ރައީސް ޔާމީނުގެ ސަރުކާރަށް ޕްރެޝަރުކޮށް އިންޑިއާއިން ދިވެހިރާއްޖޭގައި އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށް އެހީތެރިވި ކަމަށާއި އަލަށް އަންނަ ސަރުކާރަކުން އިންޑިއާއިން ބޭނުންވާ ކަންތައްތަކަށް ސަމާލުކަންދޭނެކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޔާމީނުގެ ސަރުކާރުން ކަންތައްތައް ކުރެއްވި ގޮތުން ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް މިއަދު ދުޝްމަނުންގެ މައްޗަށް ޑިމޮކްރެޓިކް ބާރުތަކުގެ އެހީގައި ކުރި ލިބިފައިވާ ކަމަށްވެސް މައުމޫން ބުނެފައިވެއެވެ.
އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް ޔާމީން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބުމުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ރާއްޖެއަށް މިހާރު އަމާންކަން ވެރިވެފައިވާކަމަށްވެސް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.
ރިޔާސީ އިންތިހާބުން ބަލިވުމާއި ގުޅިގެން ރައީސް ޔާމީން ކޯޓަށް ހުށަހެޅުއްވި މައްސަލައަށް އަލިއަޅުވާލަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރާ އިދާރާތަކައި މެދު ރައްޔިތުންގެ އިތުބާރު ފާއިތުވެދިޔަ މަދު އަހަރުތަކުގެތެރޭ ހީނަރުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމުގެ ސަބަބުން އަލަށް އަންނަ ސަރުކާރުގައި ގާނޫނު ނެގެހެއްޓޭނެ ކަމަށްވެސް މައުމޫންވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއި ބެހެއްޓި ގާތް ގުޅުމާއި ބެހޭ ގޮތުން ސުވާލުކުރެވުމުން މައުމޫން ޖަވާބުގައި ދެންނެވީ ރައްޔިތުންވަނީ ގޮތް ނިންމާފަ ކަމަށާއި ރާއްޖެއާއި އިންޑިއާއާމެދު ބާއްވާ ގާތް ގުޅުމަށް ޗައިނާއިން އިހްތިރާމްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
''ރާއްޖެ ތަރައްގީ ކުރުމަށް ޗައިނާއިން ދިން އެހީތެރިކަން ފާހަގަކުރަން، ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގެތެރޭ ރާއްޖެވަނީ ކަންބޮޑުވާ މިންވަރަށް ދަރަނިވެރިވެފަ، އެހެންކަމުން އެކަންތައް އެބަޖެހޭ ރަނގަޅަށް މުރާޖާކޮށް ހަމައަކަށް އަޅުވަން. ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހްތިރާމް ކުރާނެކަން އަޅުގަނޑަށް ޔަގީން" މައުމޫން ބުންޏެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވާން ފަށައިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހު އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުންކުރި ހުކުމްތަކަށް ބޯނުލަނެބުމުގެ އިތުރުން އެކަމާއި ގުޅިގެން ގައުމުގައި ކުއްލި ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނަށް ބަލާއިރުވެސް އިންޑިއާއަކީ ރާއްޖޭއާއި އެންމެ ގާތް އަދި އިތުބާރުކުރެވޭ ގައުމުކަމުގައި މައުމޫންވަނީ ސިފަކުރައްވާފައެވެ. ނިމިދިޔަ އަހަރުތަކުގައި ހިނގާދިޔަ ކަންތައްތަކުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫނާރާނެކަމަށް މައުމޫން ފާހަގަކުރެއްވިއެވެ.
އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންކުރި ހިތި ތަޖުރިބާތަކަށްފަހު އައު ސަރުކާރުން ގައުމު އެއްބައިވަންތަ ތަނަކަށް ހަދާނެކަމުގެ ޔަގީންކަން އޮތް ކަމަށްވެސް މައުމޫން ބުންޏެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ އިންތިހާބު ބާއްވާފައިވަނީ އެމަނިކުފާނު ކުރެއްވި މަސައްކަތްފުޅު ތަކުންކަމަށާއި 2008 ވަނަ އަހަރު އެ އިންތިހާބު ބޭއްވުނުއިރު ޑިމޮކްރަސީއެއް ދަމަހައްޓައި ރައްކާތެރިކުރުމަށް ގާނޫނު ތަންދޭގޮތުން ކަންކަން މަގުފަހި ކުރެވިފައިވާނެކަމަށް މައުމޫން އިތުރަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް އެމަނިކުފާނުގެ ޒައާމަތުގެ ފަހުން ވަކިބައެއްގެ ލާބައާއި މަންފާއަށްޓަކައި ބާރުތައް ނަހަމަގޮތުގައި ބޭނުން ކޮށްފައިވާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ކުރިއަށް އޮތް ތާނގަ ލިބުނު ތަޖުރިބާތަކުގެ އަލީގައި އެއްބަޔަކު އަނެއްބަޔަކު ކުއްވެރިކުރަން ނޫޅެ ގައުމުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުން މުހިންމުކަމަށެވެ.
އިންޑިއާއިން ދިވެހިރާއްޖޭގައި އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށް އެހީވި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ