ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑީޕީއަށް ސޮއި ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ. މުސްތަފާ އެމްޑީޕީއަށް ސޮއި ކުރެއްވީ ރޭ މާގިރީ ހޮޓެލްގައި ބޭއްވި ހަފްލާއެއްގަ. އެ ހަފްލާގައި ކުރީގެ ރައީސް ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެހަފްލާގައި ވާހަކަ ދައްކަވަމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުސްތަފާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި މުސްތަފާ އެމްޑީޕީއާއި ގުޅި ވަޑައިގަތީ ޕާޓީގެ ގަވާއިދުތަކާއި އުސޫލުތައް ގަބޫލު ކުރައްވާ، އަދި ޕްރައިމަރީއެއްގައި ބައިވެރިވެވަޑައިގަތުމަށް ނިންމަވައިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެ ހަފްލާގައި ތިމަރަފުށްޓާއި، ވޭމެންޑޫގެ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރެއްގައި މުސްތަފާ ތިމަރަފުށި ދާއިރާ ތަމްސީލު ކުރެއްވުމަށް އެދި ޕެޓިޝަނެއްވެސް ވަނީ ހުށަހަޅާފައެވެ. 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް މުސްތަފާ އިންތިޚާބުކޮށްފައިވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ ފަހުން މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން އޭނާ ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ. އަދި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށްޓަކައި ޕެޓިޝަންގައި ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް މުސްތަފާ ހިމެނިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ