްވީ އަދި ސަރުކާރުގެ ވަޒީރުންގެ ވިސްނުމަކަށްވީ މުޅި ޕްރޮޖެކްޓް އެއްބަޔަކަށް ނުދިނުމަށް. ޕްރޮޖެކްޓްގެ އެކިބައިތައް ބަހާލައިގެން އެކި މީހުނަށް އެކި ބައިބައި ދީގެން މިކަންކުރާނީއޭ. އެހެންވީމަ އެއީ، އައިހެވަންއާދޭތެރޭގަ އަޅުގަނޑުމެންގެތެރޭގައި އެހާ ބާރަށް ގެންދިޔުމުގަ ދަތިތަކެއްހުރީ. އެއީ އެއްހާސް ދެހާސް ތިންހާސް މިލިއަނެއްނޫން. އެއަށްވުރެން މާބޮޑު ބިޔަ ޕްރޮޖެކްޓެއް މުޅި ޕްރޮޖެކްޓަކީ.
އެކަމަކު އަޅުގަނޑުމެންގެ ހިޔާލަށް ގެންނަންވާނެ އައިހެވަން ޕްރޮޖެކްޓަކީ އޭގެޒާތުގަ ޕްރޮޖެކްޓް ހިންގައިފިނަމަ އޭގެ އިޤްތިސާދީ ފައިދާތަކެއްވާނެ. އެކަމަކު ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ހިންގާފައިވާ މިންވަރަށް ބަލާލާއިރު، އަޅުގަނޑުމެންގެ ސަރުކާރާއި ހަވާލުވެ ހިންގާފައި ހުރި މިންވަރަށް ބަލާއިރު، ހަޤީގަތުގަ ރައްޔިތުންގެ ބޭނުންތަކަށް އައިހެވަންއަށްވުރެން މާއިސްކަންދޭންޖެހޭ ޕްރޮޖެކްޓްތައް އެބަހުރި. ރަށްރަށުގެ ފެނާއި ނަރުދަމާ، ސްކޫލް އިމާރާތްކުރުމާއި، ސިއްހީ ދާއިރާ ރަނގަޅުކުރުމާއި ބައިވަރު ކަންކަން މިހިރީ.
އައިހެވަން ބޮޑު އެއްޕާޓީއަށް ދިނުމުގަ އަޅުގަނޑުވެސް އަމިއްލަގޮތުން ޤަބޫލެއްނުކުރަން އެއީ އެހާ ރަނގަޅުގޮތްކަމަކަށް ވާނެކަމަށް. އެހެންވީމަ ތަފާތު އެކިބައިބަޔަށް ބަހާލައިގެން ހަމަ ރަނގަޅު ކުންފުނިތައް ހޯދުމުގެ މަސައްކަތުގަ އައިހެވަން ހަމަ ލަސްވެގެންދިޔައީ.
އައިހެވަން ދިނުމުގައި އަޅުގަނޑު ބެލީވެސް ސަރުކާރަށް އެންމެ ރަނގަޅު ޓާމްސްގައި ދެވޭނީ ކިހިނެތޯ. ތަންކޮޅެއް ދައްކާފައި ބޮޑުބައި ހިއްކަދީފައި މިތަން ހިއްކައިގެން އިންވެސްޓަރުން އަންނާށޭ ބުނުމުގެ ބަދަލުގައި އަޅުގަނޑުމެން ވިސްނީ މަހާ ޖައްރާފާ މިކޮޅައްގެނެވުނީމަ އެހިއްކަން ބޭނުންބައި ހިއްކައިގެން ސަރުކާރަށް މި ޕްރޮޖެކްޓުން ލިބޭއެއްޗެއް ހޯދުމުގެ ބަދަލުގައި ބާގެއިނިން ޕަވާރ ވަރުގަދަކޮށްފަނޫނީއްޔާ ބަޔަކު ހޯދުމަށް ނެގޯޝިއޭޓްކުރުމުގެ ބޭނުމެއްވެސްނުވީ. އެހެން ނޫނީއްޔާ ދޫކޮށްލަންޖެހޭނީ ދައުލަތައް ފައިދާ ނުވާ ކުޑަކުޑަ އަގެއްގަ ދޫކޮށްލަންޖެހޭނީ.
ވޮއިސް: ބޭރުގެ އެއްވެސް ނުފޫޒެއް އޮވެގެންތޯ؟
ޔާމީން: ދެން ބޭރުގެ ކޮންސާންސް ހުރެދާނެކަންނޭގޭ އެކަމަކު އަޅުގަނޑުމެން އެއްވެސްވަރަކަށް އެއްބަޔަކަށް ދޭކަށް ނިންމާފައޮތް ކަމަކަށް ނުވާތީވެ ބޭރުގެ ނުފޫޒެއް އެވަރަކަށް މިޔަކަށް ފޯރާކަށް ނުޖެހޭ ދެއްތޯ.
އަޅުގަނޑުގެ ވިސްނުމުގައި އައިހެވަން މަޝްޢޫއު އަޅުގަނޑުގެ ޒައާމަތުގެ ތިންވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން ވިސްނީ އެއްވެސް އެއްޕާޓީއަކަށް މުޅި މަޝްރޫއު އެއްކޮށްނުދިނުމަށް.
ވޮއިސް: މިހެންވި ފާހަގަކޮށްލީ އަވަށްޓެރި އިންޑިއާއިންވެސް އެ ޕޮރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާކަންހާމަކޮށްފައި ވީމަ؟
ޔާމީން: ދެން އެމީހުން، އިންޑިއާގެ ޝައުގުވެރިކަން ހުރިއްޔާ އެކަމަށް އަޅުގަނޑު އިންޑިއާއަށް ކުރި ރަސްމީދަތުރެއްގެ ބިޒްނަސް ފޯރަމްއެއްގައި ވާހަކަދެއްކިއިރު ބައެއް މީހުންގެ ޝައުގުވެރިކަން ފާޅުކުރި. އެކަމަކު ޝައުގުވެރިކަން ފާޅުކުރިޔަސް، އަޅުގަނޑުގެ ސަރުކާރުން އަޅުގަނޑުގެ ވިސްނުމަކަށް ނުވޭ ހަމަ އެހިސާބުން ޝައުގުވެރިކަން އޮތޭ ބުންޏަސް، އެއަށް ބަލަހައްޓައިގެން ތިބޭކަށް. ޝައުގުވެރިކަން އޮތިއްޔާ ފައިސާ ހިފައިގެން އަންނަންވާނެ. ނޫނީ ފައިސާ ހުރިކަން ދައްކަންވާނެ. އެވަރު ނުކުރެވެންޏާ އެޔަކަށް މަޑުކޮށްގެން ނުތިބޭނެ.
ޝައުގުވެރިކަން ހުރެދާނެ، އެކަމަކު އަޅުގަނޑުމެން ސަރުކާރުން ވަކިވެގެން ދިޔައިރުވެސް ޝައުގުވެރިކަން ފައިސާއަކަށް ބަދަލުވެގެން ނުދިޔަ.
ވޮއިސް: ކޯލިޝަން ނިޒާމް މީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމްތޯ؟
ޔާމީން: ތިޔަށް އުނދަގޫ އެއްޗެކޭ ބުނަން. މީގަ ދެފަރާތުގަވެސް އެބަހުރި ރަނގަޅާއި ނުބައި. މިހާރު ރާއްޖޭގެ ނިޒާމު ބައްޓަން ކުރެވިފައޮތްގޮތުން ކޯލިޝަނެއްނޫންގޮތައް ހިންގުމަކީ ދަތިކަމެއް. ސަބަބަކީ މިއޮތީ ރިޔާސީ ނިޒާމެއް. އެކަމަކު ރިޔާސީ ނިޒާމެއްގައި ހުރިހާ ރައްޔިތުން ނިކުމެ ބޮޑު އަޣުލަބިއްޔަތެއް ދީގެން ރައީސްއަކު ހޮވިއެއްކަމަކު، ރައީސް ސަރުކާރު ހިންގުމާއި، ބަޖެޓް ފާސްކުރުމާއި، ރާއްޖޭގެ ތަރައްޤީއަށް މަޝްޢޫތައް ހިންގުމާއި، މިކަންކަން މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި. އެހެންވީމަ، އެ ފުރިހަމައަށް ރިޔާސީ ނިޒާމަކަށް ވިނަމަވެސް އަޅުގަނޑުމެންގެ އުސޫލްތަކެއްގެ ތެރޭގައި މިއޮތީ މި ޕާޓީގައި ތިބޭ މެންބަރުން ވެސް ބޭނުންވެއްޖެޔާ އެހެން ޕާޓީއަކަށް ބަދަލުވާންވީ. އެހެންވީމަ، ރައްޔިތުން ރައީސްއަށް އިތުބާރު ދީގެން އަދި ރައްޔިތުން ރައީސް ގެ ޕާޓީއަށް އިތުބާރުދީގެން ބޮޑު އަޣުލަބިއްޔަތަކުން މެންބަރުން ހޮވައި ދިނަސް މެންބަރުންނަށް ފަސޭހަކަމާއެކީ އެހެން ޕާޓީތަކަށް ދެވޭކަމަށް ވަންޏާ، ރައީސްގެ އެވަރުގެ އަޣުލަބިއްޔަތެއް އަބަދަކު ރައީސްގެ ފަސް އަހަރުގެ މުއްދަތަކު ނޯވެ ހިނގައިދާނެ. އެހެންވީމަ މަޖުބޫރު ނޫންތޯ ކޯލިޝަން ހަދަން. މަޖިލިސްގެ ތެރެއިން ހުރިހައި ބޮޑެތިކަންކަން މިދަނީ، އެހެންވީމަ ސަރުކާރުން ބެނުންވާ މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމާއި، މަޖިލީހަށް ހުށަހަޅަންޖެހޭ ބިލްތަކާއި، މިހުރިހާ ކަމެއްގައި ހަޤީގަތުގައި ރިޔާސީ ނިޒާމެއްގައި ވެސް ރާއްޖޭގަ މި އޮޕަރޭޓްކުރަންޖެހިފަ މިއޮތް ގޮތުން ހަމަ ކޯލިޝަންއެއްގެ ތެރެއިން ނޫންގޮތަކަށް ނުވާނެ.
ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމުކަމުގައި ވިއަސް، އަމަލީގޮތުން މި ހިނގަނީ ބަރުލަމާނީ ނިޒާމެއް ހިންގާ ސިފަތަކެއްގައި ހިންގާގޮތައް މިހިނގަނީ... އެހެންވީމަ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުލިބިއްޖެޔާ ކޯލިޝަންއަކަށް ދާން މަޖުބޫރުވަނީ.
ވޮއިސް: ޤަބޫލުކުރައްވަންތޯ މިއަދު ސަރުކާރު ހިންގާ ކޯލިޝަން ނުރޫޅިކުރިއަށް ދެވިދާނެކަމަށް؟
ޔާމީން: ތިއީ ނޫސްތަކުން ފެންމަތިވާ ކަންކަންދެއްތޯ. އަޅުގަނޑަކަށް ތިކަން ތިގޮތަށް ގޭޖެއް ނުކުރެވޭ. މީގަ ނިކުމެގެން އުޅޭ މައްސަލައަކީ ކޭކް ބަހާއިރު ކޭކުން ލިބެންވާވަރު ކުޑަވެގެން އުޅޭ މައްސަލަ ނޫންތޯ. އެހެންވީމަ އޭގެތެރޭ އެއްގަލަށް ނޭރިގެން އުޅޭ ވާހަކަ މިދައްކަނީ. އަދި މުޅި ކަންތައް ނިމުނީކީއެއްނޫން. ކޯލިޝަންގެ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށް ނުފެނޭ ރާއްޖޭގެ މުޅި ނިޒާމަށް ބަދަލުތަކެއް އަންނަމުންދާއިރު، މުޅި ރާއްޖޭގެ މަސްލަހަތައް ގެއްލުން ވަމުން ދާވަރުގެ ބޮޑެތިކަންކަން ވަމުންދާއިރު، ނޫނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް އުފުލަން އުނދަގޫދަތި ތަކުލީފްތައް އުފުލަން ޖެހިގެންދާއިރު، މިކަންކަމަކާ ދޭތެރޭގައި ކޯލިޝަންގެ ތެރޭގައި ރައްޔިތުންގެ ހައްޤުގައި މާބޮޑެތި ވާހަކަތަކެއްދެކެވި އެކަންކަން އެހެން ވިޔަ ނުދިނުމަށް މަސައްކަތްކުރާތަނެއް އަޅުގަނޑަކަށް ނުފެނޭ.
ވޮއިސް: މިނިސްޓަރ އަދީބާއި ކާނަލް ނާޒިމް ދެމެދު އުފެދުނު ނުތަނަވަސްކަން މަނިކުފާނަކަށް ކުރިން އެނގިފައިވޭތޯ؟ 
ޔާމީން: އަޅުގަނޑަކަށް ވެސް އޭގެ ތަފްސީލްތަކެއް ނޭނގޭ އިނގޭތޯ. އަޅުގަނޑަށް ހަމަ އުނދަގޫ އޭގެ ތަފްސީލްތައް ދޭން. އަޅުގަނޑަށް ވެސް ފެނިގެން ދިޔައީ އެބޭފުޅުން ވަޒީރުންގެ ވައިބާ ގްރޫޕްގައި ތަންކޮޅެއް ހޫނުކޮށް ޖަޒްބާތުގަ ގެންދަވާތަން. ދެބޭފުޅުންގެވެސް ޝަކުވާ އަޅުގަނޑާ ހަމަޔަށް އާދޭ. އެއީ އެދެބޭފުޅުންގެ އަމިއްލަ ކަންތައްތަކެއް ކަމަށް އަޅުގަނޑަށް ފެންނަނީ. އެދެބޭފުޅުންގެ ސިޔާސީ ވާދަވެރިކަންކަމަށް ބޮޑަށް ބެލެވެނީ. އެދެބޭފުޅުންގެ ސިޔާސީ ކުރިމަގާ މެދު ދެބޭފުޅުން ދެކޭގޮތުގެ ތަފާތަކުކަމަށް ބެލެވެނީ އެޖެހުނު މައްސަލައަކީ.
ވޮއިސް: މަސައްކަތްކުރެއްވިންތޯ މައްސަލަ ހައްލުކުރެވޭތޯ؟
ޔާމީން: ވަރަށް މަސައްކަތްކުރިން. އެކަމަކުވެސް ހަމަ ވާހަކަދެކެވިފަގޮސް ފެންނާނީ ކޮންމެވެސް ކްލޭޝްއެއް.
ވޮއިސް: ނާޒިމް ފްރޭމްކުރުމުގެ ހަޤީޤަތް އެނގިވަޑައިގަންނަވާތޯ؟
ޔާމީން: އަޅުގަނޑަށް ތީގެ ހަޤީގަތެއް އެއްގޮތަކަށްވެސް ނޭނގޭ. ނާޒިމްގެ ފަރާތުން ވަކާލާތުކުރެއްވި ބޭފުޅުންވެސް ވިދާޅުވަނީ އެހެން. އެކަމަކު އަޅުގަނޑަކީ ޤާނޫނު ތަންފީޒުކުރަން ހުރި މީހާ، އެކަމަކު އަޅުގަނޑަކަށް އެކަން ދެނެގަންނާނެ ގޮތެއް ނޯވޭ މީހަކު ފްރޭމްކުރީތޯ ކާކުތޯ ފްރޭމް ކުރީ. އަޅުގަނޑަށް އެނގޭނެގޮތެއް ނެތް. އަޅުގަނޑު މިއީ ޤާނުނު ތަންފީޒު ކުރަން ހުރި އެންމެ އިސްމީހާ ކަމުން، އަޅުގަނޑު ކަންތައް ކުރަން ޖެހޭގޮތަށް އަޅުގަނޑު ކަންތައް ކުރީ. ކޯޓު އަމުރެއްގެ ދަށުން އެގެއަށް ދިޔައީ. އެގޭގައި ބަޑިއެއް އޮތްކަން، ދެން ނާޒިމްގެ ކަމެއް އެއީ ނާޒިމްގެ އެއްޗެއް ނޫންކަން ހާމަކޮށްދެއްވުންއެއީ. ނާޒިމަށް އެކަމެއް ތަހުޤީޤަށް ހާމަކޮށެއް ނުދެވުން. ނާޒިމް އެކަމެއް ކޯޓު މަރުހަލާގައި ސާބިތުކޮށެއްނުދެވޭ.
ވޮއިސް: އެދެބޭފުޅުންގެ ކޯޅުން އެއީ ސަރުކާރު ބަލިކަށިވެގެން ދިޔަކަމެއްކަމަށް ދެކެވަޑައިގަންނަވަންތޯ؟
ޔާމީން: ޝައްކެއްވެސް ނެތް. އެދެބޭފުޅުންގެ ކޯޅުންވެގެން ދިޔައީ ސަރުކާރަށް އުފުލަން ޖެހުނު ވަރަށް އުދަގޫކަމަކަށް. މުޅި ކެބިނެޓަށް ވެސް އެއީ ވަރަށް އުދަގޫވެގެން ދިޔަކަމެއް.
ވޮއިސް: އަދީބް ނައިބް ރައީސްކަމަށް ގެނައުމާމެދު މިހާރު ދެކެވަޑައިގަންނަވަނީ ކިހިނެތޯ؟
ޔާމީން: އަދީބް ނައިބް ރައީސްކަމަށް ގެނައުމުގެ މައްސަލައެއްނޫން ކަންނޭނގޭ މައްސަލައަކީ. ނައިބް ރައީސްއަކަށް ނުވި ނަމަވެސް ޑިފެންސް މިނިސްޓަރަކަށް ހުރި މީހަކަކަށްވެސް މިވަރުގެ ކަމެއް ކުރެވިދާނެ ނޫންތޯ؟ އަދީބް ވަރަށް މުރާލިކަމާއެކު ރައީސް އަށާއި ސަރުކާރަށް ހިދުމަތް ކުރަމުން އައި ބޭފުޅެއް އަދީބަކީ އޭރު.
އަދީބް ނައިބް ރައީސްކަމަށް އައުން ނޫންކަންނޭގޭ މައްސަލައަކީ. ދެން ދިވެހިރާއްޖޭގެ ނައިބު ރައީސުންގެ ތާރީޚު ކޮންމެ ގޮތަކަށް އޮތަސް. ދެން އަދީބަށް ފަހުން އައީ ކޮންބަދަލެއްތޯ އެޔަށް އެއްޗެއް ބުނާކަށް ދެން ނޭނގޭ. ނައިބު ރައީސް ނޫންތޯ. އެއަށްވުރެން އަޅުގަނޑާއި ގާތް އެހެން މީހުން މިއަދު ކޮބައިތޯ މިއަދު. އެއީ ދެން ނައިބް ރައީސްއަށް ކޮންމެހެން ވެގެން ވާގޮތެއް ނޫން ދެއްތޯ. މީހުންގެ ވިސްނުމާއި ފިކުރަށް އަންނަބަދަލު އަންނަންޖެހޭ ވަގުތެއްގައި އަންނަނީ ކީއްވެގެންކަން އެދެން އަޅުގަނޑަކަށް ގޭޖްކުރާކަށް ނޭނގޭ.
ވޮއިސް: ކޯލިޝަން ޕާޓްނަރ ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއާއި ޖެހުނު މައްސަލައަކީ ކޮބައިތޯ؟
ޔާމީން: އަޅުގަނޑު ހަނދާންވާގޮތުގައި އެންމެ ފުރަތަމަ ނިކުތް މައްސަލައަކީ، ވެސް ކޯލިޝަންގަ ހުންނަވައިގެން ޤާސިމް އިސްވެހުންނަވައިގެން ޖޭޕީން އުދަގޫތަކެއް އަޅުގަނޑުމެނަށް ކުރިމަތިކުރުވި، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ބަޖެޓް ކަމުގައިވާ 2014 ވަނައަހަރުގެ ބަޖެޓް ފާސްކުރަން. 17 ނޮވެންބަރު 2013 ގައި އަޅުގަނޑު ހުވާ ކުރައްވައި އެވީ އެއްމަސްތެރޭގައި އެތައް ބައިވަރު ރެޒަވޭޝަންތަކެއް ހުރި އެ ބަޖެޓަށް ވޯޓް ދޭންވެސް. ފަހުން އަޅުގަނޑަށް އެނގުނުގޮތުގައި ބަޖެޓަށް ވޯޓު ހޯދުމަށް އަދީބް ވަރަށް މަސައްކަތްތަކެއް ޖޭޕީއާއެކުކޮށް އެހާލުގައި ބަޖެޓަށް އެބޭފުޅުން ވޯޓު ދެއްވީ.
ދެން ދިމާވި މައްސަލައަކީ 2014 ވަނަ އަހަރު މަޖިލިސް އިންތިހާބަށް އަޅުގަނޑުގެ ބަހެއްނެތި ދެޕާޓީގެ ލީޑަރުން ދެޕާޓީގެ ގޮނޑިތައް ބަހާނެގޮތް މިވަނީ ނިންމާފައި. އަޅުގަނޑަށް މިކަން އެނގުމުން އަޅުގަނޑު ބުނިން ގޮނޑިތައް ބަހާނެގޮތް ނިންމޭނީ އަޅުގަނޑަށޭ. އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ދާއިރާތައް ހުރީ ޖޭޕީއަށް ދެއްވާފައި ރައީސް މައުމޫން އާއި ޤާސިމް އިބްރާހިމް މަޝްވަރާކުރެއްވުމަށްފަހު. އަޅުގަނޑު އޭގެކުރިން ޒަމީރާއި، ފާރިޝް އަދި އަބްދުރަހީމް ކައިރީ ބުނެފަ ވާނެ، ބުލެޓް ފޯމަށް ޓައިޕްކޮށްފައި ދިނިން މިކަންކަން ނިންމާފައި ނޫނީ ކޯލިޝަންގެ ގޮނޑިތައް ބަހާނެގޮތް ނުނިންމޭނޭ. ރައީސް މައުމޫނަށް އޭރު އެކަން އެނގިނުލައްވާ.
ތިންވަނައަށް ދިމާވި މައްސަލައަކީ ޤާސިމް މަޖިލިސް ރައީސްކަން ބޭނުންފުޅުވުން. އޭރު ރައްޔިތުން އަޅުގަނޑުމެންގެ ޕާޓީއަށް ބޮޑު އަޣުލަބިއްޔަތެއް ދީފައިވާތީ އަޅުގަނޑުމެންނަށް ދަތިވީ ޤާސިމްއަށް މަޖިލިސް ރައީސްކަން އަރުވަން. އެނޫން މައްސަލައެއް ނުޖެހޭ އަޅުގަނޑުމެން މެދުގައި.
ވޮއިސް: ސިޔާސީ ގޮތުން ޤާސިމް އިބްރާހިމްއަކީ ކޮން ކަހަލަ ބޭފުޅެއްތޯ؟
ޔާމީން: ސިޔާސީ ގޮތުން ޤާސިމް އިބްރާހިމްއަކީ، ސީޔާސީ ގޮތުން މަސައްކަތްކުރަން ފަސޭހަކޮށް ކުރިއަށް ގެންދެވޭކަމަށް ވަންޏާ ހަމަ ވަރަށް ރަނގަޅު ބޭފުޅެއް. އެކަމަކު ވާގޮތަކީ ޤާސިމް އަރިހުގައި އުޅުއްވާ ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑުމެނަށް ކޯލިޝަންގައި މަސައްކަތްކުރަން ދަތި ވާ ކަންކަމާ ދިމާވާންޖެހެނީ.
ވޮއިސް: ސަރުކާރުގެ ވަރަށް ކުރީކޮޅު ކޮރަޕްޝަންގެ މައްސަލަތައް މިވަނީ ފެންމަތިވެފަ. ކޮބައިތޯ މައްސަލައަކީ. ލެވުނު މީހުންގެ މައްސަލަތޯ ނިޒާމުގެ މައްސަލަތޯ މިއީ؟
ޔާމީން: ނޫން ތިކަހަލަ އެއްވެސް މައްސަލައެއްނޫން. އެއީ މިޔަށް ދެވޭ އަހައްމިޔަތު ތަފާތީ. އެއީ ލިޔުންތެރިންގެ ނިންމުން. ދިވެހިރާއްޖެއަކީ ހުދު ފޮތިކޮޅެއްފަދަ ސާފު ތަނެއްތޯ؟ ކޮން ޒަމާނެއްގަތޯ ދިވެހިރާއްޖޭގައި ކޮރަޕްޝަންނެތީ؟ ހުރިހާ ޒަމާނެއްގައިވެސް ކޮރަޕްޝަން އެބައޮތް. އަދި ހުރި ކޮރަޕްޝަންގެ މައްސަލަވެސް ބެލިފައެއް ނުހުންނާނެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމުގެ ވާހަކަ ކީއްވެގެންތޯ އަޅުގަނޑުމެން ނުދައްކަނީ؟ ކޮބައިތޯ ޓްރާންސްޕޯޓް ވިއުގާގައި ދޫކުރި ހުރިހާ ބިންތަކާއި ރަށްތައް؟ ކޮބައިތޯ އެނިޒާމް މިހާރު؟ ކޮބައިތޯ ބައިވޯޓާސް ލައްވައި ހުޅުދޫ މީދޫގައި ފެންއަޅަން ކުރި މަސައްކަތާއި ކަންކަން؟ އެވާހަކަތައް ނުދައްކަނީ ނޫންތޯ. ބައެއް ނޫސްވެރިނަށް އުދަގުލީ ނޫންތޯ އެވާހަކަ ދައްކަން!!
މިހާ އަޑު ބާރުކޮށް އަޅުގަނޑުގެ ސަރުކާރުގެ ވާހަކަ ދައްކަނީ މިހާ ފަހުން ހިނގާފައިވާ މިހާ ބޮޑު ކަމަކަށްވާތީ. މިއީ ނިޒާމުގެ މައްސަލައެއް. ވަޒީފާތަކަށް ލާމީހުންގެ ކަންތައްތައް ބަލަން އޭރުވެސް ހުރޭ މީރާވެސް. ފިނޭންސް މިނިސްޓްރީވެސް. ކީއްވެގެންތޯ އެތަންތަނަށް ވަންނަ ފައިސާ އެތަންތާ ވެރިން ނުބެލީ. ކީއްވެގެންތޯ ބޭންކް ތެރެއިން މިކަންކަން މާރުވެގެންދިޔަ އިރު ނުބެލުނީ.
މިއަދު އެމްއެމްޕީއާރސީގެ ވަހަކަދައްކާ އިރު ހަޤީގަތުގައި މިއުޅެނީ ގެއްލިފަވާ ފައިސާ ވައްދަންތޯ. އަޅުގަނޑު އެހިން މެންބަރަކު ތިމަންނާއޭ ފައިސާ ގެންދިޔައީ. އެމްޑީޕީގެ މެންބަރުނަށްވެސް އެފައިސާ ވަނީ ގެންގޮސްދީފައޭ ވިދާޅުވެފަ. ކޮރަޕްޝަންގެ މައްސަލަ ބަލާއިރު މި އެންމެންނަށް ކާކަށް ކޮން ފައިސާއެއްތޯ ލިބުނީ ބަލާލަންވީނުންތޯ؟
ވޮއިސް: އެމްއެމްޕީއާރސީގެ ގެއްލުނު ފައިސާ އެއްވެސް ވަރަކަށް ރިކަވާ ކުރެވުނުތޯ؟
ޔާމީން: އަޅުގަނޑަކަށް ތިޔެއްނޭގޭ. ރައީސްއެއްނޫން އެ ރިކަވާ ކުރަން ޖެހޭނީ. އެ ރިކަވާ ކުރަން ޖެހޭ ފަރާތަކީ އޭސީސީ. ފައިސާ ރިކަވާ ކުރެވިއްޖެއްޔާ އޭގެ އެއްވެސް މައުލޫމާތެއް އެނގޭނީ ފިނޭންސްއަށް. އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް ފައިސާއެއް ރިކަވާވިހެނެއް.
ވޮއިސް: ނައިބް ރައީސްގެ މަޤާމަށް ފާރިޝް ގެނައުމަށް ރައީސް މައުމޫން މަޝްވަރާ ކުރެއްވިތޯ؟
ޔާމީން: ސީދާ މައުމޫން އަޅުގަނޑު ގާތު ވިދާޅުނުވޭ. އަޅުގަނޑު ގާތައް ބޭފުޅަކު ވަޑައިގަތީ ވާހަކަ ދައްކަވަން ފާރިޝް މައުމޫން ވީޕީއަކަށް ލާން. އަޅުގަނޑު ހަނދާންވާގޮތުގައި ޖަމީލް ވަކިވި ހިސާބުން ފެށިގެންވެސް ރައީސް މައުމޫންގެ އިންޓަރެސްޓް އޮތްކަން އަޅުގަނޑަށް ފަހުން އެނގުނީ. އެކަން ތަންކޮޅެއް ބޮޑުވެގެންއައީ ޖިހާދް ނައިބް ރައީސްކަމަށް ގެނައި ހިސާބުން. މައުމޫން ވިދާޅުވި ޖިހާދު ނައިބް ރައީސްކަމަށް އައްޔަން ކުރެއްވި އިރު މަޝްވަރާ ނުކުރެއްވީ ކީއްވެތޯ. އަޅުގަނޑަށް ސުވާލު އިސްކުރެއްވި.
ވޮއިސް: ކުރީގެ ރައީސުން މަޖިލީހަށް ކުރިމަތި ލެއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޔާމީން: ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވާން ބޭނުމިއްޔާ ހަމަ ރަނގަޅުކަމެއް ނޫންތޯއެއީ ކުރައްވަން.
ވޮއިސް: އަޅުގަނޑުމެނަށް މައުލޫމާތު ލިބިފައިވަނީ ލ އަތޮޅުގެ ގޮނޑިއަކަށް މަނިކުފާނު ކުރިމަތިލައްވާ ވާހަކަ. މަޖިލީހަށް ކުރިމަތިލައްވަފާނަންތޯ؟
ޔާމީން: އަޅުގަނޑު އެއަކަށް ގޮތެއްނުނިންމަން އިނގޭތޯ. އަޅުގަނޑުވެސް ޝައުގުވެރިކަން ހުންނަފަހަރުދޭ. މަޖިލިސްތެރޭގައި މަސައްކަތް ކޮށްލަން. އަޅުގަނޑަށް ޤާބޫލެއްނުކުރެވޭ މަޖިލިސް ތެރޭއެކުރެވޭ މަސައްކަތުގައި ސިޔާސީ މީހުން ނޫޅެންޖެހޭ ސަބަބެއް އޮތްކަމަށް.
ވޮއިސް: މަޖިލީހަށް ނިކުންނަވާނެނަމަ ނިކުންނަވާނީ ކޮން ދާއިރާއަކަށްތޯ؟
ޔާމީން: އެވަގުތު ޖެހުނީމަ އަޅުގަނޑު ހާމަކުރާނަން.
ވޮއިސް: އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި އެންމެ ބޮޑަށް ދިމާވާނެކަމަކީ ކޮބައިކަމަށްތޯ ދެކެވަޑައިގަންނަވަނީ؟
ޔާމީން: އެންމެ ބޮޑަށް ދިމާވާނެކަމަށް ދެކެނީ ނާޤާބިލްކަން. ޑެލިވަރީގެ މައްސަލަ. މިހާތަނަށް ދިޔައިރު ކޮބައިތޯ ބޮޑު އެއްވެސް ކަމެއް ޑެލިވާ ކުރެވިފައި. މާލޭގައި އާ ޕާކެއް ހެދުން ދެއްތޯ. ސަލްޓަންޕާކުގެ ނަމުގައި. އެއީތޯ ޑެލިވަރީއަކީ.
ވޮއިސް: ފަސް އަހަރުގެ ދައުރެއް އިބްރާހިމް މުހައްމަދު ޞަލިހްއަށް ކުރެވިދާނެކަމަށް ޤަބޫލުފުޅުކުރައްވަންތޯ؟
ޔާމީން: ތިޔަށް އަޅުގަނޑު ކޮމެންޓް ކުރާކަށް ބޭނުމެއްނޫން. އަޅުގަނޑު އެދެނީ ކޮންމެ ރައީސްއެއްވެސް 5 އަހަރު ދުވަހުގެ ދައުރު ފުރިހަމަ ކުރުން.
ވޮއިސް: ރައީސް ނަޝީދާއެކު މި 5 އަހަރު ސިޔާސީ މަސައްކަތް ކުރައްވަފާނަންތޯ؟
ޔާމީން: އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ އެމްޑީޕީގެ ފިކުރާ އަޅުގަނޑުގެ ފިކުރާ އެއްގަލަށް އަރާފާނެކަމަށް.
ވޮއިސް: ޤާސިމް އިބްރާހިމްއާއެކު؟
ޔާމީން: އަޅުގަނޑުމެން ޤާސިމް އިބްރާހިމްއާއެކު މީގެ ކުރިންވެސް މަސައްކަތްކޮށްފިން ދެއްތޯ. މީގަ އޮތީ ދެފަރާތުގެ އިޚުލާސްތެރިކަން.
ވޮއިސް: ފާއިތުވި 5 އަހަރަށް ހުރިހާ ގޮތަކުން ބަލާއިރު މަނިކުފާނަށް ކުރިމަތިވި އެންމް ބޮޑު ޗެލެންޖަކީ ކޮބައިތޯ؟
ޔާމީން: މީހުން ނޭނގުން. މީހުން ބަދަލުވަނީ ކީއްވެގެންކަން. ދެނެގަނެ، ބަދަލުވާ ސަބަބު ދެނެގަނެ އަދި ބަދަލުވާ ސަބަބަށް އެޓެންޑުވާން އަޅުގަނޑަށް ނޭގުން. އަޅުގަނޑަކަށް ނޭގޭ މިސާލަކަށް އިބްރާހިމް މުއާޒް އަލީގެ ވިސްނުން ކުއްލިއަކަށް އެބަދަލުވީ ކިހިނެއްކަމެއް. އެކަން ދަނެގަނެވިގެން އެއަށް ފަސޭހަވާނެ ފަންޑިތައެއް ހެދުނުދުވަހަކުން ރާއްޖޭގެ ކަންތައްތައް ދާނީ ރަނގަޅަށް.
ވޮއިސް: ރައީސް ކަންތައްތައް ކުރެއްވިގޮތުންކަމަށް ވެދާނެތޯ ވިސްނުން ބަދަލުވާންޖެހެނީ؟
ޔާމީން: ކޮން ރައީސްއަކަށްތޯ އޭނާ ކުރާކަމަކުން އޭނާ ވަށައިގެން ތިބެނީ. ކޮންމެ ރައީސްއަކީވެސް އިންސާނެއް. ކޮންމެ ރައީސްއަކުވެސް މަސައްކަތްކުރާނީ އޭނާގެ ޤާބިލްކަން ހުރި މިންވަރުން. ތަފާތަކަށް ވާނީ އޭނާ ޤަބޫލުކުރާ ވިސްނުންތައް.
ވޮއިސް: ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ޢާންމު ފެންނަ ނުފެން ވޯޓަކަށް ގޮސްފިނަމަ ޕީޕީއެމް ނުވަތަ ޕީއެންސީ ބަރުލަމާނީ ނިޒާމަކަށް ތާއިދުކޮށްފާނަންތޯ؟
ޔާމީން: ނޫން ނޫން. އަޅުގަނޑަށް ތިހާ ދުރަށް ތިކަހަލަ ކަންކަން ކިޔާކަށް ނޭނގޭނެ.
ވޮއިސް: މަޖިލިސް މެޖޯރިޓީ ޕީޕީއެމް ނުވަތަ ޕީއެންސީއަށް ލިބިއްޖެނަމަ އުވާލެވިފައިވާ އަބުރުގެ ޤާނޫނާއި ފްލޯ ކޮރޮސިންގ ޤާނޫނު އަލުން ފާސްކުރާނަންތޯ؟
ޔާމީން: ނޫން. ނުކުރާނަން އެއްވެސް މަސައްކަތެއް. ކީއްކުރަންތޯ އަނެއްކާ އަނެއް ދުވަހު ބަދަލުކޮށްލާ ކަމެއް ކުރަންވީ.
ވޮއިސް: ރިޔާސީ ކޮމިޝަނުން ގެއްލިފައިވާ ފައިސާ ހޯދޭނެކަމަށް ދެކެވަޑައިގަންނަވަންތޯ؟
ޔާމީން: ހޯދަން އުޅެފީޔާ ހޯދެންވާނެ. ހޯދަން މަސައްކަތްކުރުން އޮތީ.
ޕާސަނަލް ހުރިހާ ބޭންކް އެކައުންޓެއް ވަނީ ފްރީޒްކޮށްފައި. ވަކި އެންމެ އެކައުންޓެއް ނޫން. އަޅުގަނޑަށް މިހާރު ބޭންކުތެރެއިން އަޅުގަނޑަށް އެއްވެސް އެކައުންޓަކަށް ޗެކެއްވެސް ވިތުޑްރޯ ނުކުރެވޭ. މީގަ މޮޅުކަމަކީ އަޅުގަނޑަކަށް ވެސް މިކަން ކުރާކަން ނޭނގޭ. އަޅުގަނޑުގެ ލޯޔަރުންނަކަށްވެސް ނޭނގޭ. އަނެއްކާ އެކަން ހިނގިއިރު ތަހުޤީގުގައި ސުވާލުވެސް ކުރައްވާފައި ނުވޭ.
ޕްރީޒްކޮށްފައިވަނީ ގާތްގަޑަކަށް 100 މިލިއަން ރުފިޔާގެ އެމައުންޓެއް. އިލެކްޝަނަށް ޑިކްލެއާކުރަން ނުޖެހޭނެ އަޅުގަނޑުގެ ޕާސަނަލް އެކައުންޓުގައި ވާއެއްޗެއް. އަޅުގަނޑު އެކައުންޓުގައި އެކަނިތޯ ފައިސާ ހުރެގެން މިއުޅެނީ. އެހެންމީހުންގެ އެކައުންޓުގައި ފައިސާ ނެތިގެންތޯ މިއުޅެނީ.
ވޮއިސް: ކިހިނެ ހޯއްދެވި 100 މިލިއަން ރުފިޔާއެއްތޯ؟ ވިޔަފާރިއެއް ކުރެއްވިންތޯ؟
ޔާމީން: ތިއެއްސެވީއެއްނުން ވިޔަފާރި ކުރަންތޯ. އަޅުގަނޑުގެ އުމުރުން ކިހާވަރެއްތޯ؟ އަޅުގަނޑު ޕަބްލިކް ފިގާއަކަށް ވެގެންއުޅޭތާ ކިހާދުވަހެއްތޯ؟ އަޅުގަނޑަށް އާމްދަނީ ލިބެނީ ކޮން ސޯސްއަކުންތޯ އެއްވެސް ފަރާތަކުން ބަލާފައެބަހުރިތޯ. ފުލުހުންބެލިތޯ. އަޅުގަނޑުގެ ފުދުންތެރިކަން ހުންނަނީ ކިހާ މިންވަރަކަށްތޯ ބަލާފައިވޭތޯ. އަޅުގަނޑު ޕްރޫވް ކޮށްދޭނަން އަޅުގަނޑު އަތުގަ ލާރި ހުރިގޮތް. އެތާކު ނުހުންނާނެ ނާޖާއިޒް ފައިސާއެއް. އެތާކު ނުހުންނާނެ ސަރުކާރު ފައިސާއެއް. އެތާކު ނުހުންނާނެ މަނީ ލޯންޑްރީ ކޮށްފަހުރި ފައިސާއެއް. އެހެންވީމަ ފުރަތަމަ މިކަހަލަ ކަމެއްގައި އުޅޭ ބަޔަކު ބަލާލަންވީ ޔާމީން ސިޔާސީ މަސައްކަތަށް ނިކުމެ ޕަބްލިކް ފިގާއަކަށް ވީ ކިހާތާކު. ޔާމީންއަށް އާމްދަނީ ލިބެމުން އައި ކިހާތާކު ކޮން ސޯސްއަކުންތޯ. އަޅުގަނޑަށް އާމްދަނީ ލިބެނީ އަޅުގަނޑު ރައީސްކަމަށް އައުމުން އެކަނިތޯ. އަޅުގަނޑު ކިޔާދޭނަން އަޅުގަނޑު ކާރި ފުލުހުން އައްސަވާފިއްޔާ އަޅުގަނޑު އާމްދަނީ ހޯއްދެވިގޮތް. އަދިވެސް އެސުވާލެއް ނުކުރައްވާ.
ވޮއިސް: ކިހިނެއްތޯ އާމްދަނީ ހޯއްދެވީ؟
ޔާމީން: ތީ ޕޮލިސްއެއް ނޫނެއްނޫން. ތީ މިހާރު ޕޮލިސްގެ ތަހުޤީގުގައި އޮތް ކަމެއްނޫންތޯ. ނޫސްވެރިއަކަށް ނޭހޭނެތި ސުވާލެއް މިހާރު. އެއީ ޕޮލިސްގެ ތަހުޤީގުގައި އޮތްކަމެއް މިހާރު.
ވޮއިސް: ޕަބްލިކް އިސޫއަކަށް ވުމުން މިކަން ސާފުކޮށްދޭންވާނެ ނޫންތޯ؟ މަނިކުފާނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްކަމުން މިކަން ހާމަކުރަންވާނެ ނޫންތޯ؟
ޔާމީން: ކީއްވެ ޕަބްލިކް އިސޫއަކަށް ވާންވީ. މިއީ ޕޮލިސް އިޝޫއެއް. ކޮބައިތޯ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުން. ކޮބައިތޯ ޕަބްލިކް އިންޓަރެސްޓް އޭގައި. ފުލުހުންނަށް އަޅުގަނޑުގެ އެކައުންޓުގައި ހުރި ފައިސާއާމެދު ފުރިހަމައަށް ޖަވާބުދާރީ ވެވޭނެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ