ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި ހިންގަމުން ދިޔަ ޑިމޮކްރަސީއާ ޚިލާފު ކަންކަން ހުއްޓުވައި، ޑިމޮކްރަސީ އަލުން އަނބުރާ އިޔާދަ ކުރުމަށް އިންޑިއާ އިން ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ، އިންޑިއާ އިން ރާއްޖެ ޑިމޮކްރަސީގެ މަގަށް އަނބުރާ ގެނައުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތި ކުރުވި ކަމަށެވެ. އަދި އިންޑިއާ އިން، އިންޓަނޭޝަނަލް ކޮމިއުނިޓީއާ ގުޅިގެން ރާއްޖެ ހަމަ މަގަށް އެޅުވުމަށް މުހިންމު މަސައްކަތްތަކެއް ކުރި ކަމަށް މައުމޫން ވިދާޅުވި އެވެ.
ޖަލުން މިނިވަންވިތާ މަހެއްހާ ދުވަސް ފަހުން އިންޑިއާ ނޫހަށް ދެއްވި އިންޓަވިއުގައި މައުމޫނު ވިދާޅުވީ، ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަން މުވައްސަސާތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ދިޔަ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ އިން ފެނިގެން ދިޔައީ ރައްޔިތުން އެކަންކަން ބަލައިނުގަތް ތަން ކަމަށް މައުމޫނު ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ޗައިނާއާ އެކު ރާއްޖޭން ބޭއްވި ގާތް ގުޅުމާއި އެކު އިންޑިއާ ރާއްޖެއާ ފެޔަށް ޖެހިފައި ވީނަމަ ވެސް ކޯލިޝަން ސަރުކާރުގައި އެ ގުޅުން ރަނގަޅުވާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. އަދި ދިވެހިންގެ ނިންމުންތަކަށް ޗައިނާ އިން އިހުތިރާމު ކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
ރާއްޖޭން ނަގާފައިވާ ދަރަނި ބޮޑުވުމުން އެކަމާ މެދު މައުމޫނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އާ ސަރުކާރުން މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ކަންކަން އަލުން މުރާޖައާކޮށް ބަލަން ޖެހޭ ކަމަށް މައުމޫނު ވިދާޅުވި އެވެ.
ރާއްޖެ އަށް ޑިމޮކްރަސީ އިޔާދަ ކުރެވުނީ އިންޑިއާގެ އެހީއާ އެކު: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ