ޖޭޕީން ރައީސް ޔާމީނާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ - އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ. ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް ރިޔާޒް ވިދާޅުވިއިރު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޔާމީނާ މަޝްވަރާ ކުރަން ވެސް ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް ވަނީ ވިދާޅުވެފައެވެ.
"ރައީސް ޔާމީނާއެކު މަސައްކަތްކުރަން ޖެހޭ އެއްވެސް ހާލަތެއް ނާންނާނެ. އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށްއޮތް ފަސް އަހަރު ކޮންޓިނިއު ކުރާނަން. އެއީ ޖުމްހޫރީ ޕާޓީގެ ޕޮޒިޝަނަކީ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކުރިއަށް މިއަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށާއި އިންތިޚާބަކަށް ދާއިރު ޖުމްހޫރީ ޕާޓީއަށް ވެސް ރައްޔިތުންގެ މެޖޯރިޓީއެއް ބޭނުންވާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީއަކާއި ހުރިހާ ލީޑަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް ހުރިހާ ލީޑަރުންގެ ތާއީދު ބޭނުންވޭ. އެ ތާއީދު ބޭނުންވުމަކީ އެބޭފުޅަކާއެކު މަސައްކަތްކުރުމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީން ނޫނީ ޕީޕީއެމް ނޫނީ ޕީއެންސީ ވެގެންދާނީ އޮޕޮޒިޝަނަށް، އަޅުގަނޑުމެން ވާނީ ސަރުކާރަށް. އޮޕޮޒިޝަނުން ރަނގަޅަށް ޕޮލިޓިކްސް ހިނގާ ކަމުގައިވަންޏާ އަޅުގަނޑުމެން ޒާތީ ވެގެންނެއް ނުވާނެ އެއްވެސް ބަޔަކާ. އަޅުގަނޑުމެން އޮޕޮޒިޝަންގެ ގޮތުގައި ތިބި ބަޔަކާއެކު ވެސް މަޖިލިސް ތެރެއިން ކުރަންޖެހޭ ބަހުސް، މަޝްވަރާ ކުރެވެން ޖެހޭނެ. އެމީހުންނާ އެއްވެސް ވާހަކައެއް ނުދެކެވި، ކަންކަން ނުކުރެވޭ ގޮތަކަށް އޮވެގެންނެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އިތުރުން ގާސިމް އިބްރާހީމްއަކީ ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސަށްވުމާއެކު ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ހިންގުމަށްޓަކައި މިވަގުތު ޕީޕީއެމްގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި ވެސް ޕީޕީއެމްގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީން ރައީސް ޔާމީނާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް ރިޔާޒް ވިދާޅުވިއިރު މީގެ ކުރިން ވެސް އޭނާ އަކީ ޔާމީނަށް އަމާޒުކޮށް އެންމެ ވަރުގަދަ އަށް ފާޑުވިދާޅުވާ އެއް ބޭފުޅާއެވެ.
ރިޔާޒް ގެންދަވަނީ އަންނަ އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަމުންނެވެ. އޭނާ އާއި ވާދަކުރައްވާނީ ތިމަރަފުށީ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ